ENGLISH
07 ޖުލައި 2025
ރައީސް ޑރ. މުޢިއްޒު ބޭނުންފުޅުވަނީ ރައްޔިތުންނަށް ވީހާވެސް އަވަހަކަށް ޢަދުލު އިންސާފު ލިބެން: މެންބަރު ޢަބްދުއްލަޠީފް
07 ޖުލައި 2025
|
ދިއްދޫ ދާއިރާގެ މެންބަރު ޢަބްދުއްލަޠީފް މުޙައްމަދު-- ފޮޓޯ: ރައްޔިތުންގެ މަޖިލީސް
ރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒު ބޭނުންފުޅުވަނީ ވީހާވެސް އަވަހަކަށް ރައްޔިތުންނަށް ޢަދުލު އިންސާފު ލިބެން ކަމަށް، ދިއްދޫ ދާއިރާގެ މެންބަރު ޢަބްދުއްލަޠީފް މުޙައްމަދު ވިދާޅުވެއްޖެއެވެ.
ޢަބްދުއްލަޠީފް މިފަދައިން ވިދާޅުވެފައިވަނީ، ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސަޢުދުﷲ ޙިލްމީ، ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅުއްވާފައިވާ، އަމިއްލައަށް ފަނޑިޔާރުކަމުން ވަކިވެއްޖެ ނަމަ ނުވަތަ މަޤާމުން ވަކިކުރާ ފަނޑިޔާރަކަށް، އެ ތާރީހުން ފެށިގެން ދެ އަހަރު ދުވަހުގެ މުއްދަތަށް އެ ފަނޑިޔާރަކު މަސައްކަތް ކުރެއްވި ކޯޓަކަށް ގާނޫނީ ވަކީލެއްގެ ގޮތުގައި ހާޒިރުނުވެވޭ ގޮތަށް ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ވާހަކަދައްކަވަމުންނެވެ.
ޢަބްދުއްލަޠީފް ވިދާޅުވީ، ރައީސް ޑރ. މުޢިއްޒު ވެރިކަމާ ޙަވާލުވެވަޑައިގެންނެވި ހިސާބުން ސަރުކާރުން ފަނޑިޔާރުގެތަކަށް އަތްބޭނުމާއި ފަނޑިޔާރުންނަށް ފުރައްސާރަކުރުން ނިމުނީ ކަމަށެވެ. އަދި މިކަންކަން އެންމެ ގިނައިން ކޮށްފައިވަނީ އެމްޑީޕީގެ ވެރިކަންތަކުގައި ކަމަށްވެސް ޢަބްދުއްލަޠީފް ވިދާޅުވިއެވެ.
"ކޯޓުތަކަށް އަތްބާނާ، ކޯޓުތަކަށް ނުފޫޒު ފޯރުވީ، ރައީސް ނަޝީދުގެ ސަރުކާރުން. ކޯޓުތައް ތަޅުލާ، ފަނޑިޔާރުންނަށް ޖެއްސުންކޮށް، ފުރައްސާރަކޮށް، ފަނޑިޔާރުންނާ ދިމާކޮށް، ފަނޑިޔާރުން މޫދަށް ވައްޓާލާ، ފަނޑިޔާރުން ބިންމައްޗަށް ވައްޓާލާ، މިހުރިހާ ކަމެއް ކުރީ 2008 ވަނަ އަހަރު އާ ޤާނޫން އަސާސީގަ އައި އާ ސަރުކާރާއެކު ކުރި ކަންތައް މީ. ދެން އެއަށްފަހު އައީ ރައީސް ޔާމީނުގެ ސަރުކާރުވެސް. ކަންތައްތައް ކުރީ ހަމަ އެގޮތަށް."
ޢަބްދުއްލަޠީފް ވަނީ، ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހަޅައިގެން ކަންތައް ވީގޮތުގެ އަމިއްލަފުޅު ތަޖުރިބާއެއްވެސް ހިއްސާކުރައްވާފައެވެ. އެގޮތުން، އިންސާފެއް ނުލިބި ދޮޅުއަހަރު ދިޔަ ކަމަށާއި، އެންމެ ފަހުގެ ޙުކުމަކަށްވީ، ކޯޓުން ބޭރުން، މައްސަލައިގެ ދެ ޚަޞްމުން އަމިއްލައަށް މައްސަލަ ޙައްލުކުރުމަށް ކަމަށް، ޢަބްދުއްލަޠީފް ދިދާޅުވިއެވެ.
"ރާއްޖޭގެ އެންމެ މަތީ ކޯޓު، ސުޕްރީމް ކޯޓަށް އަޅުގަނޑު ދޮޅުއަހަރު ދުވަސް ވާންދެން ހިނގިން. ޢަދުލު އިންސާފު ހޯދަން. އެތަނުގެ ޙުކުމަކީ، މިތަނަށް އަންނާނެ ކަމެއް ނެތޭ، ތިޔަ ދެބޭފުޅުން ދެމެދުގަ ސުލްހަ ވީމަ ނިމުނީ ނުންހެއްޔޭ. ރަނގަޅު ގޮތެއް ނޫންހެއްޔޭ އެއީ. އެއީ އެންމެ މަތީ ކޯޓަށް ދިޔައިމަ ނިންމި ނިންމުން." ޢަބްދުއްލަޠީފް ވިދާޅުވިއެވެ.
ނިމިދިޔަ ސަރުކާރުތަކުން މިފަދައިން ކަންކަން ކޮށްފައިހުރި ނަމަވެސް، މިއަދުގެ ރައީސުލްޖުމްހޫރިއްޔާ ބޭނުންފުޅުވަނީ، ކޯޓުތަކަށް އަތްބާނާ، ކޯޓުތަކަށް ނުފޫޒު ފޯރުވުން ނިމުމަކަށް ގެންނަން ކަމަށާއި، މިނިވަންކަމާއެކު ޝަރީޢަތްތައް ހިންގައިދޭން ކަމަށެވެ. އަދި މިހާރު ހުށަހަޅާފައިވާ އިޞްލާޙުންވެސް ފެންނަނީ މިކަމަށް މަގުކޮށިގެންދާތަން ކަމަށް ޢަބްދުއްލަޠީފް ވިދާޅުވިއެވެ.
ޢަބްދުއްލަޠީފް އިތުރަށް ވިދާޅުވީ، ރައީސް ޑރ. މުޢިއްޒުގެ ސަރުކާރާއި ހިސާބުން ކޯޓުތަކަށް ނުފޫޒާއި ބާރު ފޯރުވުމާއި ޖެއްސުންކުރުމާއި ފުރައްސާރަކުރުމާއި މަލާމާތްކުރުން ފަދަ ކަންކަން ނިމުނީ ކަމަށެވެ. އަދި، މިހާރު ހުށަހެޅިފައިވާ އިސްލާޙުގެ ސަބަބުން ޢަދުލު އިންސާފުގެ ނިޒާމަކީ ހަރުދަނާ ނިޒާމެއްގެ ގޮތުގައި ދިވެހި ރައްޔިތުންނަށް ކަށަވަރުވެގެންދާނެ ކަމަށްވެސް ޢަބްދުއްލަޠީފް ވިދާޅުވިއެވެ.