ENGLISH
10 ޖުލައި 2025
ގޯތި ލިބުނު މީހުންނާއެކު ވެފައިވާ އެއްބަސްވުމާއި ބިމާބެހޭ ޤާނޫނާ ފުށުއަރާ ކަންކަން ޙައްލުކުރަނީ
09 ޖުލައި 2025
|
ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް --
ގޯތި ލިބުނު ފަރާތްތަކާ ދެމެދު ވެފައިވާ އެއްބަސްވުމާއި ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނާ ފުށުއަރާ ކަންކަން ޙައްލުކުރުމަށްޓަކައި ބަންޑަރާނައިބުގެ އޮފީހާ މަޝްވަރާކޮށް އެކަމުގައި ޖުމްލަ ޙައްލެއް ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ކޮންސްޓްރަކްޝަން އަދި ހައުސިން މިނިސްޓްރީން ބުނެފި އެވެ.
އެ މިނިސްޓްރީން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ބިންވެރިޔާ ސްކީމްގެ ދަށުން މާލެ ސަރަޙައްދުން ބަންޑާރަ ގޯތި ދޫކުރުމުގެ އުޞޫލުގެ ދަށުން ކުރީ ސަރުކާރުން ހުޅުމާލެ، ގުޅިފަޅު އަދި ގިރާވަރު ފަޅުން ގޯތި ދޫކުރުމަށް އިޢުލާނުކޮށް ގޯތި ލިބުނު ފަރާތްތަކަށް ގޯތި ޙަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށް، ގޯތީގެ ރަޖިސްޓަރީ ޙަވާލުކޮށްފައިވާ ކަމަށެވެ.
އަދި އެކި ސަބަބުތަކާހެދި ގުޅިފަޅުގެލޭންޑް ޔޫސް ޕްލޭނަށްގެނެވުނު ބަދަލާ ގުޅިގެން، ގުޅިފަޅުން ގޯތި ލިބުނު ފަރާތްތަކުގެ ޕްލޮޓުގެ ސަރަޙައްދު ބަދަލުވެފައިވާ ކަމަށެވެ.
އެފަރާތްތަކުގެ މެދުގައި އަލުން ގުރުއަތުލައި، އެފަރާތްތަކަށް ލިބޭ ޕްލޮޓް ވަނީ ކަނޑައަޅާފައި ކަމަށާ މިގޮތަށް ކަނޑައަޅައި، އެފަރާތްތަކުގެ މެދުގައި ބަންޑާރަ ގޯތި ދޫކުރުމުގެ އެއްބަސްވުމުގައި އަލުން ސޮއިކުރުމަށްޓަކައި، މިހާރު ވެފައިވާ އެއްބަސްވުން ދިރާސާކުރިއިރު ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނާއި ފުށުއަރާ ކަންކަން އެ އެއްބަސްވުމުގައި ހިމަނާފައިވާކަން މިނިސްޓްރީއަށް ފާހަގަކުރެވިފައިވާ ކަމަށެވެ.
އެގޮތުން، ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނުގެ 11 ވަނަ މާއްދާގެ (ހ) ގައި ދިރިއުޅުމަށް ބަންޑާރަ ގޯތި ދެވޭނީ، އެމީހެއްގެ ނަމުގައި ބަންޑާރަ ގޯއްޗެއް، ނުވަތަ އަމިއްލަ ގޯއްޗެއް، ނުވަތަ ބައިކޮށްދެވިފައިވާ ބަންޑާރަ ގޯއްޗަކުން، ނުވަތަ އަމިއްލަ ގޯއްޗަކުން ބަޔެއް، ނުވަތަ ސަރުކާރުން ހަދާފައިވާ އިމާރާތެއްގެ ފުލެޓެއް، ނުވަތަ އެއްމެދު އިމާރާތެއްގެ ފުލެޓެއް ލިބިފައިނުވާ، ދިވެހި ރައްޔިތުންނަށް ކަމުގައި ބަޔާންކޮށްފައިވާކަން ފާހަގަ ކޮށްފައިވެ އެވެ.
