ENGLISH

11 ސެޕްޓެމްބަރު 2025

Advertisement

ގައުމުތަކުގެ ތަޖުރިބާއިން ވަތަނީ ހިދުމަތުގެ ޕްރޮގުރާމުތައް؛ ގައުމީ ތަރައްގީއަށް ބޮޑު ހެޔޮ ބަދަލެއް އާދޭ

09 ޖުލައި 2025

|

ޝިފްޒާން އަޙްމަދު

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު

ވަތަނީ ހިދުމަތުގެ ޕްރޮގުރާމުގެ މަފުހޫމަކީ ރާއްޖެއަށް އައު ކަމެކެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމަށް ރާއްޖޭގައި ފުރަތަމަ ފަހަރަށް ވަތަނީ ހިދުމަތުގެ ޕްރޮގުރާމެއް ފެށުމަށް މިހާރު ތައްޔާރުވަމުންދާއިރު، އަދި އެ ޕްރޮގުރާމުގައި ބައިވެރިވުމަށް 1،200 އަށްވުރެ ގިނަ ޒުވާނުން އެދިފައިވާއިރު، މި ޕްރޮގުރާމު ތަންފީޒުކުރެވިގެންދާއިރު އެއިން ނުކުންނާނެ ނަތީޖާއާމެދު ވިސްނަައިލަންޖެހެއެވެ. ރާއްޖެއަށް މިޒާތުގެ ޕްރޮގުރާމުތައް އައު ނަމަވެސް މިއީ ދުނިޔޭގެ ތަރައްގީވެފައިވާ އަދި ކުރިއަރަމުން އަންނަ ގައުމުތަކުގައި ތަޖުރިބާކޮށްފައިވާ ޕްރޮގުރާމުތަކެކެވެ. އެހެންކަމުން އެ ގައުމުތަކުގެ ތަޖުރިބާއިން އަޅުގަނޑުމެންނަށް މިފަދަ ޕްރޮގުރާމަކުން މުސްތަގުބަލުގައި ލިބޭނެ މަންފާ ވަޒަންކުރެވިދާނެއެވެ. 

ވަތަނީ ހިދުމަތުގެ ޕްރޮގުރާމުގެ ތައާރަފެއް 

އެކި ގައުމުތަކުގައި ވަަތަނީ ހިދުމަތުގެ ޕްރޮގުރާމުތައް ބައްޓަންކުރަނީ އެކި ގޮތަށެވެ. ސިންގަޕޫރާއި ދެކުނު ކޮރެއާ ފަަދަ ގައުމުތަކުގައި އެ ޕްރޮގުރާމުތައް ބައްޓަންކޮށްފައިވަނީ ވަކި އުމުރެއްގެ އެންމެން އަސްކަރީ ހިދުމަތުގައި މުއްދަަތެއް ހޭދަކުރަންޖެހޭ ގޮތަށެވެ. އެމެރިކާ ފަަދަ ގައުމުތަކުގައި ވަތަނީ ހިދުމަތުގެ ޕްރޮގުރާމުތައް ބައްޓަންކޮށްފައިވަނީ ދަރުމަވެރިންގެ ގޮތުގައި އަމިއްލައަށް އެދިގެން ބައިވެރިވެވޭ ގޮތަށެވެ. ބައެއް ގައުމުތަކުގައި ކޮމިއުނިޓީ ބޭސްޑް ޕްރޮގުރާމުތަަކެއް ހިންގައެވެ. 

މި ޕްރޮގުރާމުތަކުގެ އަމާޒުތައް އެއް ގައުމު އަނެއް ގައުމާ ތަފާތެވެ. ނަމަވެސް މައިގަނޑު ގޮތެއްގައި މި ޕްރޮގުރާމުތަކުގެ ބޭނުމަކަށްވެފައި އޮންނަނީ ގައުމީ ވަހުދަތު ދެމެހެއްޓުމާއި، އިޖުތިމާއީ ހަމަޖެހުން ނެގެހެއްޓުމާއި، ހުނަރު ތަރައްގީކުރުމާއި އިޖުތިމާއީ ޒިންމާގެ ރޫހު އުފެދުއްދުން ފަދަ ކަންކަމެވެ. 

