ENGLISH
11 ސެޕްޓެމްބަރު 2025
ރައްޔިތުންގެ ހިޔާލު ހޯދުން އެމްޑީޕީއަށް ކަަމަކުނުދިޔަ؛ ސިފަކުރީ ފަހަތަށް އެޅި ފިޔަވަޅެއްގެ ގޮތުގައި
08 ޖުލައި 2025
|
އެކި ކަންކަމުގައި ރައްޔިތުންގެ ހިޔާލު ހޯދުމަށް އާއްމު ވޯޓު ނެގުމާ ބެހޭ ބިލާ ދެކޮޅު ހަދައި އެ ބިލަކީ ޑިމޮކްރަސީގައި ފަހަތަށް އެޅި ފިޔަވަޅެއްގެ ގޮތުގައި އެމްޑީޕީން ސިފަކޮށްފިއެވެ.
ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މި ބިލަކީ ގާނޫނުއަސާސީގައި ބަޔާންކުރާ އާއްމުންގެ ހިޔާލު ހޯދަންޖެހޭ ކަންކަމާއި އެނޫންވެސް އާއްމުންގެ ހިޔާލު ހޯދަަން ބޭނުންވާ ކަންކަމުގައި ހިޔާލު ހޯދުމަށް ނަގަންޖެހޭ ރެފެރަންޑަމްތައް ނެގުމުގެ ނިޒާމު ބަޔާންކުރާ ބިލެކެވެ. މީގެ ކުރިން އެފަދަ ވޯޓުތައް ނަގާނެ ގޮތް ބަޔާންކުރާ ގާނޫނެއް ނެތެވެ. އަދި އައު ގާނޫނުއަސާސީއަށް އަމަލުކުރަން ފެށިފަހުން މުހިއްމު އެއްވެސް ކަމެއްގައި ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓެއް ނަގާފައިވެސް ނެތެވެ.
މަޖިލީހުގެ ގަރާރަކުން ނުވަތަ ރައީސުލް ޖުމްހޫރިއްޔާގެ ރިޔާސީ ގަރާރަކުން ނިންމައިގެން އާއްމުންގެ ހިޔާލު ހޯދުމުގެ ވޯޓެއް ނެގުމުގެ ކަންކަން ކުރިއަށްގެންދަންޖެހޭނީ އިލެކްޝަންސް ކޮމިޝަން (އީސީ)އިން ކަމަށް އެ ބިލުގައި ބަޔާންކުރެއެވެ. އަދި ހިޔާލު ހޯދުމަށް ހުށަހަޅާ ސުވާލުގެ އިބާރާތް އެ ވޯޓު ނެގުމަށް ހުށަހަޅާ ތާރީހުން ފެށިގެން ފަސް ދުވަހުގެ ތެރޭގައި އެކުލަވައިލާ އާއްމުކުރަންޖެހޭނެކަމަށްވެސް ބިލުގައި ބުނެފައިވެއެވެ.
މި ބިލާއެކު އާއްމުންގެ ހިޔާލު ހޯދުމުގެ ވޯޓު ނެގުމުގެ ނިޒާމެއް ފަރުމާކުރެވިގެންދިޔަ ނަމަވެސް އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހްމަދު ނަސީމަށް އެބިލު ފެނިވަޑައިގަތީ ޑިމޮކްރަސީގައި ފަހަތަށް އެޅޭ ފިޔަވަޅެއްގެ ގޮތުގައެވެ.
ބިލުގައި އެކުލެވޭ ކަންކަމުގެ ތެރެއިން މީކާއީލަށް މައްސަލައަކަށްވީ ވޯޓު ނެގުމުގެ ކަންކަން އިލެކްޝަންސް ކޮމިޝަނުން ކުރިއަށްގެންދިއުމެވެ. ދުނިޔޭގެ ހުރިހާ ގައުމެއްގައިވެސް މިފަދަ އިންތިހާބުތައް ކުރިއަށްގެންދަނީ އެ ގައުމެއްގައި އިންތިހާބުގެ ކަންކަން ހިންގުން މަތިކޮށްފައި އޮންނަ މިނިވަން މުއައްސަސާއިންނެވެ. މަދު ފަަހަރެއްގައި ވަކި ކޮމިޝަނަކުން ނުވަތަ ވަގުތީ މުއައްސަސާއަކުން އެފަދަ ވޯޓެއް ކުރިއަށްގެންދިޔަ ނަމަވެސް އާއްމު އުސޫލަކީ އަދި ޑިމޮކްރެޓިކް ގައުމުތަކުގައި ގާނޫނީ އޮނިގަނޑުތަކުގައި އެކަށައަޅާފައި އޮންނަ ގޮތަކީ އެފަދަ ވޯޓުތައް އިންތިހާބުތައް ކުރިއަށްގެންދިއުމުގެ ޒިންމާ ހަވާލުކޮށްފައި އޮންނަ ދުސްތޫރީ މުއައްސަސާއިން ކުރިއަށްގެންދިއުމެވެ.
