ENGLISH

05 ޖުލައި 2025

Advertisement

މަސްވެރިންނަށް އަޅާލަނީ ހަމައެކަނި މި ސަރުކާރުން: މެމްބަރު އަސަދުﷲ

05 ޖުލައި 2025

|

އުމްނާ އިސްމާޢީލް

ގެމަނަފުށީ ދާއިރާގެ މެމްބަރު އަސަދުﷲ ޝިހާބް

މަސްވެރިންނަށް ހަގީގަތުގައި ވެސް އަޅާލަނީ މި ސަރުކާރުން ކަމަށާއި އެކަން ދިވެހި މަސްވެރިންވެސް ގަބޫލުކުރާ ކަމަށް ގެމަނަފުށީ ދާއިރާގެ މެމްބަރު އަސަދުﷲ ޝިހާބް ވިދާޅުވެއްޖެ އެވެ.

މެމްބަރު މިފަދައިން ވިދާޅުވީ އެމްއެމްޓީވީގެ 'ބޮޑު ޚަބަރު' ޕްރޮގްރާމަށް ވަޑައިގެން މަސްވެރިކަމުގެ ދާއިރާއާ ގުޅުވައި ވާހަކަދައްކަވަމުން ނެވެ.

މަސްވެރިންނަށް އެމްޑީޕީގެ ވެރިކަމުގައި ވަމުންދިޔަ ވައުދުތަކަށް އަލިއަޅުވާލައްވަމުން އަސަދުﷲ ވިދާޅުވީ، ވެރިކަމުގެ 5 އަހަރު ނިމިގެންދިޔައިރު ވެސް އެ ވައުދުތައް އޮތީ ނުފުއްދި ކަމަށެވެ. ވައުދުތައް ނުފުއްދުނު ވާހަކަތައް ނުދައްކައި މި ސަރުކާރުގެ ވާހަކަތައް ދައްކަނީ އަސަދުﷲ ވިދާޅުވި ގޮތުގައި އެކަންކަން ކުރެވުނު ކަމަށް އިދިކޮޅަށް ގަބޫލުކުރެވޭތީ އެވެ.  

"ހަގީގަތަށް ޖެހިލާއިރު އެންމެ ފުރަތަމަކަމަށް މި ބޭފުޅުން ވައުދުވީ އޮފްޝޯގައި 200 ވަރަކަށް މޭލު ދުރުގައި އޮފްޝޯ ޕްލެޓްފޯމުތަކެއް ހަދާފަ އެތަނުގައި ފިހާރައާއި ރެސްޓޯރެންޓާއި މިތަންތަން. އެކަމަކު އެމްޑީޕީގެ ވެރިކަން ނިމިގެންދިޔައިރު ވިޔަފާރިކުރި މީހުންނާ ސައިހޮޓާތަކުން ސައިބުއި މީހުން ތިބީ ބަނޑުދިޔާވެފަ." އެމްޑީޕީގެ އެއް ވައުދު ފާހަގަކުރައްވަމުން މެމްބަރު ވިދާޅުވި އެވެ.

އެ ވާހަކައަށް ބާރުދެއްވުމުގެ ގޮތުން މެމްބަރު ފާހަގަކުރެއްވީ ހުވަދު އަތޮޅުގައި ގާއިމުކޮށްފައިވާ 75 އިންސައްތަ އައިސް ޕްލާންޓުތައް މިހާރު ވެސް ވީރާނާވާން ދޫކޮށްލާފައި ހުރި ކަމެވެ. އަދި މަސްވެރިންނަށް ދޭންޖެހޭ ފައިސާގެ އަދަދު އެތައް މިލިއަނަކަށް އަރާ ކަމަށް އަސަދުﷲ ވިދާޅުވިއެވެ. މެމްބަރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވީ އެ ސަރުކާރާ ޚިލާފަށް، މި ސަރުކާރުންވާ ވައުދުތައް ފުއްދަމުންދާ ކަމެވެ.

"ރައީސް ޑރ. މުހައްމަދު މުއިއްޒު ވައުދުވެލެއްވި ގޮތަށް ކޮންމެ ދާއިރާއެއްގައި އަދި މަސްވެރި ދާއިރާތަކަށް އެސްޓީއޯ ރޭޓުން ތެޔޮ ލިބޭނެ ގޮތަށް އެސްޓިއޯގެ ތެޔޮ ޕްލާންޓުތައް ބެހެއްޓުމުގެ މަސައްކަތް ކުރަމުން އެދަނީ މި ސަރުކާރުން. މިދިޔަ 15 އަހަރު ތެރޭގައި މަސްވެރިން ކިރާ މަހަށް 48 ގަޑިއިރު ތެރޭގައި ފައިސާ ލިބިފައެއް ނޯންނާނެ. މަސްވެރިން ތިބީ ހިތްހަމަޖެހިގެން" އަސަދުﷲ ވިދާޅުވި އެވެ.   

އަސަދުﷲ ވިދާޅުވީ، މިއަށްވުރެ މަސްވެރިންނަށް އަޅާލި ވެރިކަމެއް ނާންނަ ކަމަށް މަސްވެރިންވެސް މިއަދު ގަބޫލުކުރާ ކަމަށެވެ.  

ކިޔުންތެރިންގެ ހިޔާލު