ދެކުނު ކޮރެއާއާއި ސިންގަޕޫރާއި ސްވިޑެންއާއި އެމެރިކާއާއި އިސްރާއީލު ފަދަ ގައުމުތަކުގައި ވަތަނީ ހިދުމަތުގެ ޕްރޮގުރާމުތައް ކުރިއަށްގެންދެއެވެ. 

ފަރުދީ ކުރިއެރުން 

ވަތަނީ ހިދުމަތުން ހާސިލުވާ އެންމެ ބޮޑު އެއް ފައިދާއަކީ އެ ޕްރޮގުރާމުތަކުގައި ބައިވެރިވާ މީހުންނަށް ލިބޭ ހުނަރެވެ. ހާއްސަކޮށް ޒުވާން ފުރައގެ ކުދިންނަށް އެމީހުން އިޖުތިމާއީ ހުނަަރުތަކާއި ލީޑާޝިޕް ސްކިލްތައް ތަރައްގީކޮށް އަމިއްލަ ނަފުސަށް އޮންނަ އިތުބާރު ބިނާކުރުމަށް މި ޕްރޮގުރާމުތައް އެހީތެރިވެއެވެ. އަދި އެ ޕްރޮގުރާމުތަކުގެ ތެރެއިން އެކި ދާއިރާތަކުން މަސައްކަތު ހުނަރުތައް ދަސްކުރުމުގެ ފުރުސަތު ޒުވާނުންނަށް ލިބެއެވެ. 

2006 ވަނަ އަހަރު ޝާއިއުކުރި ދިރާސީ ކަރުދާހެއްގައި އެ ލިޔުމުގެ މުއައްލިފުން ފާހަގަކުރެއްވި ގޮތުގައި އިސްރާއީލުގައި ވަތަނީ ހިދުމަތް ފުރިހަމަކުރާ ޒުވާނުން، ވަތަނީ ހިދުމަތަށްފަހު މަސައްކަތުގެ އެކި ދާއިރަތަކަށް ނުކުތުމަށްފަހު ލިބޭ ކުރިއެރުމުގައި ވަތަނީ ހިދުމަތުން ދަސްވި ހުނަރުތަކުގެ ދައުރުގެ މުހިއްމުކަން ފާހަގަކުރެއެވެ. ހާއްސަކޮށް އިސްނެގުމާއި، އެކުލަވައިގެން އެކުގައި މަސައްކަތްކުރުން ފަދަ މުހިއްމު އެތައް ހުނަރެއް އެ ޕްރޮގުރާމުން ދަސްވާކަން އެ ދިރާސާގެ ސާވޭގައި ބައިވެރިވި ޒުވާނުންގެ 89 އިންސައްތަ ޒުވާނުން ފާހަގަކުރިއެވެ. 

2017 ވަނަ އަހަރު އެމެރިކާގެ ދި ކޯޕަރޭޝަން ފޯ ނޭޝަނަލް އެންޑް ކޮމިއުނިޓީ ސާވިސްއިން ޝާއިއުކުރި ރިޕޯޓެއްގައި ފާހަގަކުރި ގޮތުގައި އެމެރިކޯޕްސްގައި ބައިވެރިވެ ގައުމީ ހިދުމަތުގެ ޕްރޮގުރާމު ފުރިހަމަކުރާ ޒުވާނުންގެ ފަންނީ ހުނަރުވެރިކަން އިތުރުވުމާއެކު، މަދަނީ ޒިންމާގެ ރޫހެއް އުފެދޭކަން އެ ޒުވާނުންނާއި އެ ޕްރޮގުރާމުގައި ބައިވެރިނުވާ ޒުވާނުންގެ ޖަވާބުތައް އެއްކޮށްލުމުން ފެނެއެވެ. 

ކެރިއާ ބިނާކުރުމުގެ ފުރުސަތުތައް 

މަދުރަސީ މަރުހަލާގައި ޒުވާނުންނަށް ނުލިބޭ، މަސައްކަތުގެ ބާޒާރުގައި އަގުހުރި މުހިއްމު ތަޖުރިބާތަކާއި ހުނަރުތައް އެ ޒުވާނުންނަށް ލިބޭ އެއް ވަސީލަތަކީ ވަތަނީ ހިދުމަަތުގެ ޕްރޮގުރާމުތަކެވެ. އެގޮތުން މިފަދަ ވަރަަށް ގިނަ ޕްރޮގުރާމުތަކުގައި އިޖުތިމާއީ ތަރައްގީއާ ގުޅުންހުރި ދާއިރާތަކައި ތައުލީމާއި އިންޖިނިއަރިންނާއި ސިއްހީ ހިދުމަތް ފަދަ އެކި ދާއިރާތަކުގެ ތަމްރީނު ފޯރުކޮށްދެއެވެ. 

