ENGLISH
03 ޖުލައި 2025
ދުންފަތުގެ ވިޔަފާރި ކުރުމަށް ލައިސަންސް ނެގުމުގެ މުއްދަތު މި މަހު ހަމަވާނެ
02 ޖުލައި 2025
|
ދުންފަތުގެ ބާވަތްތައް އެތެރެކުރުމަށާއި ވިއްކުމަށް ނަގަންޖެހޭ ލައިސަންސަށް އެދުމުގެ މުއްދަތު ޖުލައި 17 ވަނަ ދުވަހު ހަމަވާތީ، އެ ހުއްދަ ބޭނުންވާ ވިޔަފާރިތަކުން މުއްދަތު ހަމަވުމުގެ ކުރިން ލައިސަންސަށް އެދުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން ހަނދާންކޮށްދީފިއެވެ.
ދުންފަތުގެ ބާވަތްތައް އިމްޕޯޓްކުރުމަށާއި، ރީ-އެކްސްޕޯޓް ކުރުމަށް އަދި ރާއްޖޭގައި ވިއްކުމަށް، ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ ޤާނޫނާއި، އެ ޤާނޫނުގެ ދަށުން އާއްމުކޮށްފައިވާ ދުންފަތް ކޮންޓްރޯލް ކުރުމާ ގުޅޭ އާއްމު ގަވާއިދުގައި ބަޔާންކުރާ ގޮތުގައި ދުންފަތުގެ ވިޔަފާރި ކުރުމަށް ވަކި ލައިސަންސެއް ނަގަން ޖެހެއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީން ވަނީ ލައިސަންސް ހޯދުމަށް އެދި ހުށަހެޅުމުގެ ފުރުސަތު 2025 އޭޕްރީލް 17 ވަނަ ދުވަހުން ފެށިގެން ހުޅުވާލާފައެވެ. ތިން މަސް ދުވަހުގެ މުއްދަތަކަށް އެ ފުރުސަތު ހުޅުވާލިއިރު، ދުންފަތުގެ ބާވަތްތަކުން ވިޔަފާރިކުރުމަށް ލައިސަންސް ނެގުމަށް ހުށަހަޅަން ޖެހެނީ ވަންގަވް ޕޯޓަލް މެދުވެރިކޮށެވެ.
އެޗްޕީއޭއިން މިއަދު ކުރި އިއުލާނުގައި ބުނީ މީގެ ތިން މަސް ކުރިން ހުޅުވާލި ފުރުސަތު މި ހިނގާ ޖުލައި 17 ވަނަ ދުވަހު ހަމަވާނެ ކަމަށެވެ. އެ ތާރީޚަށް ފަހު ލައިސަންސް ނެތި ދުންފަތުގެ ވިޔަފާރީގެ މުއާމަލާތްތައް ކުރުމަކީ ގާނޫނީ ގޮތުން މަނާ ކަމެއްކަމަށް އެޗްޕީއޭއިން މިއަދު އާއްމުކުރި އިއުލާނުގައި ބުނެފައިވެއެވެ.
ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ ޤާނޫނަށް ގެނައި އިސްލާހާއެކު، ޤާނޫނު ލާޒިމުކުރާ ލައިސަންސަށް އެދި ހުށަހެޅުމަށް އެޗްޕީއޭގެ އިއުލާނުގައި ވަނީ ހަނދާންކޮށްދީފައެވެ.
ދުންފަތުގެ ބާވަތްތައް ރާއްޖޭގައި ވިއްކުމަށް ދޫކުރާ ހުއްދައަށް 5،000ރ. އަދި އެނޫން ހުއްދަތަކަށް 10،000ރ. ގެ ފީއެއް ދައްކަން ޖެހޭ ގޮތަށް ވަނީ ހަމަޖައްސައިފައެވެ.
ދުންފަތް ކޮންޓްރޯލް ކުރުމާ ގުޅޭ އާންމު ގަވާއިދުގައި ބުނެފައިވާ ގޮތުން ހުއްދަ ނުނަގައި ދުންފަތުގެ ބާވަތްތަކުގެ މުއާމަލާތެއްކޮށްފިނަމަ، ފުރަތަމަ ފަހަރު 50،000ރ. އިން އަދި އޭގެ ފަހުން ކުށްތަކުރާރުކުރާ ކޮންމެ ފަހަރަކު 100،000ރ. އިން ޖޫރިމަނާ ކުރާނެއެވެ.