ENGLISH
03 ޖުލައި 2025
އިސްލާމީ މަރުކަޒުތަކުގެ ލައިބްރަރީތަކަށް 60 ހާސް ފޮތް ހަދިޔާކުރަނީ
02 ޖުލައި 2025
|
ރާއްޖޭގެ އެކިކަންކޮޅުތަކުގައި ޤާއިމްކޮށްފައިވާ އިސްލާމީ މަރުކަޒުތަކުގައި އިސްލާމީ ލައިބްރަރީތައް ޤާއިމްކުރުމަށް ބޭނުންވާ ފޮތްތައް ބޭރު ޤައުމެއްގެ ޔުނިވާސިޓީއަކުން ހަދިޔާ ކުރުމަށް ނިންމައިފި އެވެ.
އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވީ، ދިއްދޫ އިސްލާމިކް ސެންޓަރ ލައިބްރަރީ އާއި އުނގޫފާރު އިސްލާމިކް ސެންޓަރ ލައިބްރަރީ އާއި ތިނަދޫ އިސްލާމިކް ސެންޓަރ ލައިބްރަރީ އާއި އައްޑޫ އިސްލާމިކް ސެންޓަރ ލައިބްރަރީގެ އިތުރުން އަތޮޅުތަކުގައި ޤާއިމު ކުރެވޭ އެހެނިހެން އިސްލާމީ ލައިބްރަރީތަކަށް ބޭނުންވާ ފޮތްތައް އެކުވެރި ޤައުމެެއްގެ ޔުނިވަރސިޓީއަކުން ހަމަޖެހިފައިވާ ކަމަށެވެ.
މިގޮތުން 60 ހާސް ފޮތް ލިބޭނެ ކަމަށް އަންގާފައިވާ ކަމަށް ވިދާޅުވި އެވެ.
ވަޒީރު އިތުރަށް ވިދާޅުވީ، މީގެ ތެރެއިން މިހާރު ހުޅުވިފައިވާ މަރުކަޒުތަކުގައި ލައިބްރަރީ ޤާއިމު ކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށޭނެ ކަމަށެވެ.
އަތޮޅުތަކުގެ އިސްލާމީ މަރުކަޒުތަކުގައި ލައިބްރަރީ ޤާއިމުކުރުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދެކެވެ.
މާލޭގައި ޤާއިމްކުރެވޭ އިސްލާމީ ލައިބްރަރީ ސަލްމާން މިސްކިތުގައި ޤާއިމް ކުރުމުގެ މަސައްކަތް މިހާރުވެސް ކުރިއަށް އެބަ ދެ އެވެ.