ENGLISH

11 ސެޕްޓެމްބަރު 2025

Advertisement

އެމްޑީޕީގެ ސަރުކާރަކަށް އެއްވެސް އިރެއްގައި ބިޔަ ޕްރޮޖެކްޓެއް ނުނިންމޭ: މެމްބަރު މަމްދޫހް

09 ޖުލައި 2025

|

ޢަލީ ޝަހީމް

ފުނަދޫ ދާއިރާގެ މެމްބަރު މަޖިލިސް މެމްބަރު މަމްދޫހް

މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އަށް ވެރިކަން ލިބޭ އެއްވެސް ފަހަރަކު ތަރައްގީގެ ޕްރޮޖެކްޓްތައް ކުރިއަށްނުދާ ކަމަށާއި، އެ ޕާޓީގެ އެއްވެސް ސަރުކާރެއްގައި، އެއްވެސް އިރަކު ބިޔަ ޕްރޮޖެކްޓެއް ނިންމާލެވިފައިނުވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ފުނަދޫ ދާއިރާގެ މެމްބަރު މުހައްމަދު މަމްދޫހް ވިދާޅުވިއެވެ. 

އެމްއެމްޓީވީގެ ބޮޑުޚަބަރު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މަމްދޫހް ވިދާޅުވީ އެމްޑީޕީ ސަރުކާރުގައި ޕްރޮޖެކްޓްތައް އޮންނަނީ، އެޕާޓީ ވެސް އޮންނަ ގޮތަށް "ބަނޑުޖަހައިގެން" ކަމަށެވެ. 

"ބިޔަ ޕްރޮޖެކްޓެއް އެމްޑީޕީގެ ސަރުކާރަކަށް އެއްވެސް އިރެއްގައި އެމްޑީޕީގެ އެއްވެސް ވެރިކަމެއްގެ ތެރޭގައި ނިންމިފައެއް ނޯންނާނެ. ހަމަ ކޮންމެ ފަހަރަކު އެމްޑީޕީއަށް ވެރިކަން ލިބޭއިރަށް ދިވެހިރާއްޖޭގެ ހުރިހާ ޕްރޮޖެކްޓްތަކެއް ގާތްގަނޑަކަށް ހަމަ އެމްޑީޕީ އޮންނަހެން ހަމަ ބަނޑުޖަހައިގެން އޮންނާނީ އެއްވެސް ވަރަކަށް ކުރިއަކަށް ނުދާނެ. ވަރަށް މަޑު ދުވެއްޔެއްގަ އެމްޑީޕީއަށް ކަންތައްތައް ކުރެވިފަ ހުންނާނީ" 

މަމްދޫހް ވިދާޅުވީ އެމްޑީޕީއަށް ވެރިކަން ލިބޭ ހިސާބުން، އެމްޑީޕީގެ ލީޑަރޝިޕްގައި ތިއްބަވާ ބޭފުޅުން، ރަށްރަށުގެ ތަރައްގީގެ މަޝްރޫޢުތައް ނިންމަން ބޭނުންފުޅު ނުވާ ކަމަށެވެ. ތަރައްގީގެ މަޝްރޫޢުތައް ނިންމަން ބޭނުންފުޅުވި ނަމަ، އެމްޑީޕީގެ ވެރިކަމުގައި ނެގިހާ ލޯނުގެ ތެރެއިން އެންމެ އަސާސީ ކަންތައްތައް ނިންމިފައި ހުންނަން ޖެހޭނެކަމަށް މަމްދޫހް ވިދާޅުވިއެވެ. 

"ދެހާސް ނަވާރައިގައި ފެށި ޕްރޮޖެކްޓްތަކުގެ 12 ޕަސެންޓް ފަސް އަހަރު ނިމުނުއިރު ނިމިފަ ހުރީ. އެހެންވީމަ ވަރަށް ބޮޑަށް އެމްޑީޕީން ވެރިކަން ލިބޭ ހިސާބުން އެބޭބޭފުޅުންގެ ޖީބުތައް ފުރަން މަސައްކަތް ކުރާތަން އަޅުގަނޑުމެންނަށް މާޒީން ފެންނަން މިއޮތީ. ކުރިއަށް އޮތް ތަނުގައި ވެސް އެމްޑީޕީގެ ވިސްނުން އޮންނާނީ އެހެން. އަޅުގަނޑުމެންނަށް އެމްޑީޕީ ސިފަވަނީ މުއައްސަސާއެއް ގޮތައް. އެ ޕާޓީއަށް ލިބޭ ލާރިގަނޑަށް މުޅި ޕާޓީގެ ލިޑަރޝިޕް އެއްކޮށް މަސައްކަތްކުރާތަން މި ފެންނަނީ. ވެރިކަމެއް ލިބޭ ހިސާބުން ދިވެހި ދައުލަތުގެ ހަޒާނާގެ ފަހަތުން އެމްޑީޕީގެ ލީޑަރޝިޕް ދުވާތަން އަޅުގަނޑުމެންނަށް ފެންނަނީ" 

އެމްޑީޕީގެ ވެރިކަމުގައި ހުއްޓިފައި ހުރި ޕްރޮޖެކްތައް، ރައްޔިތުން އެދޭ ގޮތަށް ބަދަލުކޮށްގެން ފެށީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ޙަވާލުވެވަޑައިގަތުމަށް ފަހު ކަމަށް މަމްދޫހް ވިދާޅުވިއެވެ. 

ރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރުމާ ދިމާކޮށް އެއަރޕޯޓުގެ އާ ޓާމިނަލްގެ މަސައްކަތް ނިންމައި ހުޅުވަން ތައްޔާރުވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ކަމަށާއި، ހަމަ އެގޮތަށް ތިލަމާލެ ބްރިޖުގެ މަސައްކަތް ވެސް ހަލުވި ސްޕީޑުގައި ކުރިއަށްދާކަމަށް މަމްދޫހް ވިދާޅުވިއެވެ. 

ބޮޑެތި މަޝްރޫޢުތައް ނިންމޭނެކަން ސާބިތުކޮށްދީފައިވާނީ މިހާރު އޮތް ވެރިކަމުގެ ފިކުރުގައި ކަމަށާއި، އެމްޑީޕީގެ ވެރިކަން ނިމުނުއިރު އަސާސީ ހިދުމަތްތައް ވެސް ރައްޔިތުންނަށް ފޯރުކޮށްނުދެވޭ ކަމަށް މެމްބަރު ވިދާޅުވިއެވެ. ރައްޔިތުންނަށް އަސާސީ ޚިދުމަތްތައް ފޯރުކޮށްނުދެވޭ ބަޔަކަށް ބޮޑު އެއްވެސް މަޝްރޫޢެއް ހިންގުމުގެ ޤާބިލްކަމެއް ނުހުންނާނެ ކަމަށް މެމްބަރު މަމްދޫހް ވިދާޅުވިއެވެ. 

ކިޔުންތެރިންގެ ހިޔާލު