މީކާއީލު ފާހަގަކުރެއްވި ގޮތުގައި އިލެކްޝަންސް ކޮމިޝަނަަށް އިތުބާރުނުކުރެވެނީ ކޮމިޝަނުގެ ރައީސާއި ނައިބުރައީސް އައްޔަންކުރުމުގައި ރައީސްގެ ދައުރެއް އޮންނާތީއެވެ. ފަހަރުގައި މީކާއީލަށް ގާނޫނުގައި އޮތް ގޮތެއް އެނގިވަޑައިނުގަންނަވަނީއެވެ. އެއްވެސް މިނިވަން މުއައްސަސާއެއްގެ ރައީސާއި ނައިބުރައީސް ގިނިކަންޏާ ރައީސުލްޖުމްހޫރިއްޔާއަށް އައްޔަންކުރެވޭ ގޮތަކަށް ރާއްޖޭގެ އެއްވެސް ގާނޫނެއް ޖާގަނުދެއެވެ. ގާނޫނުގައި ބުނަނީ ރައީސް ނަން ހުށަހަޅުއްވައި މަޖިލީހުން ރުހުން ދީގެން ކޮމިޝަންތަކުގެ ރައީސުންނާއި ނައިބު ރައީސުން އައްޔަންކުރާ ވާހަކައެވެ. މިނިވަން މުއައްސަސާތަކުގެ މެންބަރުންވެސް އައްޔަންކުރަނީ ހަމަ އެ އުސޫލުން ރައީސް ހުށަހަޅުއްވާ ނަންފުޅުތަކެއްގެ ތެރެއިން މަޖިލީހުން ރުހުން ލިބިގެންނެވެ.
ދެން މީކާއީލުގެ ޝަކުވާއަކީ އީސީ މިހާރު ހިނގާ ގޮތުގެ ޝަކުވާއެވެ. އެގޮތުން ވަގަށް ޕާޓީތަކަށް މެންބަރުން ވައްދާއިރު ފިޔަވަޅު ނާޅާކަމަށް ވިދާޅުވެ މީކާއީލު ފާޑުވިދާޅުވެފައިވެއެވެ. ނަމަވެސް ހަގީގަތަަކީ ޕާޓީތަކަށް ވަގަށް މެންބަރުން ވެއްދުވުމުގެ މައްސަލައަކީ އިއްޔެއަކު މިއަދަކު ފެންމަތިވި ކަމެއް ނޫނެވެ. ފާއިތުވި ފަސް އަހަރުވެސް އެކި ޕާޓީތަކަށް ވަގަށް މެންބަރުން ވައްދާކަމަަށް ތުހުމަތުވިއެވެ. އެއިރު އީސީން ކުރިކަމެއް ފާހަގަވާން ނެތް ނަމަވެސް އެ މައްސަލަ ހައްލުކުރުމަށް ޕާޓީއަށް މެންބަރުން ވައްދާ ގޮތަށް ބަދަލުތަކެއް މިހާރުވަނީ ގެނެސްފައެވެ.
ޕާޓީއަށް މެންބަރުން ވައްދަން ޕޯޓަލް ބޭނުންކުރަންޖެހޭ ގޮތަށް ނިޒާމު ބަދަލުކޮށްފިއެވެ. ޕާޓީއަށް ވައްދަން ފޯމު ހުށަހެޅުމުން ނަންތައް އާއްމުކޮށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވައެވެ. ކޮންމެ ފޯމަކާއެކު އަލަށް ޕާޓީއަށް ވައްދަން ހުށަހަޅާ މީހުންނަށް މެސެޖެއް ފޮނުވައި ސަމާލުކަމަށް ގެނެސް ފޯމުގެ ސައްހަކަން ކަށަވަރުކުރުމަށް ފިޔަވަޅުތަކެއް އަޅައެވެ.
