ENGLISH

11 ސެޕްޓެމްބަރު 2025

Advertisement

ލިޔުންތެރިންގެ ދުވަހުގެ މުނާސަބަތުގައި ރައީސްގެ އަނބިކަނބަލުންގެ ކުރު، ނަމަވެސް ފުން މެސެޖެއް

08 ޖުލައި 2025

|

އިސްމާއީލް ރާތިއު

ފަސްޓް ލޭޑީ، ސާޖިދާ މުޙައްމަދު-- ފޮޓޯ: ރައީސް އޮފީސް

ދިވެހި ލިޔުންތެރިންގެ ދުވަހުގެ މުނާސަބަތުގައި، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު، ކުރު، ނަމަވެސް އޭގެ މާނަ ފުން މެސެޖެއް، އެކަމަނާގެ ރަސްމީ އެކްސް އެކަންއުންޓުގައި ހިއްސާ ކުރައްވައިފިއެވެ.

އެ ކަމަނާ ވިދާޅުވެފައި ވަނީ، ދިވެހި ލިޔުންތެރިންގެ ގަލަންތަކުން ފޭދޭ ކޮންމެ ދެލި ތިއްކަކީ، މި ޤައުމުގެ ދެމިއޮތުމާއި ދިވެހިވަންތަކަމުގެ ޙައްޤުގައި ވެދޭ ޤުރުބާނީއެއް ކަމަށެވެ. އަދި އެއާ އެކު، އެންމެހައި ދިވެހި ލިޔުންތެރިންނަށް، ދުވަހުގެ ތަހުނިޔާ އަރިސްކުރައްވާފައި ވެއެވެ.

ކޮންމެ އަހަރެއްގެ ޖުލައި މަހުގެ އަށްވަނަ ދުވަސް، ދިވެހި ލިޔުންތެރިންގެ ދުވަހުގެ ގޮތުގައި ފާހަގަކުރެވެނީ، "އަލް އިޞްލާހު" ގެ ނަމުގައި ފުރަތަމަ ފަހަރަށް ދިވެހިރާއްޖޭގައި މަޖައްލާއެއް ނެރެން ފެށި ދުވަހުގެ މުނާސަބަތުގައެވެ. ދުވަހުގެ މުނާސަބަތުގައި، މެޑަމްގެ އިތުރަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެސް ވަނީ ދިވެހި ލިޔުންތެރިންނަށް ނުހަނު އަގުހުރި، ޢިބްރަތްތެރި ދަރުސްތަތަކުން ފުރިގެންވާ ޚިޠާބެއް ދެއްވާފައެވެ.

މި ޚިޠާބުގައި، ރައީސްގެ އަނބިކަނބަލުންނެކޭ އެއްފަދައިން ރައީސް ވެސް ވަނީ، އެކި ދާއިރާތަކުން ދިވެހި ލިޔުންތެރިން އަދާކުރައްވަމުން ގެންދަވާ ޤައުމީ ބުރަ މަސްއޫލިއްޔަތުތަކަށް ތަޢުރީފުކުރައްވާ، ހިތްވަރު ދެއްވާފައެވެ. އެގޮތުން، އެ މަނިފާނު ވަނީ ލިޔުންތެރިންގެ ދައުރެއް ނެތް އެއްވެސް ދާއިރާއެއް ޤައުމެއްގެ ނިޞްބަތުގައި ނޯންނާނެ ކަމަށް ވިދާޅުވެ، އެކި ދާއިރާތަކުން ލިޔުންތެރިން ދެއްވަމުން ގެންދަވާ އަގުހުރި ޚިދުމަތްތައް ފާހަގަކުރައްވާފައި ވެއެވެ. އެހެންކަމުން ލިޔުންތެރީންނަކީ އަމިއްލަ ދީނާއި، އަމިއްލަ ޤައުމާއި، އަމިއްލަ ވަޠަނުގެ ދިފާޢުގައި އަދި އަމިއްލަ ޤައުމަށް ކުރިއެރުން ހޯދައިދިނުމުގެ ޢަޒުމުގައި ވަރަށް މަތިވެރި ޖިހާދެއް ކުރާ ބަޔަކުކަމުގައި ވާން ޖެހޭ ކަމަށް ރައީސް ވިދާޅުވެފައި ވެއެވެ.

މީގެ އިތުރަށް، ރައީސްގެ މި ޚިޠާބުގައި ދިވެހި ލިޔުންތެރިންނަށް ވަރަށް މުހިންމު އިލްތިމާސްތަކެއް ވެސް ކުރައްވާފައި ވެއެވެ. އެ މަނިކުފާނު ވަނީ ލިޔުންތެރިކަމަކީ އަމާނާތެއްކަން ފާހަގަކުރައްވާ، ލިޔުންތެރީންގެ ފިކުރުތަކާއި ޚިޔާލުތަކުން ޤައުމުތައް ބިނާކުރެވޭކަން ފާހަގަކުރައްވާފައެވެ. ހަމައެއާއެކު،  ޒިންމާދާރުކަމެއް ނެތް ލިޔުންތެރިކަމުން ޤައުމުތަކަށް ބޮޑެތި ގެއްލުން ލިބެމުންދާކަން ވެސް އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.

އެހެންކަމުން، ދިވެހި ލިޔުންތެރީންގެ ގަލަންތައް ދިވެހީންގެ މަޞްލަޙަތާއި ކުރިއެރުމަށްޓަކައި ހަރަކާތްތެރި ކުރުވުމަށް އެ މަނިކުފާނު އިލްތިމާސް ކުރައްވާފައި ވެއެވެ. އަދި ދިވެހި ލިޔުންތެރީންގެ އުފެއްދުންތެރި ވިސްނުންފުޅުތައް، ދިވެހީންގެ ކަރާމަތާއި، ދިވެހި ޤައުމުގެ އުޖާލާ މާދަމާއަށްޓަކައި ފާޅުކުރައްވާ، އާ ޚިޔާލުތަކާއި، އާ ތަޞައްވުރުތަކުން ދިވެހި ފަތްފުށްތައް މުއްސަނދި ކުރެއްވުމަށް، ދިވެހި ލިޔުންތެރިންނަށް ރައީސް އިލްތިމާސް ކުރައްވާފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު