ENGLISH
05 ޖުލައި 2025
ބްލަޑް ސަރވިސަސްގެ ހިދުމަތްތައް ފޯރުކޮށްދިނުމަށް ހޮޓްލައިނެއް ތައާރަފްކޮށްފި
05 ޖުލައި 2025
|
މޯލްޑިވިއަން ބްލަޑް ސަރވިސަސްއިން ކުރިއަށްގެންދިޔަ ހަރަކާތެއްގެ ތެރެއިން. ފޮޓޯ: އެމްބީއެސް
މޯލްޑިވިއަން ބްލަޑް ސަރވިސަސް (އެމްބީއެސް) ގެ ޚިދުމަތްތައް ހޯދުމުގައި އާއްމުންނަށް ލުއިފަސޭހަ ގޮތްތަކެއް ފޯރުކޮށްދިނުމުގެ ގޮތުން މުޅިން އާ ހޮޓްލައިނެއް ތައާރަފްކޮށްފިއެވެ.
ޚިދުމަތްތައް ލުއިފަސޭހަ ކުރުމުގެ މަޤްޞަދުގައި އެމްބީއެސްއިން ތައާރަފްކުރި ހޮޓްލައިން ނަންބަރަކީ 7333645 އެވެ.
އެމްބީއެސްއިން ބުނީ އެ އިދާރާ ހުޅުވިފައި ހުންނަ ގަޑިތަކުގައި ނަންބަރު މެދުވެރިކޮށް މަޢުލޫމާތު ސާފުކުރެވޭނެ ކަމަށެވެ. ހަމައެކަނި ފޯނުން ގުޅައިގެން މަޢުލޫމާތު ސާފުކުރުމުގެ އިތުރުން، ވައިބަރ އަދި ވަޓްސްއެޕް މެެދުވެރިކޮށް ވެސް މަޢުލޫމާތު ސާފުކުރެވޭނެ ގޮތް ވަނީ ހަމަޖައްސައިފައެވެ.
ހޮޓްލައިންއާއެކު އަލަށް ފެށި ޚިދުމަތާއެކު އެމްބީއެސްގެ ޚިދުމަތް ހޯދާ ފަރާތްތަކަށް ފަސޭހަކަމެއް ލިބިގެންދާނެއެވެ.
މޯލްޑިވިއަން ބްލަޑް ސަރވިސަސްގެ ޚިދުމަތްތަކާއެކު ތެލަސީމިއާ ސެންޓަރު ހުޅުމާލޭގައި ހުންނަ އޮރެންޖް ހިޔާ އިމާރާތަށް ބަދަލުކުރުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރަސްމީކޮށް އެތަން ހުޅުއްވައިދެއްވީ މިދިޔަ މެއި މަހުގެ 25 ވަނަ ދުވަހެވެ.
ތެލަސީމިއާ ސެންޓަރުގެ ޚިދުމަތްތަކާއި ގުޅޭގޮތުން ކަންބޮޑުވުން އާއްމުވުމާއި ގުޅިގެން، އޮރެންޖް ހިޔާ އިމާރާތަށް އެތަނުގެ ޚިދުމަތްތައް ބަދަލުކުރީ މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ކުޑަ ދުވަސްކޮޅެއްތެރޭ މަސައްކަތް ފުރިހަމަކޮށްގެންނެވެ.
މުޅިން އަލަށް ޤާއިމުކުރި ގިނަ ޚިދުމަތްތަކަކާއެކު ތެލަސީމިއާ ސެންޓަރުގެ ހިންގުން މިހާރު ވަނީ މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްއަށް ބަދަލުކޮށްފައެވެ.