ENGLISH

03 ޖުލައި 2025

Advertisement

ދަތުރުފުޅާއެކު ރާއްޖެ-ސިންގަޕޫރު ގުޅުމުގެ އާ ބާބެެއް ވަނީ ފެށިފައި: ރައީސް

02 ޖުލައި 2025

|

އަޙުމަދު ޙަމީދު

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު, ސިންގަޕޫރުގެ ބޮޑުވަޒީރު އަދި މާލީ ވަޒީރު، ލޯވްރެންސް ވޮންގްއާ ބައްދަލު ކުރެއްވުން -- ފޮޓޯ: ރައީސް އޮފީސް

ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅުގެ ސަބަބުން ރާއްޖެއާ އެ ޤައުމާއި އޮތް ގުޅުމުގެ މުޅީން އައު ބާބެއް ފެށިގެން ގޮސްފައިވާ ކަން ޔަޤީން ކުރައްވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ޖޫން މަހުގެ 29 އިން މިއަދުގެ ނިޔަލަށް އެ ޤައުމަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވާ އެ ޤައުމުން ފުރާވަޑައިގަތުމުގެ ކުރީން "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގަ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޕޯސްޓްގައި ވަނީ ސިންގަޕޫރުގެ ބޮޑުވަޒީރު އަދި މާލީ ވަޒީރު، ލޯވްރެންސް ވޮންގް އާއި ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމް އާއި އެ ޤައުމުގެ ސަރުކާރާއި ރައްޔިތުންނަށް ޝުކުރުއަދާ ކުރައްވާފަ އެވެ.

އެމަނިކުފާނުގެ މި ދަތުރުފުޅުގައި ދެ ޤަައުމުން މުހިންމު ކަންކަމާއި ގުޅޭގޮތުން ބޭނުންތެރި މަޝްވަރާތަކެއް ކުރެވިފައިވާކަން ފާހަގަ ކުރައްވާ އެ މަޝްވަރާތަކަކީ ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހި ކުރުމަށް މުހިންމު މަޝްވަރާތަކެއް ކަމުގައި ވިދާޅުވި އެވެ.

އަދި ވިދާޅުވީ މި ދަތުރުފުޅުގެ ތެރެއިން މުހިންމު އެއްބަސްވުންތަކެއް ޤާއިމުކުރެވިފައިވުމަކީ ވަރަށް އުފާފުޅު ކުރައްވާ ކަމެއް ކަމަށެވެ. އަދި އެ ޤައުމުގައި ބޭއްވި ރާއްޖެ-ސިންގަޕޫރު ބިޒްނަސް ފޯރަމަަކީ ކާމިޔާބު އަދި އުންމީދީ ފުރުސަތުތަކެއް ހުޅުވިގެންދިޔަ ފޯރަމެއް ކަމުގައި އެވެ.

ރައީސްގެ ޕޯސްޓްގައި ވަނީ މި އަހަރަކީ ރާއްޖެއާ ސިންގަޕޫރުގެ ގުޅުމަށް ވަރަށް ޚާއްސަ އަހަރެއް ކަން ފާހަގަ ކުރައްވާފަ އެވެ. ރާއްޖެއާ ސިންގަޕޫރުން ޚާރިޖީ ގުޅުން ޤާއިމުކުރިތާ 50 އަހަރު ފުރޭ މި ތާރީޚީ މުނާސަބަތާއި ގުޅުވައިގެން އެ ޤައުމަށް ކުރެއްވި ދަތުރުފުޅުން ދެ ޤައުމުގެ ގުޅުމުގެ އައު ބާބެއް ފެށުނު ކަމަށް ޔަޤީން ކުރައްވާ ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސްގެ މި ދަތުރުފުޅުގައި އެމަނިކުފާނު ވަނީ ސިންގަޕޫރުގެ ބޮޑުވަޒީރު އަދި މާލީ ވަޒީރު، ލޯވްރެންސް ވޮންގް އާއި ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމް ބައްދަލު ކުރައްވާފަ އެވެ.

ރައީސް ޝަންމުގަރަނަމް ވަނީ، ދެ ޤައުމުގެ ދެމެދުގައި ސިޔާސީ ގުޅުން ގާއިމުވުމުގެ ރަންޔޫބީލް އާއި ދިމާކޮށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ސިންގަޕޫރަށް ފުރަމާނަ ދަތުރުފުޅެއް ކުރައްވާތީ އުފާ ފާޅުކުރައްވައި، ރައީސުލްޖުމްހޫރިއްޔާއަށް ޝުކުރު އަދާކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވަނީ، ސިންގަޕޫރުން، އަދި ވަކިން ޚާއްޞަކޮށް ރައީސް ޝަންމުގަރަނަމްގެ ފަރާތްޕުޅުން އެމަނިކުފާނަށް ދެންނެވި ހޫނު މަރުޙަބާއަށާއި ބެހެއްޓެވި މެހެމާންދާރީއަށް ޝުކުރު އަދާކުރައްވާފައެވެ.

އަދި ތަމްރީނާއި ތަޢުލީމާއި އިއާދަކުރަނިވި ހަކަތައިގެ ދާއިރާއިން އަދި ޢުމްރާނީ ތަރައްޤީ ފަދަ ދާއިރާތަކުން ދެ ޤައުމަށް ފައިދާހުރި މަސައްކަތްތައް ކުރިއަށް ގެންދިއުމާ ބެހޭގޮތުން މަޝްވަރާ ކުރެއްވި އެވެ.

މީގެ އިތުރުން، ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ދާއިރާ ތަރައްޤީކުރުމާއި، ފަތުރުވެރިކަމުގެ އިތުރުން ތަފާތު ދާއިރާތަކުން އިޤުތިޞާދު، ފުޅާކުރުމުގެ މަސައްކަތްތަކާ ބެހޭގޮތުންވެސް ވާހަކަފުޅު ދެއްކެވިއެވެ.

ބޮޑުވަޒީރު ވޮންގްއާ އެކު ބޭއްވެވި ބައްދަލްވުމުގައި ވެސް ރައީސުލްޖުމްހޫރިއްޔާ ސިންގަޕޫރަށް ފުރަމާނަ ދަތުރުފުޅެއް ކުރައްވަމުން ގެންދަވާ މި ދަނޑިވަޅަކީ، ދިވެހިރާއްޖެއާއި ސިންގަޕޫރުގެ ސިޔާސީ ގުޅުމުގެ ރަންޔޫބީލް އަހަރުކަން ފާހަގަ ކުރެއްވި އެވެ.

އަދި ރާއްޖެ އާއި ސިންގަޕޫރާ ދެމެދުގައި އޮތް ގާތް ރަޙުމަތްތެރި ގުޅުން، އިތުރަށް ބަދަހިކުރެއްވުމަށް މަސައްކަތްކުރައްވަމުން ގެންދަވާނެކަމުގެ ޔަޤީންކަން ދެއްވި އެވެ.

ދިވެހިރާއްޖެއާ ސިންގަޕޫރާ ދެމެދު ސިޔާސީ ގުޅުން ޤާއިމު ކުރީ 1975 ވަނަ އަހަރުގެ ފެބުރުވަރީ މަހުގެ 20 ވަނަ ދުވަހުއެވެ.

ކިޔުންތެރިންގެ ހިޔާލު