ލިން ލީ 2005 ވަނަ އަހަރު ލިޔުއްވި ނޭޝަނަލް ސާވިސް އިން ސިންގަޕޯ ލެސަންސް ފޯ ޑިވެލޮޕްމެންޓުގައި ފާހަގަކުރެއްވި ގޮތުގައި އެ ގައުމުގެ ނޭޝަަނަލް ސާވިސް ޕްރޮގުރާމުގެ ދަށުން އަސްކަރީ ތަމްރީނު ފުރިހަމަކުރާ މަރުހަލާގައި މަދަނީ ދާއިރާތަކުގައި އެކި ސިނާއަތްތަކުގައި ވަޒީފާއާއި މަަސައްކަތުގެ ކުރިއެރުން ހޯދުމަށް ބޭނުންވާ މުހިއްމު އަމަލީ ހުނަރުތައް ފޯރުކޮށްދެއެވެ. 

ދެކުނު ކޮރެއާގެ ނޭޝަނަލް ސާވިސްގައި ލޮޖިސްޓިކްސްއާއި ޓެކްނޮލޮޖީއާއި ސެކިއުރިޓީ ފަދަ އެކި ދާއިރާތަކުގެ ހުނަރާއި ތަޖުރިބާ ފޯރުކޮށްދެއެވެ. މި ހުނަރުތައްވަނީ އެ ޕްރޮގުރާމު ފުރިހަމަަކުރާ ޒުވާނުން މަދަނީ ދާއިރާތަކުގައި މަސައްކަތްކުރަން ފަށައިގަތުމަށް ބޭނުންތެރި ހުނަރުތަކަކަށެވެ. 

ގައުމީ ވަހުދަތު ހަރުދަނާވުން 

ގައުމީ ހިދުމަތުގެ ޕްރޮގުރާމުތަކުން ހާސިލުވާ އެންމެ މުހިއްމު އެއް ފައިދާއަކީ ގައުމީ ވަހުދަތު ހަރުދަނާކޮށް މުޖުތަމައުގެ ބަދަހިކަން އިތުރުކުރުމެވެ. ތަފާތު އެކި ފަސްމަންޒަރުތަކަށް ނިސްބަތްވާ މީހުން އެއް ހިޔާވެއްސެއްގެ ދަށުގައި ގިނަ ދުވަސް ހޭދަކުރަންޖެހުމުން އެމީހުންގެ މެދުގައި އެއް ބަޔަކު އަނެއް ބަޔަކު ފަހުމުވުމާއި، އިހުތިރާމުކުރުމުގެ ސަގާފަތެއް އުފެދެއެވެ. އަދި ހިއްސާވަނިވި އެއް އަމާޒަށް މަސައްކަަތްކުރުމުގެ ރޫހެއް އެ މީހުންގެ މެދުގައި އުފެދެއެވެ. އަދި އިޖުތިމާއީ ބައިބައިވުންތައް ކުޑަވެއެވެ. 

މިދެންނެވި ތަޖުރިބާ އެންމެ ރަނގަޅަށް ފެންނަ އެއް ގައުމަކީ އިސްރާއީލެވެ. ސިހުޔޫނީ ދައުލަތަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުން އެކި ތަފާތު ފަސްމަންޒަރުތަކަށް ނިސްބަތްވާ ޔަހޫދީން ފަލަސްތީނުގެ ފަސްގަނޑަށް ހިޖުރަކޮށްގެން އުފައްދާފައިވާ ދައުލަތެކެވެ. އެ މުޖުތަމައުގެ އެންމެންގެ މެދުގައި އެއްބަައެއްވަންތަކަަމުގެ އިހުސާސް އުފަންކުރުމުގައި ގައުމީ ހިދުމަތުގެ ދައުރުގެ މުހިއްމުކަަން ނޭޝަނަަލް ސާވިސް އެންޑް ސޯޝަލް ކޮއާޝަން ނަމުގައި 2007 ވަނަ އަހަރު އޭ. ހަރެލް ލިޔުއްވި ކަރުދާހެއްގައި ފާހަގަކުރެއްވިއެވެ. ސިހުޔޫނީ ދައުލަތުންވިޔަސް ރަނގަޅުކަމެއް ކޮށްފިނަމަ އެކަމެއް ރަނގަޅުވާނެއެވެ. 

