ENGLISH

05 ޖުލައި 2025

Advertisement

ޗާގޯސް ދޫކޮށްލަން "ސިއްރު" ސިޓީ ދީ ކަނޑު ވިއްކާލި ބަޔަކު މިއަދު ޗާގޯސްގެ ވާހަކަ ދައްކަން ލަދުގަންނަަން ޖެހޭ

05 ޖުލައި 2025

|

އަޙުމަދު ޙަމީދު

މިދިޔަ ސަރުކާރުގެ ބަންޑާރަ ނާއިބު ރިފްއަތުއާ ރައީސް ސޯލިހު އަދި ކުރީގެ ޚާރިޖީ ވަޒީރު ޝާހިދު --

ޗާގޯސްގެ މައްސަލާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ގެންގުޅޭ ސިޔާސަތު ބަދަލު ކޮށްފައިވާ ކަމަށް ބުނެ މައްސަލައިގެ ހަޤީޤަތް އޮޅުވާލުމަށް އިދިކޮޅު އެމްޑީޕީގެ ވެރީން ގެންދަވަނީ ބައިނަލްއަޤްވާމީ ދުނިޔޭގައި ވާހަކަ ދައްކަމުންނެވެ. އެގޮތުން ޔޫރަޕިއަން ޕާލިމަންޓް (އީޔޫ) ގެ ވަފުދަކާ އެކު އެމްޑީޕީގެ ވެރީން ބޭއްވެވި ބައްދަލްވުމެއްގައި ޗާގޯސްއާ މެދު މި ސަރުކާރުން ގެންގުޅެމުން އައި ސިޔާސަތު ބަދަލުކޮށްފައިވާ ކަމަށް ބުނެ ހަޤީޤަތެއް ނެތް ވާހަކަތަކެއް ވަނީ ހިއްސާކޮށްފަ އެވެ.

އެމްޑީޕީގެ ވެރީން މިފަދަ ވާހަކަތަކެއް ހިއްސާކޮށްފައިވާއިރު ޗާގޯސް މައްސަލާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އެމްޑީޕީ ސަރުކާރުން އަމަލު ކުރި ގޮތް ދިވެހި ރައްޔިތުންގެ ހަނދާނުން އަދި ފިލައިގެނެއް ނުދެ އެވެ. އެމްޑީޕީ ސަރުކާރުން ޢަމަލު ކުރި ގޮތުން ހުރިހާ ޕާޓީތަކުން ސަރުކާރާއި ދެކޮޅަށް ތެދުވި އެވެ. ސަރުކާރާއި ދެކޮޅަށް ވަރުގަދަ އިހުތިޖާޖުތަކެއް ކުރި އެވެ.

ސިއްރު ސިޓީއެއް ފޮނުވުން, ކަނޑުން ބޮޑު ބައެއް ގެއްލުން

ރާއްޖޭގެ ދެކުނުން ދިވެހިންގެ ޚާއްސަ އިގްތިސާދީ ސަރަހައްދުން ބައެއް ފޯޅަވައްސާ ފުށުއަރާ ކަމަށް ބުނެ ރާއްޖެއާ ދެކޮޅަށް މޮރިޝަސް އިން ހުށަހެޅި މައްސަލައި ގައި ދިވެހިރާއްޖޭގެ އެކްސްކްލޫސިވް އިކޮނޮމިކް ޒޯން (އީއީޒެޑް) ގެ ތެރެއިން ދެކުނު ކަނޑުގެ ސަރަހައްދުން ބޮޑު ބައެއް ގެއްލޭ ގޮތަށް އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ އިން ވަނީ ނިންމާފަ އެވެ.

އިޓްލޮސްގެ ނިންމުމާއެކު ފުށުއަރާ ސަރަހައްދުން ރާއްޖެ އަށް 47،232 އަކަ ކިލޯމީޓަރު ލިބެ އެވެ. މޮރިޝަސް އަށް ލިބެނީ 45،331 އަކަކިލޯ މީޓަރެވެ. ނަމަވެސް މިއީ ކުރީން ރާއްޖޭ ހިއްސާކުރި ސަރަހައްދަށް ވުރެ ކުޑަ ސަރަހައްދެކެެވެ.

