ENGLISH
10 ޖުލައި 2025
ޅޮހީ ބަނދަރު ތަރައްޤީ ކުރުމުގެ އަދާހަމަ އެމްޓީސީސީ އިން ހިއްސާކޮށްފި
08 ޖުލައި 2025
|
ނ. ޅޮހީ ބަނދަރު ތަރައްޤީ ކުރުމުގެ މަސައްކަތްތަކުގެ ތެރެއިން. ފޮޓޯ: އެމްޓީސީސީ
ނ. ޅޮހީ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން، މިހާރު ކުރެވެމުންދާ މަސައްކަތްތަކުގެ އަދާހަމަ، އެ މަސައްކަތްކުރަމުން އަންނަ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ހިއްސާކޮށްފިއެވެ.
މި މަޝްރޫޢުގެ ދަށުން، މިހާރު އޮތް ބަނދަރު 66,701.94 ކިއުބިކް މީޓަރު ފުންކުރުމާއި، އައު ބަނދަރުގެ ޗެނަލް 2205 ކިއުބިކް މީޓަރު ފުންކުރުމާއި، 321.70 މީޓަރުގެ ބްރޭކްވޯޓަރ، 95 މީޓަރުގެ ރިވެޓްމަންޓް ޖެހުމަށް ހަމަޖެހިފައިވެއެވެ.
މީގެއިތުރުން، 50 މީޓަރުގެ ގްރޮއިން، 366 މީޓަރުގެ ކީވޯލް، 1720 އަކަ މީޓަރުގެ ޕޭވްމަންޓް، ރޭމްޕް އަދި ކޮންކްރީޓް ޖެޓީގެ މަސައްކަތްވެސް ކުރުމަށް ވަނީ ހަމަޖެހިފައެވެ. މަޝްރޫޢުގެ އަމަލީ މަސައްކަތްތައް ފެށީ 2023 ވަނަ އަހަރުގެ އޮގަސްޓް މަހު އެވެ.
މި މަޝްރޫޢުގެ މަސައްކަތްތައް ކުރިއަށްގެންދާ ސަރަހައްދަކީ ރާއްޖޭގެ ވެރިރަށް މާލެއިން އުތުރަށް 181.79 ކިލޯމީޓަރު (113 މޭލު؛ 98 ނޯޓިކަލް މޭލު) ދުރުގައިވާ ސަރަހައްދެކެވެ. ޅޮހި އޮންނަނީ ނ. އަތޮޅުގެ ވެރިރަށް މަނަދޫ ކައިރީގައެވެ. މަނަދޫ، މިލަދޫ އަދި މަގޫދޫ އަކީ އެންމެ ކައިރީގައިވާ މީހުން ދިރިއުޅޭ ރަށްތަކެވެ.
ޅޮހީގައި މިހާރު ބޭނުންކުރާ ބަނދަރަކީ 2008 ގައި ހަދާފައިވާ ބަނދަރެކެވެ. މަރާމާތުނުކުރެވުނި ގިނަ ދުވަސްތަކެއްވުމުގެ ސަބަބުން މި ބަނދަރު ވަނީ ވަރަށް ބޮޑަށް ހަލާކުވެފައެވެ.
ގާތްގަނޑަކަށް ހާހަކާ ގާތަށް މީހުން ދިރިއުޅޭ ޅޮހީގައި މައިގަނޑުގޮތެއްގައި ކުރާ މަސައްކަތްތަކަކީ؛ މަސްވެރިކަމާއި ލޯކަލް ޓޫރިޒަމް އެވެ. އެހެންކަމުން، އެ ރަށުގެ ބަނދަރު ތަރައްޤީކޮށް، މަރާމާތުކުރުމަކީ ކޮންމެހެން ކުރަންޖެހިފައިވާ ކަމެކެވެ.
ޅޮހީގެ ބަނދަރު ޒަމާނީ ފެންވަރަށް ތަރައްޤީ ކުރެވިގެން ދިއުމުން މިހާރު އޮތް ބަނދަރަށް ޖާގަ އިތުރުވެ، އެ ބަނދަރުގެ ބޭނުންހިފާ އެންމެންނަށް ލުއިފަސޭހަތައް ލިބިގެންދާނެ އެވެ.
ޅޮހީގެ ބަނދަރު ތަރައްޤީ ކުރުމުގެ މަސައްކަތްކުރުމަށް އެމްޓީސީސީއާ ހަވާލުކުރީ 2022 ވަނަ އަހަރުގެ ޑިސެންބަރު މަހު އެވެ. އަދި، މި މަޝްރޫޢަށް ގާތްގަނޑަކަށް 68 މިލިއަނަށްވުރެ ގިނަ ރުފިޔާ ހަރަދުވާނެ އެވެ.