އިގުތިސާދީ ހިއްސާ 

ނޭޝަނަލް ސާވިސްގެ އަނެއް ފައިދާއަކީ ގައުމުގެ އުފެއްދުންތެރިކަމުގައި ޒުވާނުންގެ ތެރެއިން ގިނަ ބައެއްގެ ހިއްސާއާއި ބައިވެރިވުން ކަށަވަރުވުމެވެ. އެގޮތުން އަސްކަރީ ހިދުމަތުގެ ތެރެއިން ތައުލީމާއި އުމްރާނީ މަސައްކަތްތަކާއި އެނޫންވެސް އެކި ހިދުމަތުގެ ދާއިރާތަކުގައި ގިނަ އަދަދެއްގެ ޒުވާނުން މަސައްކަތްކުރުމުގެ ސަބަބުން ގައުމީ އުފެއްދުންތެރިކަން އިތުރުވެއެވެ. 

މިސާލަކަށް ދެކުނު ކޮރެއާއަށް ބަލާއިރު އެ ގައުމުގެ އިކޮނޮމިކް އިންސްޓިޓޫޓުން 2012 ވަނަ އަހަރު ނެރުނު ރިޕޯޓެއްގައި ބުނެފައިވަނީ އެ ގައުމުގައި ބޮޑެތި އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ހިންގުމުގައި އަސްކަރިއްޔާއިން ކުރި މަސައްކަތްތަކުގައި ގައުމީ ހިދުމަތުގެ ބައިވެރިން ބޮޑު ދައުރެއް އަދާކޮށްފައިވާ ކަމަށެވެ. ބުރިޖުތަކާއި މަގުތައް ފަދަ މުހިއްމު ބިނާރުތައް ތަރައްގީކުރުމުގައި ވަތަނީ ހިދުމަތުގެ ބައިވެރިންގެ ދައުރު ބޮޑެވެ. 

އެމެރިކާގެ އެމެރިކޯސްއިން އެ ގައުމުގެ އިގުތިސާދަށް އަހަަރަކު 3.6 ބިލިއަނެއްހައި ޑޮލަރު ހިއްސާކުރާ ކަމަށް މާލީ އިދާރާތަކުން އަންދާޒާކުރެއެވެ. އެއީ އެކި މަޝްރޫއުތައް ހިންގުމުގައި ވަތަނީ ހިދުމަތުގެ ބައިވެރިން ހަރަކާތްތެރިވާ މިންވަަރުގެ ސަބަބުންނެވެ. 

މިއީ ދުނިޔޭގެ އެކި ގައުމުތަކުގައި، ގައުމީ ނުވަތަ ވަތަނީ ޚިދުމަތުގެ ޕްރޮގުރާމުތައް ހިންގައިގެން ލިބުނު ފައިދާއެވެ. އެ ގައުމުތަކުން ފެންނަން އޮތް ހަގީގަތެވެ. މި ތަޖުރިބާތަކަށް ބަލާއިރު މިފަދަަ ޕްރޮގުރާމެއް ރާއްޖޭގައި ތައާރަފުކުރަންވީ މިއަދަކު އިއްޔައަކު ނޫނެވެ. މިއީ މީގެ އެތައް ޒަމާނެއް ކުރީއްސުރެ ތަންފީޒުކުރަން ފަށައި ޒަމާނާއެކު ތަރައްގީކޮށް ކުރިއަރުވަމުން ގެންގޮސްފައި އޮންނަންޖެހޭ ނިޒާމެކެވެ. ނަމަވެސް ރައީސް ޑރ.މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމާ ހަމައަށް މި މުހިއްމު ޕްރޮގުރާމު އޮތީ ނުފެށިއެވެ. ދެން މާ ލަސްތަކެއްނުވެ މި ޕްރޮގުރާމު ފެށި، އެ ޕްރޮގުރާމުގެ ތެރެއިން އުފެއްދުންތެރި، ގައުމަށް ލޯބިކުރާ، ހީވާގި، މަސައްކަތްތެރި ޒުވާން ޖީލެއް ގައުމީ ހިދުމަތުގެ ސަފަށް ނެރެވިގެންދާނެއެވެ. 

ކިޔުންތެރިންގެ ހިޔާލު