އެ ނިންމުން އެގޮތަށް އައީ ރައީސް ސޯލިހުގެ ސަރުކާރުން ރާއްޖެ އާއި ދިވެހީން އިސްކުރުމުގެ ބަދަލުގައި ޤައުމާއި ރައްޔިތުންނަށް ޚިޔާނަތްތެރިވުމުންނެވެ. އެ ގޮތުން ރާއްޖެ އާއި މޮރިޝަސްގެ އީއީޒެޑް އަދި ކޮންޓިނެންޓަލް ޝެލްފްގެ ބައުންޑަރީ ޑީލިމިޓްކޮށްދިނުމަށް އެދި ޖޫން 18، 2019 ވަނަ ދުވަހު، މޮރިޝަސްގެ ފަރާތުން އާބިޓްރޭޝަނަށް ހުށަހެޅި ކަމުގެ ނޯޓިސް ދިވެހި ސަރުކާރަށް ލިބުމާ އެކު މައްސަލައިގެ ފުރަތަމަ މަރުހަލާތަކުގައި އެމްޑީޕީ ސަރުކާރުން އަމަލުކޮށްފައި ވަނީ ވަރަށް ޒިންމާދާރު ކަން ކުޑަ ގޮތަކަށެވެ.

އަދި މި މައްސަލަ އިޓްލޮސްގައި ކުރިޔަށް ދިޔައިރު ދިވެހިރާއްޖޭގެ އެންމެ މަތީ މަސްލަހަތު ޙިމާޔަތް ކުރުމަށް ނެގެން ހުރި ގިނަ ދިފާޢުތަކެއް އެ މައްސަލައިގެ ތެރެއިން ނަގައިފައެއް ނުވެ އެވެ. މި މައްސަލައިގައި ނިމިދިޔަ ސަރުކާރުން ޒިންމާދާރުކަން ކުޑަގޮތަކަށް އަމަލުކުރުމުގެ ސަބަބުން އިޓްލޮސްއިން ނިންމާފައިވާ ނިންމުމާ ގުޅިގެން ރާއްޖޭގެ ޚާއްސަ އިޤްތިސާދީ ސަރަޙައްދުން ގެއްލިގެން ދިޔަ ބައި އަނބުރާ ހޯދުމަށް މިހާރު ކުރަމުންދާ މަސައްކަތަށް ވެސް ބޮޑެތި ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފަ އެވެ.

އަނެއްކޮޅުން ސިޔާދަތީ ބާރުގެ މިލްކުވެރިކަމާމެދު ޚިލާފު އުފެދިފައިވާ ސަރަޙައްދެއްގެ ކަނޑުގެ ބައެއް އެއީ މޮރިޝަސްއަށް ލިބިގެންވާ ތަނެއް ކަމަށް އިޓްލޮސް އިން ނިންމި ނިންމުމަކީ ބައިނަލްއަޤްވާމީ ޤާނޫނުތަކުގެ ދަށުން ހަމަޖެހޭ ނިންމުމަކަށް ނުވާއިރު އަދި އެއީ އިޓްލޮސް އަށް ޤާނޫނީ ގޮތުން ނިންމޭނެ ނިންމުމެއް ކަމާމެދު ޤާނޫނީ ގޮތުން ސުވާލު އުފެދުނު ޙާލަތުގައި ވެސް ރައީސް ސޯލިހު ދައުރު ނިންމަވާލެއްވީ އެކަމުގައި ދިވެހީންގެ ދިފާޢުގައި އެއްވެސް ކަމެއް ނުކުރައްވަ އެވެ.

