ENGLISH
03 ޖުލައި 2025
ސަލްމާން މިސްކިތުގައި ތަރައްޤީކުރާ ކުތުބުޚާނާ ނިންމައި، މި މަހު ރަސްމީކޮށް ހުޅުވަނީ
03 ޖުލައި 2025
|
އިސްލާމީ މަރުކަޒުގައި ތަރައްޤީކުރާ ކުތުބުޚާނާ. އެ ކުތުބުޚާނާ މި މަހު ރަސްމީކޮށް އިފްތިތާޙްކުރާނެ. ފޮޓޯ: އިސްލާމިކް އެފެއާޒް
ސަލްމާން މިސްކިތުގައި ސަރުކާރުން ތަރައްޤީކުރާ އިސްލާމީ ކުތުބުޚާނާގެ މަސައްކަތް އެއްކޮށް ނިންމައި މި މަހުގެ 12 ވަނަ ދުވަހު ރަސްމީކޮށް އިފްތިތާޙްކުރަން ނިންމާފައިވާކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އިން ބުނީ ސަލްމާން މިސްކިތުގައި ތަރައްޤީކުރާ ކުތުބުޚާނާ މި މަހުގެ ރަސްމީކޮށް އިފްތިތާޙް ކުރުމަށް ވާންޖެހޭ ތައްޔާރީތަކާއި ގުޅޭގޮތުން އެ ވުޒާރާގެ އިސްވެރިން މިއަދު މަޝްވަރާކުރައްވާފައި ވާކަމަށެވެ.
މިމަހުގެ 12 ވަނަ ދުވަހު އެ ކުތުބުޚާނާ ހުޅުވާނީ 15،000 ފޮތާއެކު ކަމަށް ވަޒީރު ވިދާޅުވިއެވެ.
މާލޭގެ އިތުރުން ރާއްޖޭގެ އެކިކަންކޮޅުތަކުގައި ޤާއިމްކޮށްފައިހުރި އަދި މިހާރު އިމާރާތްކުރަމުންދާ އިސްލާމީ މަރުކަޒުތަކުގައި އިސްލާމީ ކުތުބުޚާނާ ޤާއިމްކުރުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދެކެވެ.
ސަލްމާން މިސްކިތުގައި ތަރައްޤީކުރާ ކުތުބުޚާނާގެ މަސައްކަތް ނިންމައި މި މަހު ހުޅުވާއިރު، ވަޒީރު ޑރ. ޝަހީމް އިއްޔެ ވަނީ، ރާއްޖޭގެ އެކިކަންކޮޅުތަކުގައި ޤާއިމްކޮށްފައިވާ އިސްލާމީ މަރުކަޒުތަކުގައި އިސްލާމީ ލައިބްރަރީތައް ޤާއިމްކުރުމަށް ބޭނުންވާ ފޮތްތައް ބޭރު ޤައުމެއްގެ ޔުނިވާސިޓީއަކުން ހަދިޔާ ކުރުމަށް ނިންމާފައިވާކަމަށް ވިދާޅުވެފައެވެ.
ރާއްޖެއަށް ހަދިޔާކުރަން ނިންމާފައިވަނީ 60،000 ފޮތް ކަމަށް ވަޒީރު ވިދާޅުވިއެވެ.
ރާއްޖެއަށް ހަދިޔާކުރާ ފޮތްތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އަޅާ އިސްލާމިކް ސެންޓަރ ލައިބްރަރީތަކަށް ފޮނުވުމަށް ހަމަޖެހިފައިވާކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. އެގޮތުން ފޮތްތައް ފޮނުވުމަށް ހަމަޖެހިފައިވަނީ، ދިއްދޫ އިސްލާމިކް ސެންޓަރ ލައިބްރަރީއާއި އުނގޫފާރު އިސްލާމިކް ސެންޓަރ ލައިބްރަރީއާއި ތިނަދޫ އިސްލާމިކް ސެންޓަރ ލައިބްރަރީ އާއި އައްޑޫ އިސްލާމިކް ސެންޓަރ ލައިބްރަރީގެ އިތުރުން އަތޮޅުތަކުގައި ޤާއިމު ކުރެވޭ އެހެނިހެން އިސްލާމީ ލައިބްރަރީތަކަށެވެ.