ENGLISH
06 ޖުލައި 2025
55 ކައުންސިލް އިމާރާތް އެޅުމަށް މެލޭޝިޔާގެ ކުންފުންޏާއެކު ހެދި އެއްބަސްވުން ބާތިލުކޮށްފި
06 ޖުލައި 2025
|
މެލޭޝިއާގެ ހެކްސްޓަ ގްލޯބަލް ކުންފުންޏާ އެކު އެއްބަސްވުމުގައި ސޮއިކުރަނީ: މިހާރު ވަނީ އެއްބަަސްވުން ބާތިލުކޮށްފައި --
55 ރަށެއްގައި ކައުންސިލް އިމާރާތް އެޅުމަށް މެލޭޝިއާގެ ހެކްސްޓަ ގްލޯބަލް ކުންފުންޏާ އެކު ސޮއިކޮށްފައިވާ އެއްބަސްވުން ބާތިލްކޮށްފި އެވެ.
އެކަން ސިޓީސްތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ބެހޭ ވަޒީރު އާދަމް ޝަރީފް އުމަރު ވަނީ ހާމަ ކުރައްވާފަ އެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަޒީރު ވިދާޅުވީ އެއްބަސްވުން ބާތިލުކުރީ ކައުންސިލްތަކުން ހުށަހެޅި ބަދަލުތައް އެ ކުންފުނިން ބަލައިނުގަތުމުން ކަމަށެވެ. އަދި ވިދާޅުވީ މިއެއްބަސްވުން ބާތިލްކުރުމާ ގުޅިގެން އެކުންފުންޏަށް ބަދަލެއް ދޭކަށް ނުޖެހޭނެ ކަމަށެވެ.
ވަޒީރު މިއަދު "އެމްއެމްޓީވީ" އަށް ވިދާޅުވި ގޮތުގައި އެެއްބަސްވުން ބާތިލުކުރި ނަމަވެސް މަޝްރޫއު މަޑުނުޖެހި ކުރިއަށް ގެންދަވާނެ އެވެ. ކުރީން އޮތް އެއްބަސްވުން ބާތިލުކުރުމާއެކު އިތުރު ކުންފުނިތަކުގެ ޕްރޮޕޯސަލްތައް ލިބިފައިވާ ކަމަށް ވަޒީރު ވިދާޅުވި އެވެ.
އޭގެ ތެރޭގައި ދިވެހި ކުންފުނިތަކުގެ ޕްރޮޕޯސަލްތައް ވެސް ހިމެނެ އެވެ. މަޝްރޫޢު ނުހުއްޓި ކުރިއަށް ގެންދިއުމަށް އާ ކުންފުންޏަކަށް އެ މަސައްކަތް ވަރަށް އަވަަހަށް ހަވާލު ކުރާނެ ކަމަށް ވަޒީރު ވިދާޅުވި އެވެ.
ކައުންސިލް އިދާރާތައް އަލުން ޢިމާރާތްކުރުމަށް ރައީސްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ނިންމެވި ނިންމެވުމާ ގުޅިގެން ކުރިއަށް ގެންދިޔުމަށް ނިންމާފައިވާ 55 ކައުންސިލް އިދާރާގެ މަސައްކަތް މިދިޔަ އޭޕްރީލް މަހު ފަށަން ކުރީން އޮތީ ތާވަލުކޮށްފަ އެވެ.
ބައުވެ ވީރާނާވެފައިވާ، ރަށްރަށުގެ ކައުންސިލް އިދާރާތައް ޢިމާރާތްކުރުމުގެ މަސައްކަތަކީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ޚާއްޞަ އިސްކަމެއް ދެއްވައިގެން ކުރިއަށް ގެންދަވައި މަޝްރޫޢެކެވެ. ކޮންޓްރެކްޓަރ ފައިނޭންސް އުޞޫލުން ޢިމާރާތްކުރުމަށް ހަމަޖެހިފައިވާ 55 ކައުންސިލްގެ އިތުރުން، ޕީއެސްއައިޕީ ޕްރޮޖެކްޓްގެ ތެރޭން 50 ކައުންސިލެއްގެ އިދާރާ ވެސް ޢިމާރާތްކުރާ ގޮތަށް ވަނީ ހަމަޖެހިފައެވެ.