ENGLISH

03 ޖުލައި 2025

Advertisement

މިއަހަރު ފަތުރުވެރިން ޒިޔާރަތްކުރާ ނިސްބަތް 9 އިންސައްތަ ކުރީގައި

02 ޖުލައި 2025

|

ޢަލީ ޝަހީމް

މިއަހަރު ރާއްޖެ ޒިޔާރަތްކުރި އެއް މިލިއަން ވަނަ ފަތުރުވެރިޔާއާއެކު ވަޒީރު ޠާރިގު ފޮޓޯއަކަށް ހުއްޓިވަޑައިގެން. ފަތުރުވެރިން އިތުރުކުރުމަށް ރާއްޖޭން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުން. ފޮޓޯ: ޓޫރިޒަމް މިނިސްޓްރީ

ރާއްޖެ އަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ނިސްބަތުން އެންމެ ބޮޑު ކުރިއެރުމެއް ލިބުނީ މިދިޔަ އަހަރެވެ. އެގޮތުން މިދިޔަ އަހަރު ނިމުނުއިރު ރާއްޖެ ޒިޔާރަތްކުރި ފަތުުރުވެރިން ދެ މިލިއަނަށް އެރުމަކީ ފަތުުރުވެރިކަމުގައި ރާއްޖެ ކުރަމުން އައި މަސައްކަތުގައި މިހާތަނަށް ލިބުނު އެންމެ ބޮޑު ކާމިޔާބީއެވެ. 

މިދިޔަ އަހަރުގެ ކާމިޔާބީއާއެކު ސަރުކާރުން އަމާޒުހިފީ މިއަހަރު އެ އަދަދު އިތުރުކޮށް 2.3 މިލިއަން ފަތުރުވެރިންގެ އަމާޒަކަށެވެ. އެ ނަތީޖާ ހާސިލްކުރަން އަހަރު ފެށިގެން ސަރުކާރުން އައީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަމަންޓާ ގުޅިގެން މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯފަރޭޝަން (އެމްއެމްޕީއާރުސީ) އިން ގިނަ މަސައްކަތްތަކެއް ވަނީ ކޮށްފައެވެ. އެމްއެމްޕީއާރުސީގެ މަސައްކަތް މައިގަނޑު ގޮތެއްގައި އަމާޒުކޮށްފައިވަނީ ބައިނަލްއަގްވާމީ ގޮތުން ހިންގާ ހަރަކާތްތައް އިތުރު ކުރުމަށެވެ. އެގޮތުން އަހަރުގެ މިހާތަނަށް އައިއިރު ފަތުރުވެރިންގެ މާކެޓް އެންމެ ބޮޑު ގައުމުތަކުގައި އެ އިދާރާއިން ވަނީ ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައެވެ. 

ސަރުކާރުން ކުރަމުން އައި މަސައްކަތްތަކުގެ ނަތީޖާ އަހަރުގެ ފުރަތަމަ ހަ މަހު ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދުން ވަރަށް ރަނގަޅަށް ހާމަވެއެވެ. އެގޮތުން ޓޫރިޒަމް މިނިސްޓްރީން އެންމެ ފަހުން ހާމަކުރި ތަފާސްހިސާބުގައި، މިއަހަރުގެ ފުރަތަމަ ހަ މަހު ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ ނިސްބަތް 2024 ވަނަ އަހަރާ އަޅާބަލާއިރު ވަނީ 9.1 އިންސައްތަ އިތުރުވެފައެވެ. އެގޮތުން މިދިޔަ އަހަރުގެ ފުރަތަމަ ހަ މަހު އެއް މިލިއަން ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރިއިރު މިއަހަރުގެ އެ މުއްދަތުގައި ގާތްގަނޑަކަށް ލައްކައެއްހާ ފަތުރުވެރިން ވަނީ އިތުރުވެފައެވެ. އެގޮތުން މިއަހަރުގެ ފުރަތަމަ ހަ މަހު ވަނީ 1،108،130 (އެއް މިލިއަން އެއްލައްކަ އަށްހާސް ސަތޭކަ ތިރީސް) ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފައެވެ. 

