ENGLISH

07 ޖުލައި 2025

Advertisement

ވަކިވާ ފަނޑިޔާރުންނަށް 2 އަހަރު ވަންދެން އެ ކޯޓެއްގައި ވަކީލުކަން ނުކުރެވޭ ގޮތް ހަދަނީ

07 ޖުލައި 2025

|

އުމްނާ އިސްމާޢީލް

އަމިއްލައަށް ފަނޑިޔާރުކަމުން ވަކިވެއްޖެ ނަމަ ނުވަތަ މަގާމުން ވަކިކުރާ ފަނޑިޔާރަކަށް، އެ ތާރީހުން ފެށިގެން ދެ އަހަރު ދުވަހުގެ މުއްދަތަށް އެ ފަނޑިޔާރަކު މަސައްކަތް ކުރެއްވި ކޯޓަކަށް ގާނޫނީ ވަކީލެއްގެ ގޮތުގައި ހާޒިރުނުވެވޭ ގޮތަށް ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެނައުމަށް ހުށަހަޅާފައިވާ ބިލު ރައްޔިތުންގެ މަޖިލީހުން ބަލައިގަނެ، ކޮމިޓީއަށް ފޮނުވައިފި އެވެ.

ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސަޢުދުﷲ ޙިލްމީ، ސަރުކާރުގެ ފަރާތުން މި ބިލު ހުށަހެޅުއްވީ ފަނޑިޔާރުކަމުގެ މަގާމާއި ޝަރުއީ ދާއިރާގެ މުސްތަގިއްލުކަން ދެމެހެއްޓޭނެ ފަދައިން އެ ދާއިރާގެ އިތުބާރު ދެމެހެއްޓޭނެ ގޮތަށް މަސްއޫލިއްޔަތު އަދާކުރާ ފަރާތްތަކެއްކަން ކަށަވަރުކުރުމަށެވެ. މި ބިލު ދިރާސާކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ 69 މެމްބަރުންގެ ވޯޓާ އެކު މަޖިލީހުގެ ޖުޑީޝަރީ ކޮމީޓިއަށް ފޮނުވާފައެވެ.

އެ ބިލުގައި ހުށަހަޅާފައިވާ އިސްލާހުތަކުގެ ތެރޭގައި އަމިއްލައަށް ފަނޑިޔާރުކަމުން ވަކިވެއްޖެ ނަމަ ނުވަތަ މަގާމުން ވަކިކުރާ ފަނޑިޔާރަކަށް، އެ ތާރީހުން ފެށިގެން 2 އަހަރު ދުވަހުގެ މުއްދަތަކަށް އެ ފަނޑިޔާރަކު މަސައްކަތް ކުރެއްވި ކޯޓަކަށް ވަކީލެއްގެ ގޮތުގައި ހާޒިރުނުވެވޭ ގޮތަށް ހަދަން ވަނީ ހުށަހަޅާފައެވެ. ފަނޑިޔާރުކަން ކުރެއްވި ފަރާތަކަށް ގާނޫނީ ވަކީލެއްގެ ގޮތުގައި އެ ކޯޓަކަށް ހާޒިރުނުވެވޭނީ، އިސްލާހުގައި ވާގޮތުން އެ ފަނޑިޔާރަކު އެ ކޯޓުގައި 3 އަހަރު ދުވަހު ފަނޑިޔާރުކަން ކުރައްވާފައިވާނަމައެވެ.

މީގެއިތުރުން ފަނޑިޔާރަކަށް ހުންނެވިއިރު އެ މުއްދަތުގައި ބަލާފައިވާ މައްސަލައެއްގައި މަސްލަހަތު ފުށުއަރާފަދަ ހާލަތެއް ދެމިއޮތްހައި ހިނދަކު، އެ މައްސަލައެއްގައި ނުވަތަ އެކަމާ ގުޅުންހުރި އެހެން އެއްވެސް މައްސަލައެއްގައި ވެސް ގާނޫނީ ވަކީލެއްގެ ގޮތުގައި އެއްވެސް ކޯޓަކަށް ހާޒިރުނުވެވޭނެ ކަމަށް އިސްލާހުގައިވެއެވެ. އެފަދަ މައްސަލައެއްގައި ގާނޫނީ ވަކީލެއްގެ ހައިސިއްޔަތުން ނޫން މަސައްކަތެއް ވެސް ކުރުމަކީ މަނާކަމެކެވެ.

ބިލުގައި ހިމަނާފައިވާ މުހިއްމު އިސްލާހުތަކުގެ ތެރޭގައި ފަނޑިޔާރަކު މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވަނިކޮށް ފަނޑިޔާރަކު އިސްތިއުފާދީފިނަމަ އޭނާއަށް މަގާމުން އަމިއްލައަށް ވަކިވުމުން ދޭ އިނާޔަތްތައް ނުލިބޭ ގޮތަށް އޮތުން ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު