ENGLISH

11 ސެޕްޓެމްބަރު 2025

Advertisement

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ސްމާޓް ކަރަންޓު މީޓަރުގެ ޚިދުމަތްދޭން ފަށަން ތައްޔާރުވެއްޖެ

09 ޖުލައި 2025

|

އިސްމާއީލް ރާތިއު

ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ، ޙުސައިން ފަހުމީ-- ފޮޓޯ: ސަން

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ސްމާޓް ކަރަންޓު މީޓަރުގެ ޚިދުމަތްދޭން ފަށަން ތައްޔާރުވެފައިވާ ކަމަށް، ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ، ޙުސައިން ފަހުމީ ވިދާޅުވެއްޖެއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފަހުމީ ވިދާޅުވީ، ސްޓެލްކޯއިން ކަސްޓަމަރުންނަށް ޒަމާނީ ޚިދުމަތްތައް ފޯރުކޮށްދީ، ކުންފުންޏާމެދު އޮންނަ އިތުބާރު އިތުރުކުރުމަށްޓަކައި ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ސްމާޓް މީޓަރު ހަރުކޮށްފައިވާ ކަމަށާއި، އެ މީޓަރުތަކުގެ މައުލޫމާތު ފަސޭހައިން ކަސްޓަމަރުންނަށް ލިބޭނެ އެޕްލިކޭޝަނެއް ތަޢާރަފުކުރުމަށް ބޭނުންވާ އެންމެ ފަހުގެ ތައްޔާރީތައް ވަމުންދާ ކަމަށެވެ.

އަދި، މާތްﷲގެ އިރާދަފުޅާއެކު ސެޕްޓެމްބަރު މަހުގެ ނިޔަލަށް ސްޓެލްކޯގެ ހުރިހާ ކަސްޓަމަރުންގެ މީޓަރުތައް ސްމާޓް މީޓަރަށް ބަދަލު ކުރެވިގެންދާނެ ކަމަށާއި ސްމާޓް މީޓަރުގެ އެޕްލިކޭޝަނާއެކު، ކަސްޓަމަރުންނަށް މީޓަރުގެ މަޢުލޫމާތު ފެނި، ކޮންމެ ގަޑިއިރަކަށް، ދުވާލަކަށް އަދި ހަފްތާއަކަށް ކަރަންޓު ބޭނުންކުރެވޭ މިންވަރު ވެސް ފެންނަމުންދާނެ ކަމަށް ފަހުމީ ވިދާޅުވިއެވެ.

ފަހުމީ ވިދާޅުވީ، މި ޚިދުމަތާއެކު ކަރަންޓު ޚަރަދުވަމުންދާ މިންވަރު ފެންނަމުން ދިއުމުން، ކަރަންޓު އިޤްތިޞާދުކުރުމަށް ފަސޭހަ ވެގެންދާނެ ކަމަށާއި ަރަންޓަށް ކުރާ މާލީ ޚަރަދު ކުޑަކުރެވިގެން ދިއުން ކަމަށެވެ. އަދި، މި އެޕްލިކޭޝަން މެދުވެރިކޮށް އެއް ބިލަށްވުރެ ގިނަ ބިލަށް އެއްފަހަރާ ފައިސާ ދައްކާލެވޭނެ ކަމަށްވެސް ފަހުމީ ވިދާޅުވިއެވެ.

މީގެ އިތުރަށް، ސްމާޓް އެޕްލިކޭޝަންގެ ސްޓެލްކޯ ކެއަރ ފީޗަރ މެދުވެރިކޮށް ކަސްޓަމަރ ސަރވިސް މުވައްޒަފުންނާ ވާހަކަދައްކާލެވޭނެ ކަމަށްވެސް ފަހުމީ ވިދާޅުވިއެވެ. 

ތަރައްޤީގެ އެންމެ މުހިންމު ބައިވެރިއެއްގެ ހައިސިއްޔަތުން، ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމުގައި ކުންފުންޏާމެދު ކަސްޓަމަރުންގެ އިތުބާރު ދެމެހެއްޓުމާއި، ޒަމާނީ ޓެކްނޮލޮޖީއާއެކު ލިބިގެންދާ ފަސޭހަތަކާއި، ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން ފުރިހަމަ ޚިދުމަތެއް ދެމުން ގެންދިއުމަކީ ސްޓެލްކޯގެ އެންމެ މުހިންމު އަމާޒުކަން ފާހަގަކުރައްވާ، ފަހުމީ ވަނީ މި އަމާޒަށް ވާޞިލުވުމުގައި ސަރުކާރާއި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ފަރާތުން އަބަދުވެސް ލިބެމުންދާ އެއްބާރުލުމާއި، ހަރުދަނާ އިރުޝާދުތަކަށް ޝުކުރު އަދާކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު