ENGLISH

21 ޖޫން 2026

Advertisement

ޝެއިޚް އިސްމާޢީލް އަވަހާރަވުމަކީ، ބޮޑު ހިތާމައަކާއި ފުން އަސަރުތަކެއް އިޙްސާސް ކުރުވި ކަމެއް: ރައީސް

21 ޖޫން 2026

|

އަޙުމަދު ޙަމީދު

ޝެއިޚް އިސްމާޢީލް

މައްޗަންގޮޅީ ފީރޯޒްވާދީ ފަޟީލަތުއްޝައިޚް އިސްމާޢީލް މުޙައްމަދު އަވަހާރަވުމަކީ، ބޮޑު ހިތާމައަކާއި ފުން އަސަރުތަކެއް އަޅުގަނޑަށް އިޙްސާސް ކުރުވި ކަމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.

ޝެއިޚް އިސްމާއީލް އަވަހާރަވީ މިރޭގެ ވަގުތެއްގަ އެވެ.

ރައީސް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އިސްލާމްދީނަށް ހޭލުންތެރިކަން އިތުރުކުރުވުމާއި، ދީނަށް ޚިދުމަތްކުރުމާއި، ދީނީ ޢިލްމު އުނގަންނައިދިނުމުގެ ދާއިރާއިން ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ލިބިވަޑައިގެންފައިވާ މައްޗަންގޮޅީ ފީރޯޒްވާދީ ފަޟީލަތުއްޝައިޚް އިސްމާޢީލް މުޙައްމަދު އަވަހާރަވުމަކީ، ބޮޑު ހިތާމައަކާއި ފުން އަސަރުތަކެއް އަޅުގަނޑަށް އިޙްސާސް ކުރުވި ކަމެއް ކަމަށެވެ.

‏ފަޟީލަތުއްޝައިޚް އިސްމާޢީލް މުޙައްމަދަކީ ރާއްޖޭގައި ދީނީ ޢިލްމު ފެތުރުއްވުމަށްޓަކައި ވަރަށްފުޅާ ދާއިރާއެއްގައި މަސައްކަތްޕުޅު ކުރައްވައިފައިވާ އަދި ރާއްޖެއިން ބޭރުގައި ދީނީ ރޮނގުން މަތީ ތަޢުލީމު ހާސިލުކުރުމުގެ ފުރުޞަތު ދިވެހި އެތައް ދަރިވަރުންނަކަށް ހޯއްދަވައިދެއްވައިފައިވާ ބޭފުޅެއް ކަން ފާހަގަކުރައްވާ ޝެއިޚަކީ، ދިވެހި ޤައުމަށް މަތިވެރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ އަދި މިހާރުވެސް ޚިދުމަތުގެ އިސް ސަފުގައި ޚިދުމަތްކުރައްވަމުން ގެންދަވާ އެތައް ބޭފުޅެއްގެ އުސްތާޛެއް ކަމުގައި ވިދާޅުވި އެވެ.

‏ފަޟީލަތުއްޝައިޚް އިސްމާޢީލް މުޙައްމަދަކީ، ދީނީ އެކިއެކި ފޮތްތައް ދިވެހިބަހަށް ތަރުޖަމާކުރައްވައި، ޝާއިޢު ކުރައްވަމުން ގެންދަވައިފައިވާ ބޭފުޅެއް ކަމުގައި ވެސް ރައީސް ފާހަގަ ކުރެއްވި އެވެ.

‏ދ. މީދޫ އަށް އުފަން ފަޟީލަތުއްޝައިޚް އިސްމާޢީލް މުޙައްމަދަކީ، ރާއްޖޭގައި އުފެދުނު ދީނީ ޢިލްމުވެރިންގެ ތެރެއިން ވަރަށްކުރީ ސަފުގައި ހިމެނިވަޑައިގަންނަވާ ބޭފުޅެއް ކަމަށް ރައީސް ވިދާޅުވި އެވެ.

‏”އަޅުގަނޑުގެ އިޚުލާޞްތެރި ތަޢުޒިޔާ، މަރުހޫމް ފަޟީލަތުއްޝައިޚް އިސްމާޢީލް މުޙައްމަދުގެ ލޮބުވެތި ޢާއިލާއަށް ދަންނަވަން. މާތްﷲގެ ރުއްސެވުމާއި ފުއްސެވުމުގައި އަދި ސުވަރުގޭގެ މަތިވެރި ނިޢުމަތާއި ރަޙްމަތުގައި މަރްޙޫމް ލަހައްޓަވާށި. އާމީން،” ރައީސްގެ ޕޯސްޓްގައި ލިޔުއްވާފައިވެ އެވެ.

އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން މިރޭ ބުނީ ޝެއިޚް މުޙަައްމަދު އިސްމާއީލް ޖަނާޒާ އޮންނާނީ މިއަދު މެންދުރު ނަމާދުގެ ފަހުން އިސްލާމީ މަރުކަޒުގައެވެ

ކިޔުންތެރިންގެ ހިޔާލު