ENGLISH
11 ސެޕްޓެމްބަރު 2025
އާއްމުންގެ ހިޔާލު ހޯދުމުގެ ގާނޫނާއެކު ރައްޔިތުންގެ ބާރުވެރިކަން ރައްޔިތުންނަށް ލިބިގެންދާނެ: ރިފާއު
09 ޖުލައި 2025
|
މަޖިލީހުގެ މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ރިފާއު، ފޮޓޯ: މަޖިލިސް
ގާނޫނު އަސާސީގައި ހުރި މުހިއްމު ކަންކަަން ބަދަލުކުރުމުގައި އާއްމުންގެ ހިޔާލު ހޯދުމުގެ ވޯޓު ނެގުމުގެ ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކޮށް ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކުރެއްވުމުން ރައްޔިތުންގެ ހަގީގީ ބާރުވެރިކަން އެ ރައްޔިތުންނަށް ލިބިގެންދާނެކަމަށް މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ރިފާއު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާއްމު ވޯޓު ނެގުމުގެ ބިލަކީ ގާނޫނުއަސާސީގެ ތެރެއިން ކުރަންޖެހޭ އެންމެ މުހިއްމު އެއް މަސައްކަތްކަން ފާހަގަކުރައްވައި ރިފާއު ވިދާޅުވީ އެ ބިލަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވައުދުވެވަޑައިގެންނެވި ގޮތަށް އެމަނިކުފާނަށް މަޖިލީހުގެ އަޣުލަބިއްޔަތު ދިނުމުން ރައްޔިތުންގެ ހަގީގީ ބާރުވެރިކަން ރައްޔިތުންނަށް ހޯދައިދެވޭ ގޮތަށް ފަރުމާކޮށްފައިވާ ބިލެއް ކަމަށެވެ.
މަޖިލީހުގެ އަޣުލަބިއްޔަތު ސަރުކާރު ހިންގާ ޕީޕަލްސް ނޭޝަނަލް ކޮންގުރެސް ޕާޓީއަށް ލިބިފައި އޮތް ގޮތުން ގާނޫނުއަސާސީގެ ކޮންމެ މާއްދާއެއްވެސް އެ ޕާާޓީން ބޭނުންވާ ގޮތަށް ބަދަލުކޮށް، އަޣުލަބިއްޔަތުގެ ނާޖައިޒު މަންފާ ނެގުމުގެ ފުރުސަތު އެބައޮތްކަން ރިފާއު ފާހަގަކުރެއްވިއެވެ. އެގޮތުން ޕީއެންސީގެ މެންބަރުން ބޭނުންފުޅުވާނަމަ ރައީސުލްޖުމްހޫރިއްޔާގެ ދައުރަށްވެސް ބަދަލު ގެނެވިދާނެ ކަމުގައި ރިފާއު ވިދާޅުވިއެވެ.
"ރައީސުލްޖުމްހޫރިއްޔާއަށް މިއަދު ނެގެންހުރި ނާޖައިޒު ފައިދާތައްވެސް ނުނަގާނެކަމުގެ ސާބިތުކަން އެމަނިކުފާނު ދައްކަވަނީ. އަޅުގަނޑުމެން މިތާ މިތިބަ މެންބަރުން ބޭނުންކަމަށްވަންޏާ ފަންސާސް އަހަރަށްވެސް ދައުރު ބަދަލުކޮށްލެވިދާނެ. ގާނޫނުއަސާސީން އެޖާގަ އެބަދޭ. އެހެންނަމަވެސް އެޖާގަތައް ރައްޔިތުންގެ ހިޔާލަށް ދޫކޮށްލަނީ މި ގާނޫނުން،" ރިފާއު ވިދާޅުވިއެވެ.
ގާނޫނުއަސާސީއަށް 17 އަހަރުވަމުންދާއިރު މި ބިލަކީ ގާނޫނުއަސާސީގެ ހަަގީގީ ބާރުވެރިކަން ރައްޔިތުންނަށް ހޯދައިދޭ ބިލެއް ކަމުގައި ސިފަކުރައްވަމުން ރިފާއު ވިދާޅުވީ މި ބިލާއެކު ސާބިތުވެގެންދަނީ ޕީއެންސީގެ ވެރިކަމެއްގެ ރައްޔިތުންނަށްވުރެ މުހިއްމު ބަޔަކު ނުތިބޭނެކަން ކަމަށެވެ.
އަދި މި ބިލު ގާނޫނަކަށްވުމުން ގާނޫނުއަސާސީގައި ހުރި ރައްޔިތުންނާ ގުޅުންހުރި މުހިއްމު ކަންކަން ރައްޔިތުންގެ ވޯޓަކާނުލައި ބަދަލުނުކުރެވޭނެކަން ފާހަގަކުރައްވައި ރިފާއު ވިދާޅުވީ މި ގާނޫނާއެކު ރައީސުލްޖުމްހޫރިއްޔާ ޑރ.މުޢިއްޒު ބޭނުންފުޅުވާ ގޮތަކަށް އަދި ޕީއެންސީގެ އަޣުލަބިއްޔަތުން ބޭނުންވާ ގޮތަކަށް ގާނޫނުއަސާސީ ބަދަލުކޮށްފާނެކަމާމެދު ހުރި ކަންބޮޑުވުންތައް ނިމުމަކަށް އަންނާނެ ކަމަށެވެ.
"މި ގާނޫނާއެކީގައި، މި ސުޕަ މެޖޯރިޓީއާމެދު ރައްޔިތުންގެ އެއްވެސް ކަންބޮޑުވުމެއް ހުރިނަމަ އެ ކަންބޮޑުވުން މި ގާނޫނު ފާސްވާ އަދި ރައީސުލްޖުމްހޫރިއްޔާ މި ގާނޫނު ތަސްދީގުކުރައްވާ ދުވަހުން ފެށިގެން ނިމިގެންދިޔައީ،" ރިފާއު ވިދާޅުވިއެވެ.
ޕީއެންސީގެ ގިނަ މެންބަރުން ފާހަގަކުރެއްވި ގޮތުގައި މި ބިލު ފާސްވެގެން ދިއުމުން ރައްޔިތުން ބާރުވެރިވެ، މުހިއްމު ބޮޑެތި ނިންމުންތައް ނިންމުމުގައި ރައްޔިތުންގެ ބައިވެރިވުމާއި ޝާމިލުވުން އޮންނާނެކަން ކަށަވަރުކުރެވިގެންދާނެއެވެ.