ENGLISH
11 ސެޕްޓެމްބަރު 2025
ސޮވެރިން ޑިވެލޮޕްމެންޓު ފަންޑަށް 60 އިންސައްތައިގެ ކުރިއެރުމެއް
10 ޖުލައި 2025
|
ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު، ފޮޓޯ: މަޖިލިސް
ދައުލަތުގެ ދަރަނި އަދާކުރުމަށް އުފައްދާފައިވާ ސޮވެރިން ޑިވެލޮޕްމެންޓު ފަންޑަށް މި އަހަރުގެ ޖޫން މަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށް ޖަމާކުރި ފައިސާގެ އަދަދު ނިމުނު އަހަަރުގެ އެ މުއްދަތުގައި ޖަމާކޮށްފައި ހުރި ފައިސާއަށްވުރެ %60 އިތުރުވެފައިވާކަން ފިނޭންސް މިނިސްޓްރީގެ މާލީ ހިސާބުތަކުން ދައްކައިފިއެވެ.
ހަފުތާއަކު އެއްފަހަަރު މާލީ ވުޒާރާއިން އާއްމުކުރާ ހިސާބުތަކަށް ބަލާއިރު މި އަހަރުގެ ޖޫން 26 ވަނަ ދުވަހުގެ ނިޔަލަށް ސޮވެރިން ޑިވެލޮޕްމެންޓު ފަންޑަށް އެއް ބިލިއަނަށްވުރެ ގިނަ ރުފިޔާވަނީ ޖަމާކޮށްފައެވެ. އެއީ ޑޮލަރުން ބަލާނަމަ ގާތްގަނޑަކަށް 65 މިލިއަން ޑޮލަރެވެ.
ފާއިތުވި އަހަރުގެ ހިސާބުތަކަށް ބަލާއިރު އެ މުއްދަތުގައި ނިމުނު އަހަރު ސޮވެރިން ޑިވެލޮޕްމެންޓު ފަންޑަށް ޖަމާކޮށްފައިވަނީ 629.9 މިލިއަން ރުފިޔާއެވެ. އެއީ 40 މިލިއަނެއްހައި ޑޮލަރެވެ.
އެހެންކަމުން ނިމުނު އަހަރާ އަޅާބަލާއިރު މި އަހަރު އެސްޑީއެފްއަށް ސަރުކާރުން ޖަމާކުރި ފައިސާގެ އަދަދު %60.1 އިތުރުވެފައިވެއެވެ. އެސްޑީއެފްއަށް ޖަމާކުރާ ފައިސާ އިތުރުވުމަކީ ރާއްޖޭގެ ދަރަނި އަދާކުރުމުގެ ގާބިލުކަން އިތުރުވަމުންދާކަމުގެ ހެއްކެއްގެ ގޮތުގައި ބައިނަލްއަގުވާމީ މާލީ އިދާރާތަކާއި ކްރެޑިޓް އެޖެންސީތަކުން ފާހަގަކުރެއެވެ. އަދި ހާއްސަކޮށް އެސްޑީއެފްގަައި ރައްކާކުރެވޭ ޑޮލަރު އިތުރުވުމަކީ ރާއްޖޭގެ ބޭރުގެ ދަރަނި އަދާކުރުމުގެ ގާބިލުކަން އިތުރުވާނެ ސަބަބެއްގެ ގޮތުގައި އެ އިދާރާތަކުން ފާހަގަކުރެއެވެ.
2017 ވަނަ އަހަރު ގާއިމުކުރެވުނު އެސްޑީއެފްގައި 2019 ވަނަ އަހަރުުގެ ނިޔަލަށް 150 މިލިއަނަށްވުރެ ގިނަ ޑޮލަރު ރައްކާކުރެވިފައި ހުއްޓެވެ. އެ ފައިސާ ރައްކާކުރުމުގެ މައިގަނޑު މަގުސަދަކީ ދިވެހި ސަރުކާރުން ވިއްކި ސަނީ ސައިޑް ބޮންޑެއްގެ ދަރަނި އަދާކުރުމެވެ. ނަމަވެސް 2020 ވަނަ އަހަރު ކޮވިޑުގެ އާލަމީ ވަބާ ކުރިމަތިވުމާއެކު އެއިރުގެ ސަރުކާރުން އެ ފަންޑުގައި ހުރި ޑޮލަރު ދިވެހި ރުފިޔާއަށް މާރުކުރިކަން 2021 ވަނަ އަހަރު އައިއެމްއެފްއިން ނެރުނު ރިޕޯޓަކުން ހާމަވިއެވެ.
އެއަށްފަހު 2023 ވަނަ އަހަރު ނިމުމާ ހަމައަށްވެސް އެ ފަންޑަށް ބޭރު ފައިސާ ޖަމާކުރެވިފައި ނެތުމުގެ ސަބަބުން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު އެ ފަންޑުގައި ޑޮލަރުން ހުރީ ދެ މިލިއަނެއްހައި ޑޮލަރެވެ.
ނަމަވެސް އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން އެ ފަންޑަށް ޑޮލަރުން ފައިސާ ޖަމާކުރަން ފަށާފައިވާކަން ފިޗްއާއި މޫޑީސްގެ ރިޕޯޓުތަކުގައި ފާހަގަކުރެއެވެ. އަދި ސޮވެރިން ޑިވެލޮޕްމެންޓު ފަންޑުގެ ހާލަތު ރަނގަޅުވުމަކީ ރާއްޖޭގެ މާލީ އިލްތިޒާމުތައް އަދާކުރެވޭނެ ކަމުގެ ޔަގީންކަން ލިބޭނެ ކަމެއްގެ ގޮތުގައި އެ އެޖެންސީތަކުން ފާހަގަކޮށްފަައިވެއެވެ.