ENGLISH

11 ސެޕްޓެމްބަރު 2025

Advertisement

ގާނޫނުއަސާސީގެ ބައެއް މާއްދާތަކުގައި އޮތީ ތަޅުއެޅުވިފައި، އާއްމު ވޯޓެއް ނެގުން މުހިއްމު: ނާޒިމް

08 ޖުލައި 2025

|

އުމްނާ އިސްމާޢީލް

މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް (ފޮޓޯ/ ރައްޔިތުންގެ މަޖިލީސް)

ގާނޫނުއަސާސީގެ ބައެއް މާއްދާތަކުގައި އޮތީ ތަޅުއެޅުވިފައި ކަމަށާއި އެ މާއްދާތައް ހުޅުވަން އާއްމު ވޯޓެއް ނަގަންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާއްމު ވޯޓު ނެގުމުގެ ބިލަށް ބަހުސްކުރައްވަމުން ނާޒިމް ވިދާޅުވީ މިއަދު ރާއްޖެ ބަނދެވިފައި އޮތީ ރާއްޖޭގައިި އޮންނަން ފެންނަ ވެރިކަމުގެ ނިޒާމު ބެލުމަށްޓަކައި ޚާއްސަ މަޖިލީހުން ނެގި އާއްމު ވޯޓުގެ މަތީގައި ކަމަށެވެ. ދިއްގަރު ދާއިރާގެ މެމްބަރު ވިދާޅުވި ގޮތުގައި މިހާރު އަމަލުކުރާ ގާނޫނު އަސާސީގެ ބައެއް މާާއްދާތައް އޮތީ "ތަޅު އެޅުވިފައި" ކަމަށެވެ. ނާޒިމް ގަބޫލުކުރައްވާ ގޮތުގައި އެ މާއްދާތައް ހުޅުވުމަށްޓަކައި ފެންނަ ނުފެންނަ ވޯޓަކަށް ދާން ޖެހެ އެވެ.

ބިލުގައި ބުނެފައިވާ ގޮތުން ރައްޔިތުންނާ ގުޅޭ މުހިއްމު ކަންތައްތަކުގައާއި ގައުމީ މުހިއްމު މައްސަލަތަކުގެ އިތުރުން ޤާނޫނުއަސާސީގައި ރައްޔިތުންގެ އާއްމު ވޯޓަކަށް އަހަންޖެހޭ ހުރިހާ ހާލަތެއްގަައި އާއްމު ވޯޓެއް ނަގަން ޖެހޭނެ އެވެ. އޭގެތެރޭގައި ޤާނޫނުއަސާސީގެ ދެވަނަ ބާބުގައިވާ އަސާސީ ހައްގުތަކާއި މިނިވަންކަމާ ގުޅޭ ކޮންމެ ކަމެއް ހިމެނެ އެވެ. މަޖިލީހުގެ އުމުރާއި ރައީސުލްޖުމްހޫރިއްޔާ އިންތިޚާބުކުރާ ގޮތަށް ބަދަލު ގެންނަނަމަ، އެކަމަށް ވެސް އާއްމު ވޯޓެއް ނަގަންޖެހޭނެ އެވެ. ހަމައެއާއެކު، ޤާނޫނުއަސާސީއަށް އިސްލާހެއް ގެނައުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ބިލެއް ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކޮށް އެކަން މަޖިލީހަށް އަންގާ ހާލަތުގައާއި ރާއްޖޭގެ ސަރަހައްދާ ގުޅޭ ކަންކަމުގައި ވެސް އާއްމު ވޯޓެއް ނަގަން ޖެހޭނެ އެވެ.

އެ މައުޟޫގައި ނާޒިމް ވިދާޅުވީ ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ މިނިވަން މުސްތަގިއްލު މަގާމުތަކަށް މީހުން އައްޔަނުކުރުމުގައި މަޖިލީހުގެ ދައުރެއް ނޯންނަ ގޮތަކަށް ކަންތައްތައް ބައްޓަންކުރުމަކީ ބަލާލުން ރަނގަޅު ކަމެއް ކަމަށެވެ. މިފަހުން ސީޝެލްސްއަށް ކުރެއްވި ރަސްމީ ދަތުރުގެ ތަޖުރިބާ ހިއްސާކުރައްވަމުން ނާޒިމް ވިދާޅުވީ، އެ ގައުމުގައި އޮންނަނީ ވަކި އިދާރާއަކުން މަގާމުތައް މީހުން އައްޔަނުކުރުމުގެ އުސޫލު ކަމަށެވެ.