ޗާގޯސްގެ ސިޔާދަތީ ބާރުވެރިކަން އޮތީ މޮރިޝަސްއަށް ކަމަށް ޤަބޫލުކޮށް ކުރީގެ ރައީސް ސޯލިހު، އެ ޤައުމުގެ ބޮޑު ވަޒީރަށް ސިޓީއެއް ވެސް ވަނީ ފޮނުވާފަ އެވެ. އެކަން ރައީސް ސޯލިހު ކުރެއްވީ "ވަގަށް" ވަރަށް ސިއްރުންނެވެ. އެކަން ފަޅާއެރުމުން އެއީ ނުކުރައްވާ ކަމެއް ކަމަށް ދައްކަވަން އެތައް މަސައްކަތެއް ކުރެއްވި އެވެ. އެ ސިޓީ "ފޮރުވަން" ވެސް އެތައް މަސައްކަތްތަކެއް ކުރެއްވި އެވެ. އެ ގޮތުން މަޖިލީހުގެ ޤައުމީ ސަލާމަތާއި ބެހޭ ކޮމެޓީއަށް ވެސް އެ ސިޓީ ހިއްސާކުރަން އޭރުގެ ސަރުކާރުން ދެކޮޅު ހެދި އެވެ.

ދިވެހި ޤައުމާއި ދިވެހި ރައްޔިތުންނާއި ގުޅޭ މިފަދަ ހައްސާސް މައްސަލައެއްގައި ރައީސް ސޯލިހަށް އެކަނި ފެނިވަޑައިގަންނަވާ ގޮތެއް ބަޔާންކޮށް ދިވެހި ދައުލަތުގެ ނަމުގައި ސިޓީއެއް ނުފޮނުއްވޭނެ ކަމަށް ޤާނޫނީ ބޭފުޅުންނާއި ސިޔާސީ ލީޑަރުން އޭރުވެސް ވަނީ ވިދާޅުވެފަ އެވެ. އަދި އެއީ ސިއްރު "ޑީލެއް" ގެ ދަށުން ރައީސް ސޯލިހު ޤާނޫނާއި ޚިލާފަށް ކުރެއްވި ކަމެއް ކަމަށް އެ ބޭފުޅުން ވިދާޅުވެ އެވެ. އެއީ ރައީސް ސޯލިހުގެ މައްޗަށް ދަޢުވާ އުފުލާ ޝަރީޢަތް ހިންގަން ޖެހޭ ކަމެއް ކަމަށް ވެސް ވިދާޅުވި އެވެ.

ޗާގޯސް އާއި ރާއްޖެއާ ދެމެދުގައި އޮންނަ ކަނޑުގެ ސަރަޙައްދުގެ އިން ވަކިކުރުމުގެ މައްސަލައިގެ ތެރެއިން ޗާގޯސްގެ މައްޗަށް މޮރިޝަސްގެ ސިޔާދަތު އޮންނާނެކަން ފުރަތަމަ ފަހަރަށް ދިވެހި ދައުލަތުން ގަބޫލުކޮށް އެންގެވީ ކުރީގެ ރައީސް ސޯލިހެވެ. މިއީ ރައީސް ސޯލިހު ޤައުމާއި ރައްޔިތުންނަށް ވެވަޑައިގެންނެވި ވަރަށް ބޮޑު ޚިޔާނާތެއް ކަމަށާއި ފަހުގެ ތާރީޚެއްގައި ދިވެހި ޤައުމަށް އެންމެ ބޮޑު ޚިޔާނާތެއް ވެވަޑައިގެންނެވި ވެރިއަކީ ރައީސް ސޯލިހު ކަމަށް އޭރުގެ އިދިކޮޅު ހުރިހާ ލީޑަރުން ވިދާޅުވި އެވެ.

