ENGLISH

11 ސެޕްޓެމްބަރު 2025

Advertisement

އިގުތިސާދަށް އިތުބާރު އޮތްކަމުގެ ނިޝާނެއް؛ ރާއްޖޭގެ ސުކޫކުގެ އަގު މައްޗަށް

09 ޖުލައި 2025

|

ޝިފްޒާން އަޙްމަދު

ފިނޭންސް މިނިސްޓްރީއާއި މުހިއްމު ބައެއް މާލީ އިދާރާތަކުގެ ނަން ބޯޑު

ރާއްޖޭގެ މާލީ އަދި އިގުތިސާދީ ހާލަަތު ރަނގަޅުވެ، ބޭރުގެ ދަރަނި އަދާކުރެވޭނެކަމުގެ ޔަގީންކަން އިއާދަވަމުންދިއުމާއެކު ރާއްޖޭގެ ސުކޫކުގެ އަގު ބައިނަލްއަގުވާމީ މާލީ ބާޒާރުގައި އުފުލިއްޖެއެވެ. 

ސުކޫކުގެ އަގު ގުޅިފައި އޮންނަަނީ އެ ގައުމެއްގެ އިގުތިސާދީ އަދި މާލީ ހާލަތާމެދު ބައިނަލްއަގުވާމީ އިންވެސްޓަރުންނާއި މާލީ ބާޒާރުތަކުގެ ވިސްނުން ހުންނަަ ގޮތަކާއެކެވެ. އެގޮތުން އެ ގައުމެއްގެ މާލީ ހާލަތު ގޯސްވެ އިގުތިސާދު ހީނަރުވާނެ ކަމުގައި އިންވެސްޓަރުން ދެކޭނަމަ އެ ގައުމެއްގެ ސުކޫކު/ބޮންޑުގެ އަގު ދަށްވެއެވެ. މާލީ އަދި އިގުތިސާދީ ހާލަތާމެދު އިތުބާރު އޮވެއްޖެނަމަ ސުކޫކާއި ބޮންޑުގެ އަގު މަތިވެއެވެ. 

ރާއްޖޭގެ ސުކޫކަކީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ވިއްކި ސަނީ ސައިޑް ބޮންޑެއްގެ ދަރަނި އަދާކުރަން ފައިސާ ހޯދުމަށް 2021 ވަނަ އަހަރު ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ވިއްކި ސުކޫކެކެވެ. އެ ސުކޫކު ވިއްކާފައިވަނީ 9.85 އިންސައްތައިގެ ކޫޕަން ރޭޓު ނުވަތަ އިންޓަރެސްޓުގައެވެ. 

މި ސަރުކާރުން އަންނަނީ ކޮންމެ އަހަރަކު ދެ ފަހަރު އަދާކުރަންޖެހޭ ސުކޫކުގެ އިންޓަރެސްޓު ޕޭމެންޓުތައް އަދާކުރަމުންނެވެ. އެގޮތުން މި އަހަަރުގެ އޭޕްރީލު މަހުގައި މި އަހަރުގެ ފުރަތަމަ ޕޭމެންޓުގެ ގޮތުގައި 25 މިލިއަން ޑޮލަރު ދައްކާފައިވެއެވެ. މި އަހަރު ދައްކަންޖެހޭ ދެވަނަ ޕޭމެންޓު ދައްކަންޖެހޭނީ މި އަހަރުގެ އޮކްޓޯބަރު މަހުގައެވެ. 

މި ސުކޫކުގެ އަގު ވަރަށް ބޮޑަށް ވެއްޓުނެވެ. ރާއްޖޭގެ މާލީ ހާލަތު ހުރި ގޮތުންނާއި ކްރެޑިޓު ރޭޓިން ދަށްވުމާ ގުޅިގެން ސުކޫކުގެ އަގު އެކި ފަހަރު މަތިން ވެއްޓެމުން ގޮސް ފާއިތުވި އޭޕްރީލު މަހުގައި ބައިނަލްއަގުވާމީ މާލީ ބާޒާރުގައި ދިވެހިރާއްޖޭގެ ސުކޫކުގެ އަގު އުޅުނީ 64.72 އެމެރިކާ ޑޮލަރުގައެވެ. ބައެއް ފަހަރު އެއަށްވުރެވެސް ދަށްވިއެވެ. 

ނަމަވެސް ސަރުކާރުން ތަންފީޒުކުރަމުން އައި ސިޔާސަތުތަކާއެކު ރާއްޖޭގެ މާލީ ހާލަތު ރަނގަޅުވެ، އިންވެސްޓަރުންގެ އިތުބާރު އިއާދަކުރެވުމާއެކު، ސުކޫކުގެ އަގު އުފުލެން ފެށިއެވެ. އެގޮތުން ފާއިތުވި ހޯމަދުވަހުގެ ނިޔަލަށް ދިވެހިރާއްޖޭގެ ސުކޫކުގެ އަގު 87.44 ޑޮލަރަށް އަރާފައިވެއެވެ. 

ސުކޫކުގެ އަގު މަތިވެފައިވާއިރު ރާއްޖޭގެ މާލީ ހާލަތާ ގުޅޭ ގޮތުން ބައިނަލްއަގުވާމީ މާލީ އިދާރާތަކުން ފާހަގަކުރާ އެންމެ ބޮޑު ކަންބޮޑުވުންކަމަށްވާ ބޭރު ފައިސާގެ ރިޒާވްގެ ހާލަތު މިހާރުވަނީ ވަރަށް ބޮޑަށް ރަނގަޅުކުރެވިފައެވެ. ރަސްމީ ރިޒާވްގައި ބޭނުންކުރެވޭ ގޮތަށް ހުރި ފައިސާގެ އަދަދު ފާއިތުވި މޭ މަހުގެ ނިޔަލަށް 200 މިލިއަން ޑޮލަރަށްވުރެ މައްޗަށް އަރާފައިވެއެވެ. އަދި ރަސްމީ ރިޒާވް އެސެޓުގެ ގޮތުގައި 800 މިލިއަން ޑޮލަރަށްވުރެ ގިނަ ފައިސާ ހުރިކަން އެމްއެމްއޭގެ ހިސާބުތަކުން ދައްކައެވެ. 

ސުކޫކުގެ އަގު މަތިވުމާ ގުޅިގެން މާލީ ވުޒާރާއިން ބުނެފައިވަނީ ސުކޫކުގެ އަގު މަތިވުމަކީ ސަރކާރުގެ މާލީ ސިޔާސަތުތަކާއި އިގުތިސާދީ އަސާސްތައް ހަރުދަނާކުރުމަށް ގެންގުޅޭ އުސޫލުތަކަށް އިތުބާރު އޮތްކަން ދައްކުވައިދޭ ކަމެއް ކަމަށެވެ. 

ކިޔުންތެރިންގެ ހިޔާލު