ENGLISH
04 ޖުލައި 2025
މީހަކު ރަހީނުކުރުމުގެ ތުހުމަތު އޮތް މީހާ ޝަރީޢަތް ނިމެންދެން ބަންދަށް
04 ޖުލައި 2025
|
މި މީހާ ޝަރީޢަތް ނިމެންދެން ބަންދުގައި ބަހައްޓަން ވަނީ އަމުރުކޮށްފައި -- ފޮޓޯ: ޕޮލިސް
މީހަކު ރަހީނުކުރުމުގެ ތުހުމަތު އޮތް މީހާ ޝަރީޢަތް ނިމެންދެން ބަންދު ކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފި އެވެ.
ރަހީނުކޮށްފައި ހުރި ދިވެއްސަކު ސަލާމަތްކޮށް މީހަކު ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން އިއްޔެ ވަނީ ބުނެފަ އެވެ.
ފުލުހުން ބުނީ މާލޭގެ ގެއެއްގެ ތެރޭގައި ހުއްދަ ނެތް ގޮތުގައި މީހަކު ހިފަހައްޓާ އަނިޔާކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ބުދަ ދުވަހު ހުށައަޅާފައިވާ ކަމަށެވެ. މި މައްސަލައާ ގުޅިގެން ފުލުހުންގެ ތަހުޤީޤުން ކުރި މަސައްކަތުން އެމީހާ ހުރިތަން ހޯދާ މިއަދު ސަލާމަތް ކޮށްފައިވާ ކަމަށް ބުންޏެވެ. އަދި މި މައްސަލައިގެ ތުހުމަތުގައި ކުށުގެ ވެށީން މީހަކު ހައްޔަރު ކޮށްފައިވާ ކަމަށް ބުންޏެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރު ކޮށްފައިވަނީ އައްޑޫ ސިޓީ ފޭދޫ, ސުވާސާގެ އުމުރުން 48 އަހަރުގެ އިބްރާހިމް ސަޢީދު އެވެ.
ފުލުހުން މިއަދު ބުނީ އެ މީހާގެ ބަންދާއިމެދު ގޮތް ނިންމަން ކޯޓަށް ހާޒިރުކުރުމުން ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން އަމުރުކޮށްފައިވާ ކަމަށެވެ.
ހިފަހައްޓައިގެން ގެންގުޅެ އަނިޔާ ކޮށްފައިވާ މީހާ ފަރުވާ ދިނުމަށް އައިޖީއެމްއެޗަށް ގެންގޮސްފައިވާ ކަމަށެވެ. އެއީ 44 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ވެސް ބުންޏެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުޤީޤު ކުރަމުންނެވެ.
މިފަދަ އެހެން ހާދިސާއެއް ވެސް އިއްޔެ ވަނީ ހިނގާފަ އެވެ. އެއީ ބިދޭސީ އަކު ރަހީނުކުރި މައްސަލަ އެކެވެ. އެ މީހާ ވެސް ވަނީ ސަލާމަތް ކޮށްފަ އެވެ.