ފޯޅަވަހީގެ މައްޗަށް ރާއްޖޭގެ ދައުވާއެއް އޮތްކަން އިނގިރޭސި ސަރުކާރަށް އެންގުން

ޗާގޯސްގެ މައްޗަށް މޮރިޝަސްގެ ސިޔާދަތު އޮންނާނެ ކަން ޤަބޫލުކޮށް ރައީސް ސޯލިހުގެ ސަރުކާރުގެ ނިންމި ނިންމުމަކީ ގޯސް ނިންމުމެއް ކަމަށާއި އެކަން ބައިނަލްއަޤްވާމީ ދުނިޔެއަށް ހާމަކޮށް ދެއްވުމަކީ ރައީސް މުޢިއްޒުގެ ވަޢުދުފުޅެކެވެ. އަދި ގެއްލުނު ކަނޑުގެ ބައި ހޯދުމަށް ކުރެއްވެން އޮތް ހުރިހާ މަސައްކަތްތަކެއް ކުރައްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

އެ ގޮތުން ޗާގޯސް ނުވަތަ ފޯޅަވަހީގެ މައްޗަށް ދިވެހިރާއްޖޭގެ ތާރީޚީ ދައުވާއެއް އޮތްކަން ރަސްމީކޮށް ދިވެހި ސަރުކާރުން އިނގިރޭސިވިލާތަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އަންގަވާފަ އެވެ.

މިދިޔަ އަހަރުގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވަނީ ގެއްލުނު ކަނޑުގެ ސަރަހައްދު ހޯދުމަށް މި ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތަފުސީލުތައް ހާމަކުރައްވާފަ އެވެ. އެމަނިކުފާނު ވިދާޅުވެފައިވަނީ އެ ސަރަހައްދަކީ ކަނޑައެޅިފައިވާ ދުސްތޫރީ ނިޒާމާ ޚިލާފަށް ރޯމާދުވާލު އެއިރުގެ ވެރިކަމުން ގެއްލުވައިލި ސަރަޙައްދެއް ކަމަށެވެ.  

"ރޯމާދުވާލު ކަނޑައެޅިފައިވާ ދުސްތޫރީ ނިޒާމާ ހިލާފަށް ކަނޑައެޅިގެން ގާނޫނާ ޚިލާފަށް ރައްޔިތުންގެ މަޖިލީހުގައި އަހައިލުމެއް ނެތި އަޅުގަނޑުމެންގެ ކަނޑުން ބޮޑު ބައެއް ދޫކޮށްލީ،" ރައީސް އެރޭ ވިދާޅުވި އެވެ. 

އެކަން ކޮށްފައި އޮތް ގޮތުން އެ މައްސަލަ ޙައްލުކުރުމަށް ބޮޑެތި ދަތިތަކެއް އެބަހުރި ކަމަށް އެމަނިކުފާނު ފާހަގަ ކުރެއްވި އެވެ. އެގޮތުން އދ. ގައި ބަންޑާރަނައިބުގެ އޮފީހުގެ މުވައްޒަފެއް ބަހައްޓައިގެން ޤާނޫނީ ޓީމުތައް ނަގައިގެން އެ ސަރަޙައްދު އިއާދަކުރުމުގެ މަސައްކަތް ކުރައްވަމުންދާ ކަމަށް ރައީސް ވިދާޅުވި އެވެ. 

އަދި ވިދާޅުވީ ޗާގޯސް މޮރިޝަސްއާ ހަވާލުކުރަން އިނގިރޭސި ސަރުކާރުން ނިންމިކަން އެނގުމާ ގުޅިގެން، އެ ސަރަޙައްދަކީ ދިވެހިރާއްޖޭގެ ބައެއްކަން ދިވެހި ރަސްރަސްކަލުންގެ ލިޔެކިޔުންތަކުން އެނގެން އޮތަތީ، އެ ސަރަޙައްދަކީ އެހެން ގައުމެއްގެ ބައެއްގެ ގޮތުގައި އޮތުމަށްވުރެ ދިވެހިރާއްޖޭގެ ބައެއްގެ ގޮތުގައި އޮތުން އައުލާކަން ބޮޑުކަން ފާހަގަކޮށް އިނގިރޭސި ސަރުކާރަށް ސިޓީއެއް ފޮނުވާފައިވާ އެމަނިކުފާނު ހާމަކުރެއްވި އެވެ.

