ENGLISH

07 ޖުލައި 2025

Advertisement

އިދިކޮޅުން މިއަދު ހުށަހެޅީ "ހަގީގަތެއްގެ މައްޗަށް ބިނާނުވާ" މައްސަލައެއް

07 ޖުލައި 2025

|

އުމްނާ އިސްމާޢީލް

މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ

ރައްޔިތުންގެ މަޖިލީހުގެ މިއަދު ޖަލްސާގައި އިދިކޮޅުން ހުށަހެޅި ކުއްލި މައްސަލަ ބަލައިނުގަތީ، އެ މައްސަލަ "ހަގީގަތެއްގެ މައްޗަށް ބިނާނުވާތީ" ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ. 

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އިދިކޮޅު އެމްޑީޕީގެ ފަރާތުން ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސެއިން ޒިޔާދު ކުއްލި މައްސަލަ ހުށަހެޅުއްވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖައްސާ ޖެޓްތަކަށް ހިދުމަތް ދިނުމުގެ ހުރިހާ ކަމެއް ހިމެނޭހެން، އެތަނުގެ ސީއައިޕީ/ވީއައިޕީ ޓާމިނަލް ހިންގަން ބޭރުގެ ބަޔަކަށް ދޭން އުޅޭކަމަށް ބުނެ ދެކެވޭ ވާހަކަތަކާ ގުޅިގެން ނެވެ. ޖަލްސާ ފައްޓަވަމުން ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވި ގޮތުގައި އެ މައްސަލަ ބަލައިގަނެވެން ނެތީ، މައްސަލައިގައި މަޖިލީހުގެ ގަވާއިދުގެ ދަށުން ފުރިހަމަވާންޖެހޭ ސިފަތައް ނެތުމުންނެވެ.

މަޖިލީހުގެ ގަވާއިދުގެ 179 ވަނަ މާއްދާއާ ހަވާލާދެއްވައި އަބްދުއްރަހީމް ވިދާޅުވީ އެ މައްސަލައަކީ "ހަގީގަތެއްގެ މައްޗަށް ބިނާކޮށް" ހުށަހެޅޭ މައްސަލައެއް ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ.

"ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސެއިން ޒިޔާދު ހުށަހެޅުއްވި ކުއްލި މައްސަލައެއް ވަނީ ލިބިފަ. ރައްޔިތުންގެ މަޖިލީހުގެ 179 ވަނަ މާއްދާގައި ކުއްލި މައްސަލަތަކުގައި ހުންނަން ޖެހޭ ސިފަތައް ބަޔާންކޮށްފައިވާއިރު އެ މައްސަލައަކީ ހަގީގަތެއްގެ މައްޗަށް ބިނާކޮށް ހުށަހެޅޭ ކަމަކަށްވުމަކީ އެ މާއްދާގެ ކ. ގެ ދަށުން ކުއްލި މައްސަލައެއްގައި ފުރިހަމަވާންޖެހޭ ޝަރުތެއް. ފުރިހަމަވާންޖެހޭ ސިފައެއް. އިއްޒަތްތެރި މެމްބަރު ފޮނުއްވާފައުވާ މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 179 ވަނަ މާއްދާގެ ކ ގައި ބަޔާންކޮށްފައިވާ މި ދެންނެވި ޝަރުތު ފުރިހަމަނުވާތީ އެ މައްސަލަ ހުށަހެޅެން ނެތް ވާހަކަ ދަންނަވަން" އަބްދުއްރަހީމް ވިދާޅުވި އެވެ.

މަޖިލީހުގެ މައިނޯރިޓީން ހުށަހެޅި ކުއްލި މައްސަލައިގައި ބުނެފައިވަނީ، ވީއައިޕީ ޓާމިނަލް ހިންގަން ދުބާއީގެ ކުންފުންޏެއް ކަމަށްވާ 'ޖެޓެކްސް' އަށް 25 އަހަރު ދުވަހުގެ މުއްދަތަކަށް ދިނުމަށް އުޅޭ ކަމުގެ ވާހަކަތައް ދެކެވެމުންދާއިރު މިކަން ކުރަނީ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީގެ ނުވަތަ ސަރުކާރުގެ ކޮންމެވެސް އެއް ބަޔަކަށް ނާޖާއިޒް މަންފާތަކެއް ހޯދުމަށްކަމަށް ބެލެވޭ ކަމަށެވެ. މިފަދަ ކަމެއް ކޮށްފިނަމަ، ޒިޔާދު ގަބޫލުކުރައްވާ ގޮތުގައި ގައުމީ ސަލާމަތަކަށް ނުރައްކާވެ ދައުލަތުގެ އާމްދަނީއަށް އޭގެ ނޭދެވޭ އަސަރުކޮށް، ރާއްޖެއިން ބޭރުވާ ޑޮލަރުގެ އަދަދު އިތުރުވެ ވިޔަފާރިތަކަށް އަސަރުކުރާނެއެވެ.

އެ ތުހުމަތުތައް ވީއައިއޭ އޮޕަރޭޓްކުރާ އެމްއޭސީއެލް އިން ވެސް ވަނީ ދޮގުކޮށްފައެވެ. މީޑިއާތަކަށް ދެއްވާފައިވާ އިންޓަވިއުތަކުގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް ވަނީ، އާ ޓާމިނަލް ހިންގަން ބޭރުގެ ޕްރޮޕޯސަލްތަކެއް ލިބިފައިވާއިރު ދިރާސާކުރުން ފިޔަވައި އިތުރު ކަމެއް ނުކުރާ ކަމަށް ވިދާޅުވެފައެވެ. ޝަރީފް ވިދާޅުވި ގޮތުގައި އެއްވެސް ޓާމިނަލެއް އެއްވެސް ބަޔަކާ ހަވާލުކުރުމަށް ނިންމާފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު