ENGLISH

11 ސެޕްޓެމްބަރު 2025

Advertisement

ތަރައްގީގެ ކަންކަން ހަލުއިކޮށް ކުރިއަށްދަނީ ރައީސްގެ ކެތްތެރިކަމާއި ހިކުމަތްތެރިކަމުން: ސައީދު

08 ޖުލައި 2025

|

ޝިފްޒާން އަޙްމަދު

އިގުތިސާދީ ތަރައްގީއާ ބެހޭ ވަޒީރު މުހައްމަދު ސައީދު، ފޮޓޯ: އިކޮނޮމިކް މިނިސްޓްރީ

ތަރައްގީގެ މަސައްކަތްތައް ހަލުއިކޮށް ކުރިއަށްގޮސް ކަނޑައެޅިފައިވާ މުހުލަތުތަކަށް ނިމެމުންދަނީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ކެތްތެރިކަމާއި ހިކުމަތްތެރިކަމުގެ ސަބަބުން ކަމަށް އިގުތިސާދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ. 

ނ.މާފަރު އިންޓަނޭޝަނަލް އެއާޕޯޓު ހުޅުވުމަށް އެ ރަށުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސައީދު ވިދާޅުވީ އެއާޕޯޓުގެ މަސައްކަތް އޭގެ އަސްލު ތާވަލަަށް ނިމުމާއި، އެއާޕޯޓުގައި މިއަދު ޕާކުކޮށްފަައި އޮތް ގައުމީ އެއާލައިންގެ ފުރަތަމަ ވައިޑް ބޮޑީ މަތިންދާބޯޓު ގެނެވުން ފަދަ މުހިއްމު ތަރައްގީގެ މަސައްކަތްތައް އެ ކަނޑައެޅިފައިވާ ތާވަލަށް ނިމެމުންދަނީ ރައީސްގެ ހިކުމަތްތެރިކަމާއި މަސައްކަތްޕުޅުން ކަމަށެވެ. 

ސައީދު ފާހަގަކުރެއްވި ގޮތުގައި ރައީސް ޑރ.މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ގައުމުގެ އިގުތިސާދު އޮތީ ފަސޭހަ ހާލަަތެއްގައެއް ނޫނެވެ. އިގުތިސާދު އޮތީ ވަރަށް ބޮޑަށް މަޑުޖެހި ކުރިއަަށްދެވޭނެ މަގުތައް ބަންދުވެފައިކަން ފާހަގަކުރައްވައި ސައީދު ވިދާޅުވީ އެ ހާލަތުން އަރައިގަތުމަށް ރައީސް އިސްކުރެއްވީ ކެތްތެރިކަން ކަމަށެވެ. 

"ރަައީސް ޑރ.މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ރާއްޖޭގެ އިގުތިސާދު އޮތީ ފަސޭހަ ހާލަތެއްގައެއް ނޫން. ވަރަށް ޗެލެންޖިން ބޮޑު ގޮންޖެހުން ގިނަ، ވަރަށް ބޮޑަށް މަޑުޖެހިފައި އޮތް ހާލަތެއްގަ. އެ ހާލަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޢިއްޒު އިސްކުރެއްވީ ހިކުމަތްތެރިކަން، ކެތްތެރިކަން. ވަރަށް ފުންކޮށް ބޭރުގެ ފަރާތްތަކާއި ރާއްޖޭގެ ސިނާއަތްތަކުގައި ހަރަކާތްތެރިވާ ފަރާތްތަކާއެކު މަސައްކަތްކުރެއްވީ. އަދި އެ މަސައްކަތުގެ ނަތީޖާ އިރާދަކުރެއްވިއްޔާ މިދަނީ ފެންނަމުން،" ސައީދު ވިދާޅުވިއެވެ. 

މާފަރު އިންޓަނޭޝަނަލް އެއާޕޯޓަށް އިޝާރާތްކުރައްވައި ސައީދު ވިދާޅުވީ ނ.އަތޮޅަކީ 2،000 އަށްވުރެ ގިނަ ފަތުރުވެރިކަމުގެ އެނދު އޮޕަރޭޓުކުރަމުންދާ އަތޮޅެއްކަމަށާއި، އެއާޕޯޓު ބައިނަލްއަގުވާމީ ފެންވަރުގައި ހުޅުވި ވައިޑް ބޮޑީ މަތިންދާބޯޓުތަކަށް އެއާޕޯޓަށް ދަތުރުކުރަން ފެށުމަކީ އެ އަތޮޅުގެ ފަތުރުވެރިކަން އިތުރަށް ކުރިއަރައިގެންދާނެ ކަމެއް ކަމަށެވެ. 

ބައިނަލްއަގުވާމީ ވައިގެ ބަނދަރެއް ހުޅުވުމުން އެ ސަރަހައްދުގެ ވިޔަފާރިތަކަށް މަންފާވުމުގެ އިތުރަށް އެކަމުގެ މަންފާ މުޅި ގައުމަށްވެސް ލިބޭނެ ކަމުގައި މިނިސްޓަރު ވިދާޅުވިއެވެ. އަދި ސައީދު ވިދާޅުވީ އިންޓަނޭޝަނަލް އެއާޕޯޓެއް އެ ފެންވަރުގައި ހުޅުވިގެން ދިއުމަކީ ރާއްޖޭގެ އިގުތިސާދަށް އިތުބާރު އިއާދަވާނެ ކަމެއް ކަމަށެވެ. 

