ENGLISH

10 ޖުލައި 2025

Advertisement

ސަރުކާރުގެ އަމާޒު އަތުވާނެ؛ އޮފް ސީޒަނުގައި ފަތުރުވެރިން އަންނަ މިންވަރު ބޮޑުތަނުން އިތުރުވެއްޖެ

08 ޖުލައި 2025

|

ޝިފްޒާން އަޙްމަދު

ރާއްޖެއަށް އައި ފަތުރުވެރިންތަކެއް އެއާޕޯޓުގައި، ފޮޓޯ: ސަން

ރާއްޖޭގެ ފަތުރުވެރިކަމުގެ އޮފް ސީޒަން ފެށެނީ މޭ މަހުއެވެ. މޭ މަހުން ފެށިގެން ގޮސް ނޮވެންބަރު މަހުގެ ނިޔަލަށް އޮފް ސީޒަން ދެމިގެންދާއިރު ރައްޖެއަށް އެ ދުވަސްވަރު އަންނަ ފަތުރުވެރިން އާއްމުކޮށް މަދެވެ. ނަތީޖާއެއްގެ ގޮތުން އެ ދުވަސްވަރަކީ ފަތުރުވެރިކަމުން ދައުލަތަށް ލިބޭ އާމްދަނީވެސް މަދު، އެ ސިނާއަތާ ގުޅިފައި ހުރި އެހެނިހެން ވިޔަފާރިތަކަަށް ލިބޭ އާމްދަނީވެސް ކުޑަ ދުވަސްވަރެކެވެ. 

ނަތީޖާއެއްގެ ގޮތުން ރައީސް ޑރ.މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން އެމަނިކުފާނުގެ އިސްނެންގެވުމަށް ސަރުކާރުން ކުރަމުން އަންނަ އެންމެ މުހިއްމު އެއް މަސައްކަތަކީ އޮފް ސީޒަނުގައި ރާއްޖެއަށް އަންނަ ޓޫރިސްޓުން އިތުރުކުރުމުގެ މަސައްކަތެވެ. އެ މަސައްކަތުގެ ނަތީޖާ މިހާރު އަންނަނީ ފެންނަމުންނެވެ. އެގޮތުން މި އަހަރުގެ އޮފް-ސީޒަނުގައި ފާއިތުވި މުއްދަތުގައި ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދު ނިމުނު އަހަރަށްވުރެ އިތުރުވެފައިވެއެވެ. 

އެގޮތުން އޮފް-ސީޒަނުގެ ފުރަތަމަ މަސް ކަމުގައިވާ މޭ މަހުގައި ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދު ފާއިތުވި ދެ އަހަރަށްވުރެ އިތުރުވެފައިވެއެވެ. 2023 ވަނަަ އަހަރުގެ މޭ މަހުގައި 120،959 ފަތުރުވެރިން ރާއްޖެއަށް އައިސްފައިވާއިރު 2024 ގައި 119،875 ފަތުރުވެރިން ޒިޔާރަތްކުރިއެވެ. މި އަހަރު ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދު 13.1 އިންސައްތަ އިތުރުވެ، 135،614 ފަތުރުވެރިން އައިސްފައިވެއެވެ. 

ޖެހިގެން އައި ޖޫން މަހުގައި 2023 ވަނަ އަހަރު 120،363 ފަތުރުވެރިން އައިސްފައިވެއެވެ. އަދި 123،284 ފަތުރުވެރިން 2024ގެ ޖޫން މަހުގައި ރާއްޖެއަށް ޒިޔާރަތްކުރިއިރު މި އަހަރު އައި ފަތުރުވެރިންގެ އަދަދު 15 އިންސައްތަ އިތުރުވެ، ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދު 141،772 މީހުންނަށް އަރާފައިވެއެވެ. 

ޖުލައި މަހުގެ 7 ވަނަ ދުވަހުގެ ނިޔަލަށް ނިމުނު އަހަރު 34،922 ފަތުރުވެރިން އައިސްފައިވާއިރު 2023 ވަނަ އަހަރު 31،924 މީހުން އައިސްފައިވާއިރު، މި އަހަރުގެ ޖުލައި މަހުގެ ފުރަތަމަ ހަތް ދުވަހު 40،071 މީހުން ރާއްޖެއަށް އައިސްފައިވެއެވެ. އެއީ ނިމުނު އަހަރަށްވުރެ 14.7 އިންސައްތަ އިތުރު އަދަދެކެވެ. 

އެހެންކަމުން މި އަހަރުގެ އޮފް-ސީޒަނުގައި ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދު ނިމުނު އަހަރަށްވުރެ އިތުރުވެފައިވެއެވެ. އަދި މި އަހަރުގެ މިހާތަނަށް 1،148،201 (އެއް މިލިއަން އެއްލައްކަ ސާޅީސްއަށްހާސް ދުއިސައްތަ އެއް) ފަތުރުވެރިން އައިސްފައިވެއެވެ. އެއީ ނިމުނު އަހަރަށްވުރެ 9.3 އިންސައްތަ އިތުރު އަދަދެކެވެ. 

މި އަހަރަށް ސަރުކާރުން ކަނޑައަޅާފައިވާ އަމާޒަކީ 2.3 މިލިއަން ފަތުރުވެރިން ރާއްޖެއަށް ގެނައުމެވެ. އޮފް-ސީޒަނުގައި ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވަމުންދިއުމާއެކު މި އަހަރު އެ އަމާޒު ހާސިލުވާނެ ކަމުގައި ބެލެވެއެވެ. 

ކިޔުންތެރިންގެ ހިޔާލު