ENGLISH

05 ޖުލައި 2025

Advertisement

އާ ޓާމިނަލުގެ ބޯޑިން ބްރިޖުތައް އޮޕަރޭޓްކުރާނެ މުވައްޒަފުން ތަމްރީނުކޮށްފި

05 ޖުލައި 2025

|

ޢަލީ ޝަހީމް

އާ ޓާމިނަލުގެ ޕެސެންޖާ ބޯޑިން ބްރިޖުގެ ހިދުމަތަށް ތަމްރީނުކުރި ބައެއް މުވައްޒަފުން. ފޮޓޯ: އެމްއޭސީއެލް

ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓް (ވީއައިއޭ) ގެ އާ ފަސިންޖަރު ޓާމިނަލް ހުޅުވަން ތައްޔާރުވަމުން އަންނައިރު، އެ ޓާމިނަލްގެ "ޕެސެންޖާ ބޯޑިން ބްރިޖުތައް" އޮޕަރޭޓްކުރާނެ މުވައްޒަފުން ތަމްރީނުކޮށްފައިވާކަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނެފިއެވެ. 

ޕެސެންޖާ ބޯޑިން ބްރިޖުގެ ހިދުމަތަކީ ރާއްޖެއަށް އާ ހިދުމަތެވެ. އެގޮތުން އެ ހިދުމަތާއެކު ރާއްޖެ އަންނަ މަތިންދާ ބޯޓުތަކުން މީހުން ފޭބުން ޓާމިނަލާ ގުޅުވާލެވޭނެއެވެ. ބޯޓުން ސީދާ ޓާމިނަލަށް ފަސިންޖަރު ފޭބުމުގެ އިންތިޒާމު ހަމަޖެހުމާއެކު، ބޯޓުން ފޭބުމަށް އަދި އެރުމަށް ކުރިން ބޭނުންކުރާ ގޮތަށް ބަސް ބޭނުންކުރާކަށް ނުޖެހޭނެއެވެ.

އެމްއޭސީއެލްއިން ބުނީ އެ ހިދުމަތަށް މުވައްޒަފުންނަށް ހާއްސަ ތަމްރީނެއް ދިނީ އެއީ ރާއްޖެއަށް މުޅިން އާ ހިދުމަތަކަށް ވާތީ ކަމަށެވެ. 

އެ ކުންފުނިން ވަނީ ޕެސެންޖާ ބޯޑިން ބްރިޖުތައް އޮޕަރޭޓްކުރުމަށް 14 މުވައްޒަފުން މެލޭޝިއާއަށް ފޮނުވައިގެން ތަމްރީނުކޮށްފައެވެ. ބައެއް ތަމްރީނުތައް ހުޅުލޭގައި ވެސް ކުރިއަށް ގެންދިޔައިރު، ޕެސެންޖާ ބޯޑިން ބްރިޖުތައް ތަމްރީނުކުރުމަށް މިހާތަނަށް 46 މުވައްޒަފުން ތަމްރީނުކޮށްފައިވާކަމަށް އެމްއޭސީއެލްއިން ބުނެފައިވެއެވެ.

އެމްއޭސީއެލްގެ އަމާޒަކީ މެލޭޝިއާއިން ތަމްރީނުވި މުވައްޒަފުންގެ އެހީގައި ރާއްޖޭގައި އިތުރު މުވައްޒަފުން އެ ހިދުމަތަށް ތައްޔާރުކުރުމެވެ. ތަމްރީނުތައް ހިންގުމުގެ ބޭނުމަކީ ޕެސެންޖާ ބޯޑިން ބްރިޖުތައް ރައްކާތެރިކަމާއެކު އޮޕަރޭޓްކުރުމަށް ބޭނުންވާ ހުނަރުތައް ދަސްކޮށްދިނުން ކަމަށް އެމްއޭސީއެލްއިން ވަނީ ބުނެފައެވެ. 

ރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރޭ މިއަހަރުގެ ޖުލައި 26 އާ ދިމާކޮށް އާ ޓާމިނަލް ހުޅުވުމުގެ އެންމެ ފަހުގެ ތައްޔާރީތައް ސަރުކާރުން އަންނަނީ ކުރަމުންނެވެ. އާ ޓާމިނަލް އެދުވަހު ހުޅުވާނީ ކުލަގަދަ ރަސްމިއްޔާތަކާއެކުއެވެ. 

އާ ޓާމިނަލަކީ ގާތްގަނޑަކަށް ހަތް ބިލިއަން ރުފިޔާގެ ޕްރޮޖެކްޓެކެވެ. އެ ޕްރޮޖެކްޓަށް ފައިނޭންސް ކުރީ ސައުދީ ފަންޑާއި އަބޫ ދާބީ ފަންޑުންނެވެ. އެގޮތުން ސައުދީ ފަންޑުން 100 މިލިއަން ޑޮލަރު ދިންއިރު، އަބޫ ދާބީ ފަންޑް ފޯ ޑިވެލޮޕްމަންޓުން (އޭޑީއެފްޑީ) އިން ވަނީ 80 މިލިއަން ޑޮލަރު ދީފައެވެ. 

ކިޔުންތެރިންގެ ހިޔާލު