އަދި މި މާއްދާގައި، އެފަރާތްތަކަށް ދިރިއުޅުމަށް ބަންޑާރަ ގޯއްޗެއް ދެވެނީ، ބައިކޮށްދެވިފައިވާ ބަންޑާރަ ގޯއްޗަކުން، ނުވަތަ އަމިއްލަ ގޯއްޗަކުން ބަޔެއް، ނުވަތަ ސަރުކާރުން ހަދާފައިވާ އިމާރާތެއްގެ ފުލެޓެއް، ނުވަތަ އެއްމެދު އިމާރާތެއްގެ ފުލެޓެއް ލިބިފައިވާ މީހަކު އެބަޔެއް ނުވަތަ ފުލެޓެއް ދޫކޮށްލުމުން، ނުވަތަ ދޫކޮށްލަން ޝަރުޠުކުރުމަށްފަހުގައި ކަމަށް ބަޔާންކޮށްފައިވާ ކަމަށް އެ މިނިސްޓްރީން ވަނީ ބުނެފަ އެވެ.
ނަމަވެސް، ބިންވެރިޔާ ސްކީމްގެ ދަށުން މާލެ ސަރަޙައްދުން ބަންޑާރަ ގޯތި ދޫކުރުމުގެ އުޞޫލާއި، އެ އުޞޫލުގެ ދަށުން ބިން ލިބުނު ފަރާތްތަކަށް ބަންޑާރަ ގޯތި ދޫކުރުމުގެ އެއްބަސްވުމުން ދޫކޮށްލަން ޝަރުތުކޮށްފައިވަނީ ހަމައެކަނި މާލެ ސަރަޙައްދު (މާލެ، ހުޅުމާލެ އަދި ވިލިނގިލި) އިން ލިބިފައިވާ 600 (ހަސަތޭކަ) އަކަފޫޓަށްވުރެ ކުޑަ ގޯތިތައް އެކަނި ކަމަށް އެ މިނިސްޓްރީގެ ބަޔާނުގައިވެ އެވެ.
ބިންވެރިޔާ ސްކީމްގެ ދަށުން މާލެ ސަރަޙައްދުން ބަންޑާރަ ގޯތި ދޫކުރުމުގެ އުޞޫލުގެ ދަށުން ހުޅުމާލެއިން ލިބުނު ގިނަ ގޯތިތައް ޙަވާލުކުރެވި ޢިމާރާތްކުރުމުގެ މަސައްކަތް ފެށިފައިވުމާއެކު، ގުޅިފަޅުން ގޯތި ލިބިފައިވާ ފަރާތްތަކާއެކު ސޮއިކޮށްފައިވާ އެއްބަސްވުން އެކަނި އިޞްލާހުކޮށްގެން މުޅި މައްސަލައަށް ޙައްލެއް ލިބިގެންދާނެ ކަމަށް އެ މިނިސްޓްރީން ނުދެކޭ ކަމަށް ވެސް ބުނެފައިވެ އެވެ.
އެހެންކަމުން، ގުޅިފަޅުން ގޯތި ލިބިފައިވާ ފަރާތްތަކުގެ މެދުގައި 30 މޭ ގައި ކުރިއަށްގެންދެވުނު ގުރުއަތުން އެފަރާތްތަކަށް ލިބުނު ގޯތި ޙަވާލުކުރުން އަވަސްކުރުމަށްޓަކައި، އައު ގޯތީގެ ރަޖިސްޓަރީ ނަންބަރާއި، ގޯތީގެ ނަންބަރާއި، ގޯތި އޮތްތަން ބަޔާންކުރުމުގެ ގޮތުން، މިހާރު އެފަރާތްތަކާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން ދޫކުރާ ގޯތީގެ މަޢުލޫމާތާގުޅޭ މާއްދާ އިޞްލާޙުކުރުމަށްޓަކައި މި މިނިސްޓްރީއާއި ގޯތި ޙަވާލުކުރެވޭ ފަރާތްތަކުގެ މެދުގައި އިޞްލާޙުކުރެވިފައިވާ އައު އެއްބަސްވުމުގައި ސޮއިކުރުމަށް މިނިސްޓްރީއިން ނިންމި ކަމަށް ވަނީ ބުނެފަ އެވެ.
މީގެ އިތުރުން، ގޯތި ލިބުނު ފަރާތްތަކާ ދެމެދު ވެފައިވާ އެއްބަސްވުމާއި ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނާ ފުށުއަރާ ކަންކަން ޙައްލުކުރުމަށްޓަކައި ބަންޑަރާނައިބުގެ އޮފީހާ މަޝްވަރާކޮށް އެކަމުގައި ޖުމްލަ ޙައްލެއް ހޯދުމުގެ މަސައްކަތް މި މިނިސްޓްރީން ކުރަމުންދާ ކަމަށް ވަނީ ބުނެފަ އެވެ.