ENGLISH
21 ޖޫން 2026
ފަހު ވަގުތު އައިވަރީ ކޯސްޓް ބަލިކޮށް ޖަރުމަން ދެވަނަ ބުރަށް
21 ޖޫން 2026
|
ވޯލްޑް ކަޕުގައި ޖަރުމަނާއި އައިވަރީ ކޯސްޓް ބައްދަލުކުރި މެޗުގެ ތެރެއިން --- ފޮޓޯ: އޭޕީ
އެންމެ މަޤްބޫލު
ފީފާ ވޯލްޑް ކަޕް 2026 ގެ ގްރޫޕް އީގައި އައިވަރީ ކޯސްޓާ ދެކޮޅަށް ކުޅުނު މެޗުގެ ފަހު ވަގުތު ޑެނިޒް އުންޑާވް ކާމިޔާބުކުރި ލަނޑާއެކު، ފަހަތުން އަރައި 2-1 ގެ ނަތީޖާއަކުން މޮޅުވެ، ޖަރުމަން މުބާރާތުގެ ދެވަނަ ބުރުން ޖާގަ ހޯދައިފިއެވެ.
މި މެޗާ ކުރިމަތިލިއިރު ގްރޫޕް އީގައި ކުޅުނު ފުރަތަމަ މެޗުތަކުން ޖަރުމަނާއި އައިވަރީ ކޯސްޓުވެސް ވަނީ މޮޅުވެފައެވެ. އެ ގޮތުން ކިއުރުސޯ އަތުން 7-1 ގެ ނަތީޖާއަކުން ޖަރުމަން މޮޅުވިއިރު، އައިވަރީ ކޯސްޓުން ވަނީ 1-0 ގެ ނަތީޖާއަކުން އެކުއަޑޯ ބަލިކޮަށްފައެވެ.
މިރޭގެ މެޗުގައި ޖަރުމަނުން ހޯދި މޮޅާއެކު އެ ޓީމުން ވަނީ ޖެހިޖެހިގެން ދެ ވޯލްޑް ކަޕުގެ ގްރޫޕް ސްޓޭޖުން ކެޓުމުގެ މާޔޫސްކަން ފިލުވާލާފައެވެ. އެގޮތުން 2018 ވަނަ އަހަރު ރަޝިއާގައި ވޯލްޑް ކަޕާއި، 2022 ވަނަ އަހަރު ގަތަރުގައި ބޭއްވި ވޯލްޑް ކަޕުން ޖަރުމަން ކެޓީ ގްރޫޕްް ސްޓޭޖުންނެވެ.
ވޯލްޑް ކަޕުގައި ޖަރުމަނާއި އައިވަރީ ކޯސްޓް ބައްދަލުކުރި މެޗުގެ ތެރެއިން --- ފޮޓޯ: އޭޕީ
ކެނެޑާގެ ޓޮރޮންޓޯ ސްޓޭޑިއަމުގައި މިރޭ ކުޅުނު މެޗުގައި އައިވަރީ ކޯސްޓުން ފުރަތަމަ ހާފުގައި މޮޅު ކުޅުމެއް ދެއްކިއެވެ. އެގޮތުން މެޗުގެ 30 ވަނަ މިނެޓުގައި އެ ޓީމުން ލީޑު ނަގާފައިވަނީ ކެޕްޓަން ފްރޭންކް ކެސިއޭ ކާމިޔާބުކޮށްދިން ލަނޑުންނެވެ.
ކުރިން ބްރައިޓަންއަށް ކުޅުނު ފޯވާޑް އުންޑާވް މެޗުގެ 60 ވަނަ މިނެޓުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރުމުގެ ކުރިން، މި މެޗުގައި ޖަރުމަން ފެނުނީ ބަލިވެދާނެ ފަދަ ނުރައްކާތެރި ހާލަތެއްގައެވެ. ނަމަވެސް އޭނާ ޖެހި ދެ ލަނޑާއެކު ޖަރުމަން ވަނީ މުބާރާތުގެ ދެވަނަ ބުރުގެ ޖާގަ ކަށަވަރުކޮށްފައެވެ.
މި މެޗުގައި އުންޑާވް ޖަރުމަނަށް ނަތީޖާ އެއްވަރުކޮށްދިނީ ކުޅެން ނުކުތްތާ އަށް މިނެޓުގެ ތެރޭގައި، ބަދަލަކަށް ކުޅެން އެރި އިތުރު ކުޅުންތެރިއެއް ކަމަށްވާ ނަޑިއެމް އަމީރީ ނަގައިދިން ހުރަހަކުންނެވެ. އަދި މެޗުގެ އިތުރު ވަގުތުގައި ފެލިކްސް ނެމެޗާ ދިން ބޯޅައަކުން އުންޑާވް ވަނީ ލަނޑެއް ޖަހައި، ޖަރުމަން މޮޅުކޮށްދީފައެވެ. މި މެޗުގައި އުންޑާވް ދެ ލަނޑު ޖެހިއިރު، މިއީ ގައުމީ ޓީމަށް އޭނާ ކުޅުނު 11 މެޗުން ޖެހި 10 ވަނަ ލަނޑެވެ.
މި މެޗުން މޮޅުވެ ހަ ޕޮއިންޓާއެކު ދެވަނަ ބުރުގެ ޖާގައެއް ޖަރުމަނުން ކަށަވަރުކޮށްފައިވާއިރު، ގްރޫޕުގެ ފަހު މެޗުގައި ޖަރުމަން ކުޅޭނީ އެކުއަޑޯއާއެވެ. މިހާތަނަށް ތިން ގައުމެއް ވަނީ މި މުބާރާތުގެ ދެވަނަ ބުރުގެ ޖާގަތައް ކަށަވަރުކޮށްފައެވެ. އެއީ ޖަރުމަނުގެ އިތުރުން މުބާރާތް ބާއްވާ ދެ ގައުމު ކަމަށްވާ އެމެރިކާ އަދި މެކްސިކޯއެވެ.