ENGLISH
13 އޯގަސްޓު 2025
މާފަރު އެއާޕޯޓު ވާންވާނީ ނ.އަތޮޅު ރައްޔިތުންނަށް އިތުރު ފުރުސަތުތަކަށް ހުޅުވޭ ދޮރަކަށް: ޑރ.މުއްތަލިބު
08 ޖުލައި 2025
|
އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބެހޭ ވަޒީރު ޑރ.އަބްދުﷲ މުއްތަލިބު
ނ.މާފަރު ބައިނަލްއަގުވާމީ ވައިގެ ބަނދަރަކީ އެ އަތޮޅުގެ ރައްޔިތުންނަށް އިތުރު ފުރުސަތުތަކަށް ހުޅުވޭ ދޮރަކަށްވާންޖެހޭ ކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބެހޭ ވަޒީރު ޑރ.އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.
މިފަދައިން މުއްތަލިބު ވިދާޅުވީ މާފަރު އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކުރުމުގެ ދެ މަރުހަލާ ނިންމައި އެއާޕޯޓު ރަސްމީކޮށް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައެވެ. މުއްތަލިބުވަނީ އެއާޕޯޓު ތަރައްގީކުރުމުގެ މަސައްކަތް ކުރިއަށްދިޔަ ގޮތަށް އަލިއަޅުވައިލައްވާފައެވެ.
އެގޮތުން މާފަރު އެއާޕޯޓު ތަރައްގީކުރުމުގެ ފުރަތަމަ މަރުހަލާގެ އެއްބަސްވުމުގައި ސޮއިކުރެވުނީ 2018 ވަނަ އަހަރުގެ ޖަނަވަރީގައި ކަމަށާއި، އަމަލީ މަސައްކަތް ނިންމައި އެކެއް ޑިސެންބަރު 2019 ގައި އެއާޕޯޓު އޮޕަރޭޝަނަށް ގެނެވުނުކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ފުރަތަމަ މަރުހަލާއަށް އަބޫދާބީ ފަންޑް ފޯ ޑިވެލޮޕްމެންޓުން 49 މިލިއަން ޑޮލަރު ހަރަދުކުރިއެވެ.
އަދި ދެވަނަ މަރުހަލާގެ މަސައްކަތް އަށެއް ޑިސެންބަރު 2022 ގައި ފަށާފައިވާއިރު އެ މަރުހަލާގައި އެއާޕޯޓުގެ ރަންވޭ ބޮޑުކޮށް ވައިޑްބޮޑީ މަތިންދާބޯޓަށް ޖެއްސޭ މިންވަރަށް ރަންވޭ ފުޅާކުރިއެވެ. އެއާފީލްޑުގެ ލައިޓް ސިސްޓަމްވެސް އަދާހަމަކުރިއެވެ. އެއީ 27 މިލިއަން ޑޮލަރު ހަރަދުކޮށްގެން ކުރެވުނު މަސައްކަތެކެވެ.
ދެ މަރުހަލާގެ މަސައްކަތް ނިމި، އެއާޕޯޓު ރަސްމީކޮށް ހުޅުވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ޑރ.މުއްތަލިބުވަނީ އަބޫދާބީ ފަންޑުން ވެދިން އެހީތެރިކަން ފާހަގަކޮށް އެމިރޭޓްސްގެ ރައީސަށާއި، އެގައުމުގެ ރައްޔިތުންނާއި ފަންޑުގެ ވެރިންނަށް ޝުކުރު އަދާކުރައްވާފައެވެ.
ގުދުރަތީ ގޮތުން ރީތި ނ.އަތޮޅަކީ މިހާރުވެސް ދުނިޔޭގެ އެންމެ މަތީ ފަންތީގެ ގިނަ އަދަދެއްގެ ރިސޯޓު ހުުރި އަދި އެތައް ސަތޭކަ މިލިއަން ޑޮލަރެއްގެ އިންވެސްޓުމެންޓުގެ މަސައްކަތް މިހާރުވެެސް އެ އަތޮޅެއްގައި ހިނގަމުންދާ އަތޮޅެއްކަން ފާހަގަކުރައްވަމުން މުއްތަލިބު ވިދާޅުވީ މި ތަރައްގީގެ މަންފާ އެ އަތޮޅުގެ ރައްޔިތުންނަށް ލިބެންޖެހޭ ކަމަށެވެ.
އިތުރަށް މިނިސްޓަރު ވިދާޅުވީ މާފަރު އެއާޕޯޓުން ނ.އަތޮޅުގެ ރައްޔިތުންނަަށް ލިބޭ ހަމައެކަނި ހިތްހަމަޖެހުމަކީ އެކި ވަރުގެ މަތިންދާބޯޓުތައް ޖައްސައި އުދުހިގެންދާ މަންޒަރު ފެނުން ނޫންކަމަށާއި، އެ އެއާޕޯޓު ވާންޖެހޭނީ އެ އަތޮޅުގެ ރައްޔިތުންނަށް އިތުރު ފުރުސަތުތަކަށް ހުޅުވޭ ދޮރަކަށް ކަމުގައެވެ.
"މާަފަރު އެއާޕޯޓުން ނ.އަތޮޅުގެ ރައްޔިތުންނަށް ލިބޭ ހަމައެކަނި އެކިވަރުގެ މަތިންދާބޯޓާއި ޖެޓުތައް ޖައްސައި އުދުހިގެންދާތަން ބަލަން ތިބުމެއް ނޫން. މާފަރު އެއާޕޯޓު ވާންޖެހޭނީ މިއަތޮޅުގެ ރައްޔިތުންނަށް އިތުރު ފުރުސަތުތަކަށް ހުޅުވޭ ދޮރަކަށް. މި އަންނަ ތަރައްގީއަކީ ރައްޔިތުން ހަމައެކަނި ބަލަން ތިބޭ ތަރައްގީއަކަށްވެގެންނުވާނެ. ރައްޔިތުންނަކީ މި ތަރައްގީގެ ބައިވެރިންނަށްވާންޖެހޭނެ،" މިނިސްޓަރު ވިދާޅުވިއެވެ.
މުއްތަލިބު އިތުރަށް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ގެންގުޅޭ ވިސްނުމަކީ ރާއްޖެއަށް އަންނަ ތަރައްގީއާއި އިންވެސްޓުމެންޓުތަކަކީ އެ ތަރައްގީއާއި އިންވެސްޓުމެންޓުތަކުން ދިވެހި ޒުވާނުންނަށް ވަޒީފާއާއި ވިޔަފާރީގެ ފުރުސަތުތައް ލިބޭކަން ކަށަވަރުކުރުން ކަމަށެވެ.
އަދި ގައުމުގެ އެންމެ ބޮޑު ބިނާރަކީ ތަރައްގީގެ މަޝްރޫއުތަކުގެ ތެރެއިން ބިނާކުރެވޭ ބިނާތަކެއް ނޫންކަމަށާއި، އެ ބިނާތަކުން ލިބޭ އުންމީދުކަމަށާއި، ރައީސް ޑރ.މުޢިއްޒުގެ ވިސްނުންފުޅަކީ ތަރައްގީގެ މަޝްރޫއުތަކުން ޒުވާނުންނަށާއި އަންނަން އޮތް ޖީލުތަކަށް އުންމީދު ހޯދައިދިނުން ކަމަށެވެ.