ENGLISH

11 ސެޕްޓެމްބަރު 2025

Advertisement

ރައްޔިތުންގެ ކަންބޮޑުވުމަށް ނިމުމެއް؛ އައިޖީއެމްއެޗުން މި މަހު އައިނު ހެއްދުމުގެ ޚިދުމަތް ފަށަނީ

09 ޖުލައި 2025

|

އިސްމާއީލް ރާތިއު

މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤް ޙަލީމް-- ފޮޓޯ: ޕީއެސްއެމް

އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި މިމަހުގެ ތެރޭގައި އައިނު ފިހާރައެއް ހުޅުވާ، އެތަނުން ޚިދުމަތް ދޭން ފަށާނެކަމަށް، މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤް ޙަލީމް ވިދާޅުވެއްޖެއެވެ. ޢަބްދުއްރައްޒާޤް މިފަދައިން ވިދާޅުވެފައި ވަނީ، ޕީއެސްއެމްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ. މިހާތަނަށް އައި އިރުވެސް، ސަރުކާރުގެ ހޮސްޕިޓަލަކުން އައިނު ހެއްދުމުގެ ޚިދުމަތް ދީފައި ނުވާތީ އެކަމުގެ ތަކުލީފު، ޢާންމުން އުފުލަން ޖެހިފައިވާކަން ޢަބްދުއްރައްޒާޤް ފާހަގަކުރައްވާފައި ވެއެވެ. މި ޚިދުމަތް މިހާތަނަށް ސަރުކާރު ހޮސްޕިޓަލްތަކުން ދީފައިނުވާއިރު، އައިނު ހައްދަން އާސަންދައިގެ އެހީތެރިކަންވެސް ލިބެނީ ދެއަހަރުން އެއް އަހަރު، 1000 ރުފިޔާއެވެ.

މިކަންކަމަށް ޙައްލު ހޯދައިދެއްވުމުގެ ގޮތުން، ސަރުކާރު ހޮސްޕިޓަލްތަކުން އައިނު ހެއްދުމުގެ ޚިދުމަތްދޭން ނިންމާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އިޢުލާނުކުރެއްވީ މިދިޔަ މެއި މަހުއެވެ. މި ނިންމެވުމުގެ ދަށުން، އެހެން ތަންތަނުން ހައްދާ ނަންބަރުތަކަށްވެސް ސަރުކާރު ހޮސްޕިޓަލުތަކުން އައިނު ހައްދައިދޭނެ ކަމަށް، ޢަބްދުއްރައްޒާޤު ވިދާޅުވިއެވެ.

އައިނު ހައްދަން އާސަންދައިން ދެމުންދިޔަ 1000 ރުފިޔާ، 2000 ރުފިޔާއަށް ސަރުކާރުން މިހާރު ވަނީ އިތުރުކޮށްފައެވެ.

އާސަންދައިގެ ތަފާސްހިސާބުތަކަށް ބަލާއިރު، ނިމިދިޔަ 2024 ވަނަ އަހަރު އައިނު ހެއްދުމަށް 36000 އަށްވުރެ ގިނަ މީހުންނަށް، އާސަންދައިގެ ތެރެއިން 36 މިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފައި ވެއެވެ.

މާލެ ސަރަހައްދުގެ ހޮސްޕިޓަލުތަކުގެ އިތުރުން، ކުރިއަށް އޮތް ތަނުގައި އަތޮޅުތެރޭގެ ސަރުކާރު ހޮސްޕިޓަލުތަކަށްވެސް މި ޚިދުމަތް ފުޅާކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް، ޢަބްދުއްރައްޒާޤް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު