ENGLISH
07 ޖުލައި 2025
ކްރިމިނަލް ކޯޓާއި ޑްރަގް ކޯޓުގެ އާ އިމާރާތް މިނިވަން ދުވަހު ހުޅުވަނީ
07 ޖުލައި 2025
|
ހުޅުމާލޭގައި އިމާރާތްކުރަމުން އަންނަ ކްރިމިނަލް ކޯޓާއި ޑްރަގް ކޯޓުގެ އާ އިމާރާތް. ފޮޓޯ: އެޗްޑީސީ
ހުޅުމާލޭގައި ގާއިމުކުރާ ކްރިމިނަލް ކޯޓު އަދި ޑްރަގް ކޯޓު އިމާރާތް ހުޅުވުމުގެ އެންމެ ފަހުގެ ތައްޔާރީތައް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ފަށައިފިއެވެ.
އާ އިމާރާތުގެ މަސައްކަތް އެއްކޮށް ނިންމައި ހުޅުވަން މަސައްކަތްކުރަމުން އަންނަނީ ރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރުމާ ދިމާކޮށް ޖުލައި 26 ވަނަ ދުވަހެވެ.
ކްރިމިނަލް ކޯޓު މިހާރު ހިންގަމުން އަންނަނީ މާލެ މާރުކޭޓު ސަރަޙައްދުގައި ހުރި އެސްޓީއޯގެ ކުރީގެ އިމާރާތުގައެވެ. އޭގެކުރިން ކްރިމިނަލް ކޯޓު ހިންގީ ޖަސްޓިސް ބިލްޑިންގައެވެ. އެ އިމާރާތުން ކްރިމިނަލް ކޯޓު މާރުކޭޓު ސަރަހައްދުގައި ހުރި އެސްޓީއޯ އިމާރާތަށް ބަދަލުކުރީ 2015 ވަނަ އަހަރެވެ.
ކްރިމިނަލް ކޯޓުގެ އިމާރާތް ބާވެ، ފާރުތަކުގައި ރެނދުލައި، ސީލިންގުން ފެން ފޭބުމުގެ މައްސަލަތައް ވެސް އަންނަނީ ކުރިމަތިވަމުންނެވެ. އޭގެ ސަބަބުން ބައެއް ޝަރީޢަތްތައް ވެސް މީގެކުރިން ވަނީ ކެންސަލްކޮށްފައެވެ.
ކްރިމިނަލް ކޯޓާއި ޑްރަގް ކޯޓުގެ އިމާރާތް ހަދާފައި ވަނީ ކުރިން ހުޅުމާލޭގައި ހިންގި ކޮވިޑް ހޮސްޕިޓަލުގެ އިމާރާތުގައެވެ. ޓްރީޓޮޕް ކައިރީ ހުންނަ ހަތަރު ފަންގިފިލާގެ އެ އިމާރާތް މަރާމާތުކުރީ އެޗްޑީސީންނެވެ.
އާ އިމާރާތް ހުޅުވުމާއެކު، މިހާރު މާލޭގައި ހިންގާ ކްރިމިނަލް ކޯޓާއި ޑްރަގް ކޯޓުގެ އިމާރާތް ބަންދުކުރާނެއެވެ.
ކްރިމިނަލް ކޯޓުގެ އިމާރާތް ބާވެ، އާ އިމާރާތެއް ބޭނުންވެފައިވާ އަހަރުތަކެއް ވަނީ ވެފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަމާލުކަމަށް އައުމާއެކު، އެމަނިކުފާނު ވަނީ އާ އިމާރާތެއް އަޅައި ޚިދުމަތްތައް ބަދަލުކުރައްވާނެކަމަށް ވިދާޅުވެފައެވެ.
ކްރިމިނަލް ކޯޓާއި ޑްރަގް ކޯޓުގެ އާ އިމާރާތް އެޅުމަށް ނިންމަވާފައިވާކަން ރައީސުލްޖުމްހުރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާނުކުރެއްވީ 2024 ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހު ބޭއްވި ޖުމްހޫރީ ދުވަހުގެ ޖަލްސާގައެވެ.