ENGLISH

10 ޖުލައި 2025

Advertisement

ލިޔުންތެރިންނަށް ރައީސްގެ އިލްތިމާސް؛ ގަލަންތައް ދިވެހީންގެ މަސްލަހަތު ހިމާޔަތްކުރުމަށް ހަރަކާތްތެރި ކުރައްވާ

08 ޖުލައި 2025

|

ޝިފްޒާން އަޙްމަދު

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު، ފޮޓޯ: ރައީސް އޮފީސް

ލިޔުންތެރިންގެ ގަލަންތައް ދިވެހިންގެ މަސްލަހަތުތައް ހިމާޔަތްކޮށް ކުރިއެރުވުމަށް ހަރަކާތްތެރިކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އިލްތިމާސް ކުރައްވައިފިއެވެ. 

ޖުލައި އަށްވަނަ ދުވަހު ފާހަގަކުރާ ދިވެހި ލިޔުންތެރިންގެ ދުވަހުގެ މުނާސަބަތުގައި މިއަދު އެމަނިކުފާނު ފޮނުއްވި މެސެޖުގައި ރައީސް ވިދާޅުވީ އިސްލާހުކުރުމަކީ ކޮންމެ ދުވަހަކު އިންސާނާ ކުރަންޖެހޭ ކަމެއް ކަމަށާއި، އެކަމަށްޓަކައި ކުރެވޭ އެންމެ މުހިންމު އެއް ކަމަކީ ލިޔުން ކަމަށެވެ. އިންސާނާގެ ނަފްސުތަކާއި، މުޖުތަމައާާއި، ގައުމާއި ދުނިޔެ އިސްލާހުކުރުމަށްޓަކައި އެކި މައުޟޫއުތަކުގައި ލިޔެ އިލްމު ފެތުރުން ކަމަށާއި އެ ޒިންމާ އަދާކުރަނީ ލިޔުންތެރިން ކަމަށެވެ. 

ދިވެހި ލިޔުންތެރިންގެ ގޮތުގައި އަށެއް ޖުލައި ފާހަގަކުރާ ސަބަބަކީ މިއަދަކީ އަލްއިސްލާހުގެ ނަމުގައި ފުރަތަމަ ފަހަރަށް ދިވެހި މަޖައްލާއެއް 1933 ވަނަ އަހަރު ނެރެން ފެށި ދުވަސްކަމަށްވާތީކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ އެ މަޖައްލާގެ މަގުސަދެއްކަމަށް މަޖައްލާގައި ބުނެފައިވަނީ އެކި ދާއިރާތަކުން ދިވެހި ގައުމު އިސްލާހުކުރުން ކަމަށެވެ. ހާއްސަކޮށް ދީނާއި އިޖުތިމާއީ ދާއިރާއާއި އިގުތިސާދާއި ސިޔާސީ ދާއިރާއާއި އިލްމާއި ސަގާފަތާއި ތާރީހުގެ ދާއިރާއިން އިސްލާހުތައް ގެނައުމަކީ މަޖައްލާގެ މަގުސަދުކަމުގައި ބުނެފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. 

"ލިޔުންތެރިކަމުގެ މި ބިންގަލުގެ މައްޗަށް ދިވެހި އިމާރާތް އުފުލުން އަބަދުވެސް އޮންނާނީ ކުރިޔަށް. މިއަދުގެ ދިވެހިރާއްޖެއަށް ބަލާއިރު، ދިވެހި ލިޔުންތެރިކަމުގެ ދައުރު އިތުރަށް ފުޅާވެ ތަނަސްވެއްޖެ. ލިިޔުންތެރީންގެ ދީނީ ޤައުމީ ޒިންމާއާއި މަސްއޫލިއްޔަތު އެތައް ގުނަޔަކަށް މުހިންމު ވެއްޖެ،" ރައީސް ވިދާޅުވިއެވެ. 

އެމަނިކުފާނު ވިދާޅުވި ގޮތުގައި ދީނީ ގޮތުން ދިވެހިންގެ އަގީދާ ހަރުދަނާކޮށް އަހުލާގު ރަނގަޅުކުރުމުގައި ލިޔުންތެރިންގެ އެހީތެރިކަން ގައުމަށް ބޭނުންވެއެވެ. އަދި އިޖުތިމާއީ ގޮތުން ދޭދޭ ގުޅުންތަކާއި، މުޖުތަމައުގެ ހަމަޖެހުން ގާއިމުކުރުމުގައި ލިޔުންތެރިންގެ އަމާނާތްތެރިކަން ބޭނުންވާ ކަމަށާއި، އިގުތިސާދީ ގޮތުން، އާ ފުރުސަަތުތައް ތައާރަފުކުރުމާއި ޒުވާން ޖީލު މަސައްކަތްތެރި ދުނިޔެއަށް ލޯ ހުޅުވިފައިވާ ބަޔަކަށް ހެދުމުގައި ލިޔުންތެރިންގެ ދައުރު މުހިއްމުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. 