ހަގީގަތަކީ ރާއްޖޭގެ ސިޔާސީ ނިޒާމުގައި ހުރި އުނިކަންކަން އިސްލާހުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ހުށަހަަޅުއްވާފައިވާ ގިނަ ބަދަލުތަކާމެދު ރައްޔިތުންގެ ހިޔާލު ހޯއްދަވައި ރައްޔިތުންގެ ބައިވެރިވުމާއެކު ޑިމޮކްރެޓިކް އުސޫލުން ކަންކަން ނިންމަވަން ސަރުކާރު ތައްޔާރުވަމުންދާދިއުން އެމްޑީޕީއަށް ތަހައްމަލުނުކުރެވެނީއެވެ. ޑިމޮކްރަސީގެ އަސާސީ ސިފަކަމުގައިވާ ރައްޔިތުންގެ ޝާމިލުވުމާއި ބައިވެރިވުން ބާއްވަން އެމްޑީޕީއަށް ކަމުނުދާތީ ބުރަދަަނެއް ނެތް، ވަހުމީ ބަހަނާތަކެއް ދައްކައިގެން ސަރުކާރުން ކުރާ ކަންކަމާމެދު ޝައްކު އުފައްދަން މަސައްކަތްކުރަނީއެވެ.
މީކާއީލުގެ ވާހަކަތަކުގެ ތެރޭގައި ހަގީގަތުގައި ކަންބޮޑުވާންޖެހޭ އެންމެ ކަމެއްވެސް ފެންނާން ނެތެވެ. ކޮންމެ ކަމަކީވެސް ހަގީގަތް އޮޅުވައިލުމަށް ދައްކަވާފައިވާ ދެކޮޅުނުޖެހޭ ވާހަކައެވެ. އިދިކޮޅު އެމްޑީޕީގެ ނަމުގައި ޑިމޮކްރެޓިކް އޮތް ނަމަވެސް ހަގީގީ މާނާގައި ޑިމޮކްރެޓިކް، ރައްޔިތުންގެ ބައިވެރިވުމާއި ޝާމިލުވުން އޮތް، ރައްޔިތުންގެ ހިޔާލާއި ވިސްނުމަށް ޖާގަ އޮތް ވެރިކަމެއް ކުރައްވަނީ ރައީސް ޑރ.މުޢިއްޒާއި ކޮންގްރެސް ޕާާޓީންކަން އެމްޑީޕީއަށް ކަށަވަރުވާތީ "ޗުސްތަޅުވަނީ"އެވެ.
ބޮޑު ދެ އިންތިހާބު އެއްކޮށްލުމާއި، ރިޔާސީ އިންތިހާބު ޕްރިފެރެންޝަލް ވޯޓިންއަކަށް ގެންދިއުމާއި، މަޖިލީހުގެ މެންބަރުންގެ އަދަދު އަހަރުން އަހަރަށް އިތުރުނުވާނެހެން ދެމެހެއްޓެނެވި މިންގަަނޑެއްގައި ހިފަހެއްޓުމާއި، އިންތިހާބީ މަގާމުތަކުގައި ތިއްބަވާ ބޭފުޅުން ރިކޯލް ވޯޓަކުން މަގާމުން ވަކިކުރުމުގެ އިހުތިޔާރު ރައްޔިތުންނަށް ދިނުމަކީ ރައްޔިތުން އެދޭ ބަދަލުތަކެވެ. އެކަންކަމަށް މަގުފަހިކުރައްވަން ކެރިވަޑައިގެންނެވި އެ ސުވާލުތަކާއެކު ރައްޔިތުންނާ ހަމައަށް ވަޑައިގަންނަވާނެ ހިތްވަރު ދެއްކެވި ހަމައެކަނި ރައީސަކީ ޑރ.މުޢިއްޒެވެ.
ރައްޔިތުން ގާތުގައި ބޮޑެތި ކަންކަމުގައި ހޭ އަހައިނުލައި ގޮތް ނިންމަމުން އައި ސިޔާސީންނަށް ރައީސް މުއިއްޒުގެ މި ސިޔާސަތު ކަމުނުދާނެއެވެ. ކޮންމެވެސް ބަހަނާއެއް ދައްކައިގެން އެ ސިޔާސަތާ ދެކޮޅަށް ވާހަކަދައްކާނެއެވެ. ދައްކާނެ ބުރަދަން ހުރި ވާހަކައެއް ނެތަސް ކޮންމެވެސް ވާހަކައެއް ދައްކާނެއެވެ. މީކާއީލު ކުރެއްވިކަމަކީ އެއީއެވެ.