"އަޅުގަނޑު ދާދިފަހުން މިގޭގެ މައިނޯރިޓީ ލީޑަރާ އެއްކޮށް ސީޝެލްސް އަށް ގޮސްފައި މިއައީ ދަތުރަކީ އަޅުގަނޑުމެންނަށް ވަރަށް ބައިވަރު ކަންތައްތަކެއް ގާނޫނު އަސާސީގައި ބަޔާންކޮށްފައި ހުރި މުސްތަގިއްލު މަގާމުތަކާއި މިނިވަން މުއައްސަސާތަކަށް މީހުން އައްޔަނުކުރުމަށްޓަކައި އެ ގައުމުގައި ބޭނުންކުރަނީ 'ކޮންސްޓިޓިއުޝަނަލް އެޕޮއިންޓްމެންޓް ކޮމިޝަން' ކިޔާ ކޮމިޝަނެއް. މަޖިލީހުގެ އެއްވެސް ދައުރެއް ނޯވޭ. އަޅުގަނޑުމެން ބަލާލުން ހަމަ އެންމެ ރަނގަޅު ކަމެއް،" ނާޒިމް ވިދާޅުވި އެވެ.

ސީޝެލްސްގައި ޝަރުއީ ދާއިރާގެ އިސް ބޭފުޅުންނާއި މުސްތަގިއްލު މަގާމުތަކަށް މީހުން އައްޔަނުކުރުމަށް އެ ގައުމުގެ ރައީސަށް ލަފާއަރުވަނީ އެކަމަށްޓަކައި އުފައްދާފައިވާ "ކޮންސްޓިޓިއުޝަނަލް އެޕޮއިންމެންޓްސް އޮތީރިޓީން" ނެވެ.  

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު އުވާލައި ޕްރިފަރެންޝަލް ވޯޓިން ނިޒާމަކަށް ވޯޓުލާ ނިޒާމު ބަދަލުކުރުމާއި ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއް ތާރީޚެއްގައި ބޭއްވުމާ މެދު ރައްޔިތުންގެ އާއްމު ޚިޔާލު ހޯދުމުގެ ވޯޓެއް ނެގުމަކީ ރައިސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ ވިސްނުންފުޅެއްކަން ފާހަގަކުރައްވާ ނާޒިމް އަނެއްކާވެސް މިސާލެއްގެ ގޮތުގައި ނެންގެވީ ސީޝެލްސްގައި އިންތިޚާބުތައް ބާއްވާ ގޮތެވެ.

"މިއީ ސީޝެލްސްގައި ތަޖުރިބާކުރަމުންދާ ކަމެއް. އެއް އިންތިޚާބެއްގެ ގޮތަށް ބާއްވާފައި. ދެވަނަ އިންތިޚާބު އަންނަ ސެޕްޓެމްބަރު މަހުގެ 27 ވަނަ ދުވަހު ބޭއްވުމަށް ތައްޔާރުވެފައި ވަނީ. އެ ގައުމުގެ ތަޖުރިބާއަކީ ލާމަސީލު ތަޖުރިބާއެއް،" ނާޒިމް ވިދާޅުވި އެވެ.

ނާޒިމް ފާހަގަކުރެއްވި ގޮތަށް ސީޝެލްސްގެ ރިޔާސީ އިންތިޚާބާއި ޖެނެރަލް އެސެމްބްލީގެ އިންތިޚާބު ބާއްވަނީ އެކުއެކީގަ އެވެ. ރިޔާސީ އިންތިޚާބުގެ ދެ ބުރެއް އެ ގައުމުގައި ބާއްވަ އެވެ. ފުރަތަމަ ބުރުން އެއްވެސް ކެންޑިޑޭޓަކަށް އަގުލަބިއްޔަތު ވޯޓު ނުލިބިއްޖެ ނަމަ ދެވަނަ ބުރު ބާއްވާނީ އެންމެ ގިނަ ވޯޓު ލިބޭ ދެ ކެންޑިޑޭޓުންގެ މެދުގަ އެވެ.

އެ ގައުމުގެ ޖެނެރަލް އެސެމްބްލީ ނުވަތަ މަޖިލީހުގެ މެމްބަރުން ދެ ގޮތަކަށް އިންތިޚާބުކުރެވެ އެވެ. "ފަސްޓް ޕާސްޓް ދަ ޕޯސްޓް" ވޯޓިން ނިޒާމު ބޭނުންކޮށްގެން 26 މެމްބަރުން އިންތިޚާބުކުރާއިރު، ކޮންމެ ޕާޓީއަކަށް ލިބޭ ޖުމްލަ ވޯޓުގެ ނިސްބަތަށް ބަލައި އިތުރަށް 10 ވަރަކަށް މެމްބަރުން އިންތިޚާބު ކުރެ އެވެ.

ކިޔުންތެރިންގެ ހިޔާލު