"ސިޔާސީ ގޮތުން ބަލާއިރު، މި ޒަމާނުގައި ވެރިކަމަށް އަންނަނީ ލިޔެވޭ މެނިފެސްޓޯއެއްގެ އެހީގަ. އެ މެނިފެސްޓޯ އެކުލަވައިލުމާއި، ރައްޔިތުންނަށް އޮޅުންފިލުވައި ދިނުމާއި، ޤައުމީ އެކިއެކި މައްސަލަތަކާއި ޙާލަތްތައް ހެޔޮގޮތުގައި ތެދުވެރިކަމާއެކު ރައްޔިތުންނަށް ވިސްނައިދިނުމުގައި ވެސް އެންމެ އިސް ދައުރެއް އަދާކުރެވޭނީ ލިޔުންތެރީންނަށް.. ހަމަ އެހެންމެ ސިޔާސީ ގޮތުން، އެކި ދައުލަތްތަކާއި، ބައިނަލްއަޤްވާމީ ޖަމާޢަތްތަކާއި، އަމިއްލަ ޤައުމާ ދެމެދު އޮންނަ ގުޅުންތައް ބަދަހިކުރުމާއި، ހުރިހައި މާނައެއްގަައި މަޞްލަޙަތު ހިފެހެއްޓުމުގެ ޤައުމީ ބޮޑު ޒިންމާ އަދާކުރެވޭނީ ވެސް ލިޔުންތެރީންނަށް،" ރައީސް ވިދާޅުވިއެވެ. 

އެކި ދާއިރާގައި ލިޔުންތެރިންގެ ދައުރު ފާހަގަކުރެއްވުމާއެކު ރައީސް ވިދާޅުވީ ލިޔުންތެރިންގެ ދައުރެއް ނެތް އެއްވެސް ދާއިރާއެއް ގައުމެއްގެ ނިސްބަތުގައި ނޯންނަ ކަމަށެވެ. އެހެންކަމުން ލިޔުންތެރިންނަކީ އަމިއްލަ ދީނާއި އަމިއްލަ ގައުމާއި އަމިއްލަ ވަތަނުގެ ދިފާއުގައި އަދި އަމިއްލަ ގައުމަށް ކުރިއެރުން ހޯދުމުގެ އަޒުމުގައި ވަރަަށް މަތިވެރި ޖިހާދެއް ކުރާ ބަޔަކު ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ. 

ލިޔުންތެރިކަމަކީ އަމާނާތެއްކަން ފާހަގަކުރައްވައި ލިޔުންތެރިންގެ ފިކުރުތަކާއި ހިޔާލުތަކުން ގައުމުތައް ބިނާކުރެވޭކަމަށާއި، ޒިންމާދާރުކަމެއް ނެތް ލިޔުންތެރިކަމުން ގައުމުތަކަަށް ބޮޑެތި ގެއްލުން ލިބޭކަމަށް ރައީސް ވިދާޅުވިއެވެ. 

ރާައްޖެ ބިނާކުރުމުގައި ލިޔުންތެރިން ޒިންމާދާރު މުހިއްމު މަސައްކަތްތަކެއް ކުރައްވާފައިވާކަމަަށް ވިދާޅުވެ، ދީނީ އިލްމުވެރިން ދީނީ ރޮނގުންނާއި އަދަބީ އިލްމުވެރިން އެ ދާއިރާއިން އަދި ތާރީހު އިލްމުވެރިން ތާރީހުގެ ދާއިރާއިން އަދި ނޫސްވެރިންނާސި ސިޔާސީ ބޭފުޅުން އެ ބޭފުޅުންގެ ދާއިރާތަކުން ކުރައްވާފަައިވާ ހިދުމަތްތައް ރައީސް ފާހަގަކުރެއްވިއެވެ. 

ލިޔުންތެރިންގެ ހިދުމަތްތައް ފާހަގަކުރައްވައި ރައީސްވަނީ ދިވެހި ލިޔުންތެރިކަމުގެ ދާއިރަގައި އަގުހުރި ހިދުމަތްތަކެއް ކުރައްވާފައިވާ ހުރިހާ ލިޔުންތެރިންނަށް ލިޔުންތެރިންގެ ދުވަހުގެ ތަހުނިޔާ އަރިސްކުރައްވައި ހެޔޮއެދުންތައް ރައީސްވަނީ ފޮނުއްވާފައެވެ. 

ރައީސްގެ މެސެޖު ނިންމަވައިލައްވަމުން ލިޔުންތެރިންގެ ކިބައިން އެމަނިކުފާނު އެދިވަޑައިގެންފައިވަނީ ދިވެހި ލިޔުންތެރިންގެ ގަލަންތައް ދިވެހިންގެ މަސްލަހަތުތައް ކުރިއެރުވުމަށްޓަކައި ހަރަކާތްތެރި ކުރުވުމަށެވެ. އަދި ލިޔުންތެރިންގެ އުފެއްދުންތެރި ވިސްނުންފުޅުތައް، ދިވެހިންގެ ކަރާމަތާއި، ދިވެހި ގައުމުގެ އުޖާލާ މާދަމާއަށްޓަކައި ފާޅުކުރެއްވުމަށާއި، އައު ހިޔާލުތަކާއި އައު ތަސައްވުރުތަކުން ދިވެހި ފަތްފުއްޓައް މުއްސަނދިކޮށްދެއްވުމަށް ރައީސް އެދިވަޑައިގަތެވެ. 

ކިޔުންތެރިންގެ ހިޔާލު