ENGLISH

03 ޖުލައި 2025

Advertisement

"މަސްވެރިން ހާލުގައި ޖެއްސީ އެމްޑީޕީން"

02 ޖުލައި 2025

|

އުމްނާ އިސްމާޢީލް

މަސްވެރިޔަކު އެން އުކަނީ. ފޮޓޯ: ޒުވާން މަސްވެރިޔާ

އިދިކޮޅު އެމްޑީޕީން 2018 ވަނަ އަހަރު ވެރިކަމާ ހަވާލުވީ މަސްވެރިންނަށް ބޮޑެތި ގިނަ ވައުދުތަކެއް ވުމަށްފަހު އެވެ. ބާނާ މަހަށް "ހަމަ އަގު" ލިބޭނެ ގޮތެއް ހޯދައިދިނުމަށް ވީ ވައުދާއެކު އައި ސަރުކާރު ނިމިގެން ދިޔައިރު ފެންނަން އޮތް ހަގީގަތަކީ ކިރާ މަހަށް ވެސް ފައިސާ ނުލިބި މުޅި ސިނާއަތް 'ބަނޑަށް ޖެހުމެވެ. ރައިސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު 2023 ވަނަ އަހަރު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ވެސް މަސްވެރިންނަށް ދޭންޖެހޭ ފައިސާގެ އަދަދު 200 މިލިއަނަށް ވުރެ ބޮޑެވެ.

އެ ފައިސާ ދައްކާ ޚަލާސްކޮށް، މަސްވެރިންނަށް ވަމުންދާ ވައުދުތައް މި ސަރުކާރުން ފުއްދަމުންދާކަން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވެރިކަންކުރާ ޕީއެންސީގެ މެމްބަރުން ވަނީ އިދިކޮޅު އެމްޑީޕީގެ މެމްބަރުންނަށް ހަނދާންކޮށްދެއްވާފަ އެވެ. މިވާހަކަތައް މިއަދުގެ ޖަލްސާގައި މެމްބަރުން ދެއްކެވީ، ބޮޑު ކަންނެލި މަސްވެރިން ބާނާ މަސް ނުކިރޭ ކަމަށް ބުނެ، ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު ހުށަހެޅުއްވި ކުއްލި މައްސަލައިގައި ކުރެއްވި ބަހުސްގަ އެވެ.

 މެޖޯރިޓީ ލީޑަރު އިބްރާހީމް ފަލާހު

އެގޮތުން، މަޖިލީހުގެ މެޖޯރިޓީ ލީޑަރު އިބްރާހީމް ފަލާހުގެ ވާހަކަ ފެއްޓެވީ، މި މައްސަލަ ބަލައިގަތް ސަބަބު ސާފުކޮށްދެއްވަމުން ނެވެ. މައްސަލަ ބަލައިގަތުމަށް ޕީއެންސީން ނިންމީ، އިނގުރައިދޫ ދާއިރާ ތަމްސީލުކުރައްވާ ފަލާހު ވިދާޅުވި ގޮތުގައި އެއީ "ދިވެހިރާއްޖޭގެ ރައްޔިތުންނާ ވަރަށް ގުޅުންހުރި މައްސަލައަކަށް ވާތީ" އެވެ.

"މި ބޭފުޅުން (އެމްޑީޕީގެ މެމްބަރުން) މި މައްސަލަ ހުށަހެޅިއިރު މި މައްސަލައިގެ ހަގީގަތް މި މައްސަލައިގައި ހާމަކޮށްފަ އޮތް ނަމަ ވަރަށް ތަފްސީލުކޮށް ރައްޔިތުންނަށް މިކަންކަން އެނގުނީސް. މި ސަރުކާރު، އަޅުގަނޑުމެންގެ އިއްޒަތްތެރި ރައިސުލްޖުމްހޫރިއްޔާ ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރުގައި މަސްވެރި އާއިލާތަކަށް އެމްޑީޕީން ނުދީ އޮތް 250 މިލިއަން ރުފިޔާ" ފަލާހު ވިދާޅުވި އެވެ.