އޭގެ ކުރީން ސަރުކާރުން ވަނީ ދިވެހިރާއްޖޭގެ ކަނޑުގެ ބައެއް ގެއްލިފައިވާ މައްސަލައާ ގުޅިގެން ދެން އެޅެން ހުރި ފިޔަވަޅުތައް ބެލުމަށާއި ކަނޑުގެ ސަރަހައްދުން ގެއްލުނު ބައި ހޯދުމުގެ މަސައްކަތަށް ޚާއްސަ ކޮމެޓީއެއް އެކުލަވާލާފަ އެވެ. އަދި އެ މަސައްކަތަށް އެހީތެރިވުމަށް ޔޫކޭގެ ކިންގްސް ކައުންސިލަކާއި މޯލްޓާގެ ލޯ އޮފް ދަ ސީގެ ޕްރޮފެސަރަކު ވެސް ވަނީ ހަމަޖައްސާފަ އެވެ. މީގެ އިތުރުން އެ މަސައްކަތުގައި ކުރީގެ ބަންޑާރަ ނާއިބު ޑރ. މުޙައްމަދު މުނައްވަރުގެ އެހީވެސް ދަނީ ހޯދަމުންނެވެ.

ޑރ. މުޙައްމަދު މުނައްވަރަކީ ރާއްޖޭގައި ޤާނޫނީ ރޮނގުން ފާހަގަކޮށްލެވޭ ބޭފުޅެކެވެ. އަދި ބައިނަލްއަގްވާމީ ޤާނޫނުތަކާއި ކަނޑުތަކާ ބެހޭ ޤާނޫނުގެ ދާއިރާއިން ޑޮކްޓަރޭޓް ޑިގްރީ ހާސިލްކުރައްވާ، އަދި ޚާއްސަކޮށް ކުދި ޖަޒީރާ ޤައުމުތަކުގެ ކަނޑުގެ ސަރަޙައްދުތަކާ ބެހޭ ދިރާސާތައް ކުރައްވާ، މި ދާއިރާގެ ފާހަގަކޮށްލެވޭ ތަޢުލީމާއި ތަޖުރިބާ ލިބިވަޑައިގެންފައިވާ ޤާނޫނީ މާހިރެކެވެ.

މި ހުރިހާ މަސައްކަތްތަކެއް ސަރުކާރުން ކުރަމުން ދަނިކޮށް ރައްޔިތުންގެ ސަމާލުކަން އަނބުރާލާ ރައްޔިތުންނަށް ޙަޤީޤަތް އޮޅުވާލަން އެމްޑީޕީގެ ވެރީން ކިތަންމެ މަސައްކަތެއް ކުރި ނަމަވެސް ޗާގޯސް ދޫކޮށްލަން "ސިއްރު" ސިޓީ ފޮނުވާ ކަނޑުން ބައެއް ގެއްލުވާލާ އަދި އެކަން ފަޅާއަރާ ރައްޔިތުން އިހުތިޖާޖު ކުރުމުން ވެސް ގެއްލުނު ބައި ހޯދަން އެއްވެސް މަސައްކަތެއް ނުކޮށް ރައީސް ސޯލިހާއި އެމަނިކުފާނުގެ ސަރުކާރުން ދައުރު ނިންމާލިކަން ރައްޔިތުންނަށް އޮޅުވައެއް ނުލެވޭނެ އެވެ. ކިތަންމެ ވަރަކަށް ދޮގު ހައްދަވާ އޮޅުވާލެއްވިޔަސް ރައީސް ސޯލިހުގެ ސަރުކާރު ނަން ތާރީޚުގައި ލިޔާނީ ޤައުމަށް އެންމެ ބޮޑު ޚިޔާނާތްވި ސަރުކާރުގެ ގޮތުގަ އެވެ. އެކަން ދިވެހީން ހަނދާނުގައި އަބަދުވެސް ހުންނާނެ އެވެ. އެކަމަކަށް ދިވެހީން ދުވަހަކުވެސް މާފެއް ނުކުރާނެ އެވެ.

ކިޔުންތެރިންގެ ހިޔާލު