ENGLISH

06 ޖުލައި 2025

Advertisement

ސަޢޫދީ ޢަރަބިއްޔާގެ އައު ސަފީރު، ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާއަށް އަރުވައިފި

06 ޖުލައި 2025

|

ޢަލީ ޝަހީމް

ސަޢޫދީ ޢަރަބިއްޔާގެ އައު ސަފީރު، ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާއަށް އެރުވުން. ފޮޓޯ: ރައީސް އޮފީސް

ސަޢޫދީ ޢަރަބިއްޔާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު، ހިޒް އެކްސަލަންސީ ޔަޙްޔާ ޙަސަން އަލްޤަޙްޠާނީ އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއަށް މިއަދު އަރުވައިފިއެވެ. މި ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވ

ރަސްމިއްޔާތަށް ޖުމްހޫރީ މައިދާނުން ފެށިގެން ރައީސުލްޖުމްހޫރިއްޔާގެ އޮފީހާ ހަމައަށް ސަފީރު ވަޑައިގެންނެވީ ހަތްކޮޅުގައި، ރަސްމީ އިއްޒަތުގައި ބެރު ދުންމާރި ތާޅަފިލީގައި، ހެވިކަމުގެ ލަޝްކަރުގެ ތެރޭގައި ހުންނަވައިގެން ހިންގަވާފައެވެ.

ސަޢޫދީ ޢަރަބިއްޔާގެ އައު ސަފީރު، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާއަށް އެރުވުމުން ރައީސުލްޖުމްހޫރިއްޔާ ވަނީ އައު ސަފީރަށް ތަހުނިޔާ ވިދާޅުވެ، ދިވެހިރާއްޖެއަށް ވަޑައިގެންނެވިކަމަށްޓަކައި މަރްޙަބާ ވިދާޅުވެފައެވެ.

އެއަށްފަހު އައު ސަފީރާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި، ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ސަޢޫދީ ސަރުކާރުން ދިވެހިރާއްޖެއަށް ދެއްވަމުން ގެންދަވާ އަގުހުރި އެހީތެރިކަމާއި އެއްބާރުލެއްވުމަށް، މާތްވެގެންވާ ދެ ޙަރަމްފުޅުގެ ޚާދިމް އަދި ސަޢޫދީ ޢަރަބިއްޔާގެ ރަސްގެފާނު، ހިޒް މެޖަސްޓީ ކިންގް ސަލްމާން ބިން ޢަބްދުލްޢަޒީޒް އާލް ސުޢޫދަށާއި ވަލީޢަހްދަށާއި އަދި ބޮޑުވަޒީރު ހިޒް ރޯޔަލް ހައިނަސް ޕްރިންސް މުޙައްމަދު ބިން ސަލްމާން ބިން ޢަބްދުލްޢަޒީޒް އާލް ސުޢޫދަށް ނިހާޔަތަށް ޝުކުރު އަދާކުރައްވާފައެވެ.

މީގެ އިތުރުން، ދިވެހިރާއްޖެ މައްކާ ރޫޓް އިނީޝިއޭޓިވްގައި ހިމެނުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޚާއްޞަ ޝުކުރެއް އަދާކުރެއްވިއެވެ. މި ޕްރޮގްރާމްގެ ދަށުން ފޯރުކޮށްދެވޭ އަގުހުރި ޚިދުމަތްތަކަށާއި، ޙައްޖު އަދި ޢުމްރާއަށް ވަޑައިގަންނަވާ ފަރާތްތަކަށް ފޯރުކޮށްދެއްވަމުން ގެންދަވާ އެކި ފަސޭހަތަކާއި ކުރިއެރުންތަކަށް އެމަނިކުފާނު ތަޢުރީފުކުރައްވައި، ޝުކުރު އަދާކުރެއްވިއެވެ.

މި ބައްދަލުކުރެއްވުން ނިންމަވާލެއްވީ ރާއްޖެއާއި ސަޢޫދީ ޢަރަބިއްޔާގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް މަސައްކަތްކުރައްވާނެކަމުގެ ޔަޤީންކަން، ރައީސުލްޖުމްހޫރިއްޔާއާއި ސަޢޫދީ ޢަރަބިއްޔާގެ ސަފީރު ދެއްވަމުންނެވެ.

ދިވެހިރާއްޖެއާ ސަޢޫދީ ޢަރަބިއްޔާ އާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރީ 1981 ވަނަ އަހަރުގެ މާރޗް މަހުގެ 17 ވަނަ ދުވަހުގައެވެ.

ކިޔުންތެރިންގެ ހިޔާލު