ENGLISH

05 ޖުލައި 2025

Advertisement

އާ ޓާމިނަލްގައި ސަލާމަތީ މިންގަނޑުތައް ފުރިހަމަ ވާނެ: ޑާސާ

05 ޖުލައި 2025

|

އުމްނާ އިސްމާޢީލް

ޑައިރެކްޓަރޭޓް އޮފް އޭވިއޭޝަން ސެކިއުރިޓީ އެޑްމިނިސްޓްރޭޝަން (ޑާސާ)ގެ ހެޑް، ޗީފް އިންސްޕެކްޓަރ، އެވްސެކް އަހުމަދު ނަޝީދު

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ އާ ޓާމިނަލަކީ ސަލާމަތީ މިންގަނޑުތައް ފުރިހަމަ ތަނެއް ކަމަށް ޑައިރެކްޓަރޭޓް އޮފް އޭވިއޭޝަން ސެކިއުރިޓީ އެޑްމިނިސްޓްރޭޝަން (ޑާސާ)ގެ ހެޑް، ޗީފް އިންސްޕެކްޓަރ، އެވްސެކް އަހުމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އާ ޓާމިނަލް ހުޅުވުމަށް ވަމުން އަންނަ ތައްޔާރީތަކަށް ހާއްސަކޮށްގެން އެމްއޭސީއެލް އިން ސިލްސިލާކޮށް ގެނެސްދެމުން އަންނަ ވީޑިއޯ ސެގްމަންޓުގައި ވާހަކަދައްކަވަމުން ނަޝީދު ވަނީ އާ ޓާމިނަލުގައި ގާއިމުކޮށްފައިވާ ބެގޭޖް ހޭންޑްލިން ސިސްޓަމް (ބީއެޗްއެސް) އަކީ ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުގައި ބޭނުންކުރާ ވަރަށް ފުރިހަމަ ސެކިއުރިޓީ މިންގަނޑުތައް އެކުލެވިގެންވާ ސިސްޓަމެއްކަން ފާހަގަކުރައްވާފަ އެވެ.

އޭނާ ވިދާޅުވީ، ރާއްޖެއަށް ދަތުރުކުރާ ފަސިންޖަރުންނަށް ޒަމާނީ އާލާތްތައް ބޭނުންކޮށްގެން ސަލާމަތީ ގޮތުން ފުރިހަމަ ހިދުމަތްތެއް ފޯރުކޮށްދެވުމަކީ ދުނިޔޭގެ ކަންކޮޅު ތަކުން ރާއްޖެއަށް ފަތުރުވެރިން ދަތުރުކުރުމުގައި ހިތްހަމަޖެހުން ލިބިގެންދާނެކަމެއް ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

އާ ޓާމިނަލަކީ ވަރަށް ގިނަ ގޮތްގޮތުން ރާއްޖެއަށް އުފާވެރިކަން ގެނެސްދޭނެ ތަނަކަށްވާނެކަން ފާހަގަކުރައްވަމުން އޭނާ ވިދާޅުވީ އާ ޓާމިނަލްއާ އެކު ރާއްޖެ އަންނަން ބޭނުންވާ ގިނަ އެއާލައިންތަކަށް ޖާގަ ލިބިގެންދާނެ ކަމަށެވެ.

ޑާސާ އަކީ ރާއްޖެ ބައިވެރިވެފައިވާ ބައިނަލްއަގުވާމީ އޭވިއޭޝަން ސެކިއުރިޓީއާ ގުޅުންހުރި ބައިނަލްއަގުވާމީ މުއާހާދާތަކުގައި ބަޔާންކޮށްފައިވާ ކަންތައްތައް ރެގިއުލޭޓް ކުރުމަށާއި ސިވިލް އޭވިއޭޝަން ސެކިއުރިޓީއަށް ބުރޫއަރާފާނެ ކަންކަމުން ވައިގެ ދަތުރުފަތުރުގެ ނިޒާމު ހިމާޔަތްކުރާނެ އުސޫލު ކަނޑައަޅާ ފަރާތެވެ. އެއާޕޯޓުތަކުގެ ސެކިއުރިޓީ ސަރަހައްދުތައް ކަނޑައެޅުމާއި ސިވިލް އޭވިއޭޝަން ސެކިއުރިޓީއާ ގުޅުންހުރި އެންމެހާ ކަންތައްތައް ރެގިއުލޭޓްކޮށް ބެލެހެއްޓުމާއި މަދަނީ ވައިގެ ދަތުރުފަތުރުގެ ސަލާމަތްތެރިކަން ކަށަވަރު ކުރުމަށް ދިވެހި ދައުލަތުން ކުރަންޖެހޭ އެންމެހައި ކަންކަން ކުރާނީ އެ އިދަރާއިންނެވެ.

ވީއައިއޭގެ އާ ޓާމިނަލް ހުޅުވަން ނިންމާފައި ވަނީ ރާއްޖޭގެ މިނިވަން ކަމަށް 60 އަހަރު ފުރޭ މުނާސަބަތާ ދިމާކޮށް އަންނަ ޖުލައި މަހުގެ 26 ވަނަ ދުވަހު އެވެ.

ކިޔުންތެރިންގެ ހިޔާލު