ENGLISH
21 ޖޫން 2026
ދިވެހި ސާފް ލީގު: އެލޭއިސްގެ ޗެމްޕިއަންކަން ޔަސީނަށް
21 ޖޫން 2026
|
ދިވެހި ސާފް ލީގު 2026 ގެ ފުރަތަމަ މުބާރާތް ކަމަށްވާ އެލޭއިސްގެ ޗެމްޕިއަންކަން ހޯދި ޔަސީން --- ފޮޓޯ: ކުޅިވަރާ ބެހޭ ވުޒާރާ
އެންމެ މަޤްބޫލު
މޯލްޑިވްސް ސާފިން އެސޯސިއޭޝަން (އެމްއެސްއޭ) އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ސީސްޕޯޓްސް ދިވެހި ސާފް ލީގު 2026 ގެ ފުރަތަމަ މުބާރާތް ކަމަށްވާ "އެލޭއިސް" ގެ ޗެމްޕިއަންކަން ޒުވާން ރާޅާއެޅުންތެރިޔާ ޔަސީން އަޙްމަދު ނާޝިދު ހޯދައިފިއެވެ.
މި މަހުގެ 17 އިންް 20 ގެ ނިޔަލަށް ފުވައްމުލަކުގެ މަޝްހޫރު ރާޅާއަޅާ ސަރަހައްދެއް ކަމަށްވާ އެލޭއިސް ސާފް ބްރޭކުގައި ކުރިއަށްދިޔަ މި މުބާރާތުގެ ޝޯޓްބޯޑް ފިރިހެނުންގެ އޯޕަން ބައިގެ ޗެމްޕިއަންކަން ޔަސީން ހޯދީ ފައިނަލްގައި މުޙައްމަދު އިނާން ބަލިކުރުމަށްފަހުއެވެ. ފައިނަލް ހީޓުގައި ޔަސީން 9.07 ސްކޯކުރިއިރު، އިނާނަށް ސްކޯކުރެވުނީ 8.93 އެވެ.
މި މުބާރާތުގެ ޝޯޓްބޯޑް ފިރިހެން 18 އަހަރުން ދަށުގެ ބައިގެ ޗެމްޕިއަންކަން ހޯދީ ނޫހު މުޙައްމަދު ދުނައިމް އިރުޝާދެވެ. އޭނާ މި ބައިގެ ޗެމްޕިއަންކަން ހޯދީ ފައިނަލް ހީޓުގައި، އޯޕަން ބައިގެ ފައިނަލްގައިވެސް ވާދަކުރި އިނާން ބަލިކުރުމަށްފަހުއެވެ. ފައިނަލް ހީޓުގައި ނޫހު 14.33 ސްކޯކުރިއިރު، އިނާނަށް ސްކޯކުރެވުނީ 12.17 އެވެ.
ދިވެހި ސާފް ލީގު 2026 ގެ ފުރަތަމަ މުބާރާތް ކަމަށްވާ އެލޭއިސްގެ ނިންމުމުގެ ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ: ކުޅިވަރާ ބެހޭ ވުޒާރާ
ފުވައްމުލަކުގައި ކުރިއަށްދިޔަ އެލޭއިސް މުބާރާތުގައި ދިވެހި ސާފް ލީގުގައި ނުހިމެނޭ އިތުރު ތިން އިވެންޓެއް ކުރިއަށްދިޔައެވެ. އެގޮތުން ޝޯޓްބޯޑް އަންހެނުންގެ އޯޕަން ބައިގެ ޗެމްޕިއަންކަން ހޯދީ ނަހާ ނަސްރުﷲ އެވެ. އަދި ބޮޑީބޯޑް ފިރިހެނުންގެ އޯޕަން ބައިގެ އިތުރުން ބޮޑީބޯޑް ފިރިހެން 18 އަހަރުން ދަށުގެ ބައިގެ ޗެމްޕިއަންކަން ހޯދާފައިވަނީ އަޙްމަދު ޖިވާއު ޖިހާދެވެ.
ފުވައްމުލަކުގައި ކުރިއަށްދިޔަ އެލޭއިސް މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ޒުވާނުން ބާރުވެރިކުރުމާއި، ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުالله ރާފިޢުއެވެ.
މި އަހަރުގެ ދިވެހި ސާފް ލީގުގެ ފުރަތަމަ މުބާރާތް ނިންމާލިއިރު، އިތުރު ތިން މުބާރާތް ވަނީ ތާވަލުކޮށްފައެވެ. އެއީ ޖުލައި މަހުގެ ފަހުކޮޅު މ. މުލީގައި ކުރިއަށްދާ "މުލީކޮޅު ރާޅުގަނޑު"، އޮގަސްޓް ފަހުކޮޅު ލ. މާބައިދޫގައި ކުރިއަށްދާ "ކެރަންޑޫ" އަދި ނޮވެމްބަރު މަހުގެ ކުރީކޮޅު މާލޭ ރާޅުގަނޑު ސަރަހައްދުގައި ބާއްވާ "ރަންނަމާރި ޗެލެންޖް 1448" އެވެ.