އެ ފައިސާ ދައްކާ އެއްކޮށް ޚަލާސްކުރީ މި ސަރުކާރުންކަން ފާހަގަކުރައްވަމުން ފަލާހު ވިދާޅުވީ މަސްވެރި އާއިލާތަކުން މިއަދު މުޒާހަރާކޮށް އިހުތިޖާޖުކުރާ މަންޒަރު ނުފެންނަނީ އެ ސަބަބަށްޓަކައި ކަމަށެވެ. ފަލާހު ވިދާޅުވީ، އެމްޑީޕީން މަސްވެރިކަމާއި ގުޅުވައި ކުއްލި މައްސަލައެއް ހުށަހެޅުމުން އަޖައިބުވާ ކަމަށެވެ. ސަބަބެއްގެ ގޮތުގައި ފާހަގަކުރެއްވީ މަސްވެރިކަމުގެ ސިނާއަތަށް އެންމެ ބޮޑު ގެއްލުމެއް ދިނީ އެމްޑީޕީގެ ސަރުކާރުގައި ކަމަށް ވާތީ އެވެ. މިކަމަށް ބާރުދެއްވުމުގެ ގޮތުން މާ ވަޑިޔަކަށް ވެސް އުޅުއްވި ފަލާހު ހިއްސާކުރެއްވީ އޭނާގެ އަމިއްލަ ތަޖުރިބާ އެވެ.

"އަޅުގަނޑަކީ އޮޑި ދޯނި ފަހަރު ބަންނަ މީހެއް. އެމްޑީޕީގެ ވެރިކަމުގައި ފުރަތަމަ 2008 އިން އެ ހިނގި ވެރިކަމުގައި އެންމެ ގިނަ އަދަދަކަށް މަސްވެރިކަމުގެ، މަސްވެރި އާއިލާތަކުން ލޯނު ނަގައިގެން ބަނދެފަ ހުރި އޮޑި ދޯނި ފަހަރު މަސްވެރިކަމުގެ ސިނާއަތު ފުނޑުފުނޑުވެގެން ވިއްކާލާފަ ހުންނާނީ. ދެން އެންމެ ގިނަ އަދަދަކަށް އޮޑި ފަހަރު ވިއްކާލާފަ ހުންނާނީ 2023 ގަ. އެ ދާއިރާ ފުނޑިގެން އާމްދަނީ ނުލިބިގެން އެބޭފުޅުން ކިރާ މަސްކޮޅަށް ލާރި ނުދީގެން" ފަލާހު ފާހަގަކުރެއްވި އެވެ.   

ބާރަށު ދާއިރާގެ މެމްބަރު އިބްރާހީމް ޝުޖާއު

މަސްވެރިންގެ ޝަކުވާތަކަށް މި ސަރުކާރުން ބީރު ކަންފަތެއް ދީފައިވާ ކަމަށް އިދިކޮޅު އެމްޑީޕީގެ މެމްބަރުން ދައްކަވަމުންދާ ވާހަކަތަކަށް ވެސް ޕީއެންސީގެ މެމްބަރުން ރައްދުދެއްވި އެވެ. އެގޮތުން ބާރަށު ދާއިރާގެ މެމްބަރު އިބްރާހީމް ޝުޖާއު ވިދާޅުވީ ޒިޔާދު ހުށަހެޅުއްވި މައްސަލަ ބަލައިގަތުމަށް ނިންމީ އެއީ "ޖޯކެއްގެ" ގޮތުގައި ދެކިގެން ނޫން ކަމަށާއި މަސްވެރިންގެ ޝަކުވާ އަޑުއަހާ ހަމައެކަނި ސަރުކާރަކީ ރައިސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރު ކަމަށެވެ.