މާފަރު އިންޓަނޭޝަނަލް އެއާޕޯޓު ތަރައްޤީ ކުރުމުގެ މަޝްރޫޢަކީ ދެ ފިޔަވައްސަކަށް ބަހާލައިގެން އަބޫދާބީ ފަންޑް ފޮރ ޑިވެލޮޕްމަންޓް (އޭ.ޑީ.އެފް.ޑީ) މެދުވެރިކޮށް، ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ އެހީގެ ދަށުން ކުރިއަށް ގެންގޮސްފައިވާ މަޝްރޫޢެކެވެ.

އެގޮތުން ފުރަތަމަ ފިޔަވަހީގައި މާފަރު އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމަށް 23 ޖެނުއަރީ 2018 ވަނަ ދުވަހު ދިވެހިރާއްޖެއާއި ޓަފް އޮފްޝޯ އެންޖިނިއަރިންގ ސަރވިސަސް ޕްރައިވެޓް ލިމިޓްޑް އާއި ދެމެދު އެއްބަސްވުމެއްގައި ސޮއިކުރިއެވެ. މި އެއްބަސްވުމުގެ ޖުމްލަ އަގަކީ 49 މިލިއަން އެމެރިކާ ޑޮލަރެވެ. މި އެއްބަސްވުމުގެ ދަށުން ކުރެވިފައިވާ މަސައްކަތްތަކަކީ:

  • ރަންވޭއަށް ބޭނުންވާ ބިން ހިއްކުން އަދި ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަސައްކަތް ކުރުން
  • 2200 މީޓަރު ދިގު ރަންވޭއެއް ހެދުން (ޓެކްސީވޭ، އެޕްރަން އަދި ފަޔަރޕެޑް/ ރޯޑް އާއެކު)
  • ފަސިންޖަރުންނަށް ޚިދުމަތް ދެވޭ ފެންވަރަށް ޕެސެންޖަރ ޓަރމިނަލް ޢިމާރާތެއް ހެދުން
  • ފަޔަރ އެންޑް ރެސްކިއު ސްޓޭޝަން އަދި ކޮންޓްރޯލް ޓަވަރު ހެދުން
  • މެއިންޓެނަންސް ހޭންގާރ ހެދުން
  • ޕެސެންޖަރ ޖެޓީ އަދި ވީވީއައިޕީ ޕެސެންޖަރ ޖެޓީ ހެދުން
  • ނެވިގޭޝަނަލް އިކުއިޕްމަންޓް ސަޕްލައިކޮށް އިންސްޓޯލްކުރުން
  • މެޓް އިކުއިޕްމަންޓް ސަޕްލައިކޮށް އިންސްޓޯލްކުރުން
  • ސެކިއުރިޓީ ފެންސް ހެދުން
  • ގްރައުންޑް ހެންޑްލިންގ އިކުއިޕްމަންޓް ސަޕްލައިކޮށް އިންސްޓޯލްކުރުން

މާފަރު އިންޓަނޭޝަނަލް އެއާޕޯޓް އިތުރަށް ތަރައްޤީކުރުމަށް 27 ޑިސެމްބަރ 2022 ގައި އޭ.ޑީ.އެފް.ޑީ އާއި ދިވެހި ސަރުކާރާއި ދެމެދު ވެވުނު އެއްބަސްވުމުގެ ދަށުން ދެވަނަ ފިޔަވަހީގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމް.ޓީ.ސީ.ސީ) އާ އެކު 8 ޑިސެމްބަރ 2022 ގައި އެއްބަސްވުމެއްގައި ސޮއިކޮށްފައިވެ އެވެ.

އެމް.ޓީ.ސީ.ސީ އާ އެކު ވެވުނު އެއްބަސްވުމުގެ ޖުމްލަ އަގަކީ 27 މިލިއަން އެމެރިކާ ޑޮލަރެވެ. ދެ ވަނަ ފިޔަވަހީގެ މަސައްކަތްތައް ނިމިފައިވަނީ 6 ޑިސެމްބަރު 2024 ގައެވެ. 

ދެވަނަ ފިޔަވަހީގެ އެއްބަސްވުމުގެ ދަށުން ކުރެވިފައިވާ މަސައްކަތްތަކަކީ:

  • ކޯޑް އީ އެއާކްރާފްޓް ޖެއްސުމަށް، ފުރަތަމަ ފިޔަވަހީގެ ދަށުން ހެދިފައިވާ 2200 މީޓަރު ދިގުމިނުގެ ރަންވޭއަށް އިތުރު 650 މީޓަރު އިތުރުކޮށް، ރަންވޭ ފުޅާކުރުން
  • ރަންވޭ ދިގުކުރުމަށް އަދި ފުޅާކުރުމަށް ބޭނުންވާ ބިންހިއްކުން އަދި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ކުރުން
  • ރަންވޭ އެއާފީލްޑް އަދި އެއާފީލްޑް ލައިޓް އަޕްގްރޭޑް ކުރުން
ކިޔުންތެރިންގެ ހިޔާލު