ENGLISH

07 ޖުލައި 2025

Advertisement

މަސްތުވާތަކެތީގެ ވިޔަފާރީ ކުރުމުގެ ކުށުގައި ޔާޔާ ނަބީލު އުމުރަށް ޖަލަށް

07 ޖުލައި 2025

|

އަޙުމަދު ޙަމީދު

މުހައްމަދު ނަބީލު (ޔާޔާ ނަބީލު)

މަސްތުވާތަކެތީގެ ވިޔަފާރީ ކުރުމުގެ ކުށުގައި މުހައްމަދު ނަބީލު (ޔާޔާ ނަބީލު) އުމުރަށް ޖަލަށް ލައިފި އެވެ.

މީނާ އަކީ ދިވެހި މުޖްތަމަޢުގައި ވަރަށް ބޮޑު ފަސާދައެއް ވެސް ފަތުރަމުން އައި މީހެކެވެ. އޭނާ ގެންދިޔައީ ޓިކްޓިކް ގައި އަންހެން ހެދުން އަޅައިގެން ލައިވްތައް ކުރިއަށް ގެންގޮސް ހުތުރު ވާހަކަތައް ފަތުރަމުންނެވެ.

އެ މައްސަލާ ގައި ވަރަށް ގިނަ ބަޔަކު ގެންދިޔައީ އޭނާއަށް ހަރުކަށި ފިޔަވަޅު އެޅުމަށް ގޮވާލަމުންނެވެ. އެ މައްސަލައާ ގުޅިގެން އެތައް ފަހަރަކު އޭނާ ހައްޔަރު ކުރި އެވެ. ނަމަވެސް ދޫކޮށްލާއިރަށް އަލުން އެކަން ފަށަ އެވެ.

މި ފަހަރު އޭނާ ހައްޔަރު ކުރީ އިތުރު މީހަކާއި ގުޅިގެން މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ކަމުގެ ތުހުމަތުގަ އެވެ. އެ މީހުން އުޅުނު ތަނުން ގިނަ އަދަދެއްގެ މަސްތުވާތަކެތި ވެސް ފުލުހުން ވަނީ ހޯދާފަ އެވެ.

ކްރިމިނަލް ކޯޓްގައި މައްސަލަ ބެއްލެވި ގާޒީ މުޙައްމަދު މިސްބާޙް އިއްޔެ ނިންމެވި ނިންމެވުމުގައި ވަނީ އެ ދެ މީހުން ކެނެބިސް ޓްރެފިކްކުރުމުގެ ކުށުން ކުށްވެރިވާ ކަމަށެވެ. އެ ދެ މީހުން އެ ދައުވާއަށް އިންކާރުކުރި ނަމަވެސް 14 ގްރާމަށް ވުރެ ގިނަ ކެނެބިސް އެ ދެ މީހުންގެ ހިޔާޒަތުގެ ދަށުން ފެނިފައިވާ ކަމަށް ހުކުމްގައި ވެ އެވެ.

އެެހެން ކަމުން މި ކުށުގެ އަދަބު ކަމުގައިވާ އުމުރަށް ޖަލަށް ލުމަށް ވަނީ ޙުކުމް ކޮށްފަ އެވެ. ކޯޓުން ވަނީ އެ ދެ މީހުން އުމުރަށް ޖަލަށް ލުމުގެ އިތުރުން 100,000 ރުފިޔާ އިން ޖޫރިމަަނާ ވެސް ކޮށްފަ އެވެ.

އެ ފައިސާ އެއް އަހަރުތެރޭ ދެއްކުމަށް ވެސް އަންގާފައިވެ އެވެ.

އެ ދެ މީހުން ޖަލުގައި ހޭދަކުރި މުއްދަތު ކެނޑުމުން ދެން ތަންފީޒު ކުރަން ޖެހޭނީ 22 އަހަރާއި 9 މަހާއި 8 ދުވަސް ކަމަށް ވެސް ކޯޓްގެ އަމުރުގައިވެ އެވެ.

ކިޔުންތެރިންގެ ހިޔާލު