ENGLISH
07 ޖުލައި 2025
ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާއްމު ވޯޓު ނެގުމުގެ ބިލު މަޖިލީހަށް
07 ޖުލައި 2025
|
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރައްޔިތުންނާ ސަލާމްކުރައްވަނީ. --ފޮޓޯ/ ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިއުލާނުކުރައްވާފައިވާ ކަންކަމަށް ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާއްމު ވޯޓެއް ނެގުމުގެ ކުރިން، އެކަމަށްޓަކައި ޚާއްސަ ޤާނޫނެއް އެކުލަވާލުމަށްޓަކައި ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅައިފި އެވެ.
ސަރުކާރުގެ ފަރާތުން މެޖޯރިޓީ ލީޑަރު، އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހީމް ފަލާހު ހުށަހެޅުއްވި މި ބިލުގައި ވަނީ، ޤާނޫނުއަސާސީގައި ބަޔާންކުރާ ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާއްމު ވޯޓު ނެގޭނެ ހާލަތްތަކާއި އެ ވޯޓު ނެގުމަށް ހުށަހަޅާ ފަރާތްތަކުގެ ދައުރާއި ޒިންމާތަކާއި އެ ވޯޓު ނެގުމުގައި އިލެކްޝަންސް ކޮމިޝަނުން އަމަލުކުރާނެ އުސޫލުތަކާއި، އެ ނޫނަސް ވޯޓު ނެގުމާގުޅޭ އުސޫލުތައް ހިމަނައިފަ އެވެ.
އާއްމު ވޯޓެއް ނެގޭނީ، މި ބިލުގައި ބުނެފައިވާ ގޮތުން ރައްޔިތުންނާ ގުޅޭ މުހިއްމު ކަންތައްތަކުގައާއި ގައުމީ މުހިއްމު މައްސަލަތަކުގެ އިތުރުން ޤާނޫނުއަސާސީގައި ރައްޔިތުންގެ އާއްމު ވޯޓަކަށް އަހަންޖެހޭ ހުރިހާ ހާލަތެއްގަ އެވެ. އޭގެތެރޭގައި ޤާނޫނުއަސާސީގެ ދެވަނަ ބާބުގައިވާ އަސާސީ ހައްގުތަކާއި މިނިވަންކަމާ ގުޅޭ ކޮންމެ ކަމެއް ހިމެނެ އެވެ. މަޖިލީހުގެ އުމުރާއި ރައީސުލްޖުމްހޫރިއްޔާ އިންތިޚާހާބުކުރާ ގޮތަށް ބަދަލު ގެންނަނަމަ، އެކަމަށް ވެސް އާއްމު ވޯޓެއް ނަގަންޖެހޭނެ އެވެ.
ހަމައެއާއެކު، ޤާނޫނުއަސާސީއަށް އިސްލާހެއް ގެނައުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ބިލެއް ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކޮށް އެކަން މަޖިލީހަށް އަންގާ ހަލަތުގައާއި ރާއްޖޭގެ ސަރަހައްދާ ގުޅޭ ކަންކަމުގައި ވެސް އާއްމު ވޯޓެއް ނަގަން ޖެހޭނެ އެވެ.
މި ބިލުގައި ބުނެފައިވަނީ ރައްޔިތުންގެ އާއްމު ވޯޓެއް ނެގުމަށް ކަނޑައެޅޭނީ މަޖިލީހުގެ އަގުލަބިއްޔަތުން ފާސްކުރާ ގަރާރަކުން ކަމަށެވެ. އާއްމު ވޯޓެއް ނެގުމަށް ރައީސުލްޖުމްހޫރިއްޔާއަށް ފެނިވަޑައިގަންނަވާ ހާލަތުގައި ވެސް އެކަންކަން ގަރާރަކުން ކަނޑައެޅުއްވޭނެ ކަމަށް ވެސް ބިލުގައި ވެއެވެ.
ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގަރާރު ނުވަތަ ރައީސުލްޖުމްހޫރިއްޔާ ނެރުއްވާ ގަރާރު ދެން ފޮނުވަންޖެހޭނީ، ވޯޓު ނެގުމުގެ ކަންތައްތައް ކުރިއަށްގެންދިއުމަށްޓަކައި އިލެކްޝަންސް ކޮމިޝަނަށެވެ. ވޯޓު ނެގުން ބާއްވާނެ ތާރީޚަކާއި ވޯޓުލުން ކުރިއަށްގެންދާނެ ގޮތަކާއި، ވޯޓު ގުނާނެ ގޮތާއި ވޯޓު ނެގުމާ ގުޅޭ ހުރިހާ ކަމެއް ކަނޑައަޅާނީ އެ ކޮމިޝަނުންނެވެ.
ބިލުގައި ބުނެފައިވަނީ އާއްމު ވޯޓެއް ނެގުމަށް އެދި ހުށަހަޅާ ތާރީޚާއި ވޯޓު ނަގާ ތާރީޚާ ދެމެދު މަދުވެގެން 45 ދުވަސް އަދި ގިނަވެގެން 90 ދުވަހުގެ މުއްދަތެއް އޮންނަންވާނެ ކަމަށެވެ. އެއްވެސް ސަބަބަކާ ހުރެ ވޯޓު ނެގުމަށް ހުށަހަޅާ ތާރިޚުގައި އެ ވޯޓު ނުނެގޭނެ ކަމަށް ކޮމިޝަނުން ނިންމައިފި ހާލަތުގައި އަލުން ވޯޓުލާނެ ތާރީޚެއް ވެސް އެ 90 ދުވަހުގެ މުއްދަތުގެ ތެރޭގައި ކަނޑައަޅަންޖެހެ އެވެ.
ރައްޔިތުންގެ ޚިޔާލު ހޯދުމަށްޓަކައި އާއްމު ވޯޓު ނެގުމާ ގުޅޭ ބިލެއް ސަރުކާރުން ހުށަހަޅާފައިވާއިރު، ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު އުވާލައި ޕްރިފަރެންޝަން ވޯޓިން ނިޒާމަކަށް ވޯޓު ލާ ނިޒާމު ބަދަލުކުރުމަށް އާއްމު ވޯޓެއް މިއަހަރު ނެގުމަށް ވިސްނަވަމުންދާކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ މީގެކުރިން ހާމަކުރައްވާފަ އެވެ. ވޯޓުލާ ނިޒާމު ބަދަލުކުރުމުގެ އިތުރުން ރިޔާސީ އިންތިޚާބާއި ރައްޔިތުން މަޖިލީހުގެ އިންތިޚާބު އެކީގައި ބާއްވާގޮތަށް ވެސް މިއަހަރު ނިމުމުގެކުރިން އިސްލާހު ހުށަހެޅުމަށް ގަސްދުކުރައްވާކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފަ އެވެ. ރިޔާސީ ދައުރު ފެށޭ ދުވަސް ކުރިން ވެސް އޮތް ގޮތަށް ނޮވެމްބަރު 11 އަށް ބަދަލުކުރުމަށާއި ޤާނޫނުއަސާސީގައި ރާއްޖޭގެ ސަރަހައްދު ލިޔުމަށް ނިންމާފައިވާކަން ވެސް ސަރުކާރުން ވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރުގައި ހާމަކޮށްފަ އެވެ.