މިދިޔަ އަހަރު އެއް މިލިއަން ވަނަ ފަތުރުވެރިޔާ ޖޫން 27 ވަނަ ދުވަހު ރާއްޖެ ޒިޔާރަތްކުރިއިރު މިއަހަރުގެ އެއް މިލިއަން ވަނަ ފަތުރުވެރިޔާ އައިސްފައިވަނީ ޖޫން 7 ވަނަ ދުވަހެވެ. 

ފަތުރުވެރިންތަކެއް އެއާޕޯޓުގައި. އަހަރުގެ ފުރަތަމަ ހަ މަހު ފަތުރުވެރިން އައި ނިސްބަތް ވަނީ 9 އިންސައްތަ އިތުރުވެފަ

އަހަރުގެ ފުރަތަމަ ހަ މަހު ފަތުރުވެރިން ޒިޔާރަތްކުރި ނިސްބަތް އިތުރުވިިއިރު، މިދިޔަ އަހަރާ އަޅާބަލާއިރު ޖޫން މަހު ރާއްޖެ އައި ފަތުރުވެރިންގެ ނިސްބަތްވެސް ވަނީ ބޮޑުތަނުން އިތުރުވެފައެވެ. އެގޮތުން މިދިޔަ އަހަރުގެ ޖޫން މަހާ އަޅާބަލާއިރު މިއަހަރުގެ ޖޫން މަހު ފަތުރުވެރިން ޒިޔާރަތްކުރި ނިސްބަތް 15 އިންސައްތަ އިތުރުވެފައިވާކަން ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައެވެ. މިދިޔަ އަހަރުގެ ޖޫން މަހު އެއްލައްކަ ތޭވީސް ހާސް ފަތުރުވެރިން ޒިޔާރަތްކުރިއިރު މިއަހަރުގެ ޖޫން މަހު އެ އަދަދު ވަނީ އެއްލައްކަ ސާޅީސް އެއް ހާހަށް އިތުރުވެފައެެވެ. 

ރާއްޖެ ޒިޔާރަތްކުރާ ފަތުރުވެރިންގެ މާކެޓްތަކަށް ބަލާއިރު އެންމެ ކުރީގައި އުޅެނީ ޗައިނާ އެވެ. އެގޮތުން ޗައިނާއިން މިހާތަނަށް އެއްލައްކަ ސާޅީސް އެއް ހާސް ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، ދެވަނައި އުޅޭ ރަޝިއާއިން އަހަރުގެ ފުރަތަމަ ހަ މަހު އެއްލައްކަ ސައްބީސް ހާސް ފަތުރުވެރިން ވަނީ ރާއްޖެ ޒިޔާރަތްކޮށްފައެވެ. ޗައިނާއާއި ރަޝިއާގެ ފަހަތުން ތިން ވަނައިގައި އުޅެނީ އެއްލައްކަ އަށް ހާސް ފަތުރުވެރިން ޒިޔާރަތްކުރި އިނގިރޭސިވިލާތެވެ. 

ރާއްޖެ ޒިޔާރަތްކުރާ ފަތުރުވެރިންގެ ތެރެއިން އަހަރު ފުރަތަމަ ހަ މަހަށް ބަލާއިރު، 69 އިންސައްތަ ފަތުރުވެރިން ޗުއްޓީ ހޭދަކުރަނީ ރިސޯޓުތަކުގައެވެ. ދެން އެންމެ ބޮޑު ޑިމާންޑެއް އޮތީ ގެސްޓްހައުސް ތަކަށެވެ. އެގޮތުން ގެސްޓްހައުސް ތަކުގައި 23 އިންސައްތަ ފަތުރުވެރިން ވަނީ ޗުއްޓީ ހޭދަކޮށްފައެވެ. ރާއްޖެ ޒިޔާރަތްކުރާ ފަތުރުވެރިން ދެން ޗުއްޓީ ހޭދަކުރަނީ ސަފާރީތަކާއި ޓޫރިސްޓް ހޮޓާތަކުގައެވެ. 

ފަތުރުވެރިކަމުން ސަރުކާރު ހާސިލްކުރަން ބޭނުންވާ އަމާޒު ރަނގަޅު މިސްރާބުގައި ހުރުމަކީ، އެ ދާއިރާއިން ކުރަމުން އަންނަ މަސައްކަތްތަކުގެ ނަތީޖާ ހާސިލްވަމުންދާކަމުގެ ހެއްކެކެވެ. 

ކިޔުންތެރިންގެ ހިޔާލު