"ޚާއްސަކޮށް ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަންގެ އެދުމުގެ މަތިން ސަރުކާރުން ލޭން އެޅުމުގެ ސިޔާސަތުން ދުރުވީ. މިއީ ބޮޑު ކަންނެލި މަސްވެރިކަމުގަ އުޅޭ މަސްވެރިންގެ ޝަކުވާއެއްގެ ގޮތުގައި އަޑުއައްސަވާ ރައިސުލްޖުމްހޫރިއްޔާ ނިންމެވި ނިންމެވުމެއް"  

ޝުޖާއު ވިދާޅުވި ގޮތުގައި މަސްވެރިކަމުގެ ސިނާއަތް "ޖޯކަކަށް" ހެދީ އެމްޑީޕީގެ ސަރުކާރުން ނެވެ. 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބާ ދިމާކޮށް އެމްޑީޕީން ނެރުނު މެނިފެސްޓޯގައި މަސްވެރިކަމާއި ގުޅޭ ގޮތުން ހިމަނާފައިވާ ސިޔާސަތުތަކުން އެކަމަށް ބާރު ލިބޭ ކަން ޝުޖާއުގެ ވާހަކައިގައި ފާހަގަކުރެއްވި އެވެ.

"މަސްވެރިންނަށް 100 މޭލު ބޭރުގައި ޕްލެޓްފޯމް ހަދައި ބޮޑު ކަންނެލި ކިރޭނެ ގޮތުގެ ވައުދު ރިޔާސީ އިންތިހާބުގައި ވެވަޑައިގެންނެވީ އެމްޑީޕީން. އެމްޑީޕީގެ މެނިފެސްޓޯއިން 2018 ގައި ވިދާޅުވީ. އަދި ހަމައެހެންމެ އެ ޕްލެޓުފޯމުގައި މަސާޖުޕާލާ އާއި ސައި ހޮޓަލާއި ބޮވޭނެ ގޮތާއި ބޯންޖެހޭނެ ކަމަށް ވައުދުވެވަޑައިގެންނެވީ އެމްޑީޕީގެ މަސްވެރި ސިނާއަތުގައި އޮތް މެނިފެސްޓޯ ތެރޭގައި އަޅުގަނޑުމެންނެއް ނޫން މަސްވެރިން ޖޯކަރުންނަށް ހެދީ" ޝުޖާއު ވިދާޅުވި އެވެ.

ފޭދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހީމްދީދީ

ފަލާހު އާއި ޝުޖާއުގެ އިތުރުން ފޭދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހީމްދީދީ ވެސް މިއަދު އިދިކޮޅު މެމްބަރުންނަށް ހަނދާންކޮށްދެއްވީ އެ ސަރުކާރުގައި މަސްވެރިންނާ މެދު އަމަލުކުރި ގޮތެވެ.

"ވައިކަރަދޫ ދާއިރާގެ އިއްޒަތްތެރި މެމްބަރަށް އަޅުގަނޑު ހަނދާންކޮށްދެން ރާއްޖޭގެ ވަޅުތަކަށް ވެސް މަސް ވަންނަ ހިނދު، ވަޅުތަކަށް މަސް ވަދެގެން މަސް ގިނަވާއިރުވެސް މަސް ކިރޭނެ ގޮތެއް އަދި ބޯޓުތަކުގެ ފަހަތުގައި ކިޔު ދިގުވެގެން ގޮސް ކަނޑު އޮޅިތަކާ ދިމާލަށް ދޯނި ފަހަރުތައް ގިނަވެ މިހުރިހާ ކަމެއް ވީ ހިނދު އިތުރު ބޯޓު ފަހަރެއް ވެސް ނެތް، އަދި މަސް ގަންނަ ކާރުހާނާތަކުގައި ކެޕޭސިޓީ ބޮޑު ނުކޮށް ތިބި ހިނދު.." މެމްބަރު ވިދާޅުވި އެވެ.

އިބްރާހީމް ދީދީ ވެސް ތަކުރާރު ކުރެއްވީ، މި ސަރުކާރުން މަސްވެރިންނަށް ހައްގު އޫޖުރަ ގަވާއިދުން ދެމުންދާ ކަމެވެ.

ޕީއެންސީގެ މެމްބަރުން ޖުމްލަކޮށް ދެއްކެވި ވާހަކައަށް ބަލާއިރު، ހުރިހާ މެމްބަރުން ވެސް އިއްތިފާގުވާ އެއްކަމަކީ މަސްވެރިކަމުގެ ސިނާއަތް ހާލުގައި ޖެއްސީ އެމްޑީޕީގެ ސަރުކާރުތަކުގައި ކަމެވެ.

ކިޔުންތެރިންގެ ހިޔާލު