ENGLISH
11 ސެޕްޓެމްބަރު 2025
ސަރުކާރުގެ ބޭރު ފައިސާގެ ސިޔާސަތު؛ ރައްޔިތުންނާއި ވިޔަފާަރިތަކަށް ލުއިތައް ލިބެނީ، ކުރިމަގު އުޖާލާ
08 ޖުލައި 2025
|
ޑޮލަރު ލިބުމުގައި ހުރި ތާށިކަަން ހައްލުވެއްޖެ، ފޮޓޯ: އެމްއެމްޓީވީ
ބޭންކް އޮފް މޯލްޑިވްސްއިން ޑޮލަަރުން ރައްޔިތުންނަށް ފޯރުކޮށްދޭ އެކި ހިދުމަތްތައް ހިފަހައްޓަންޖެހުނު މައިގަނޑު ސަބަބަކީ 2020 ވަނަ އަހަރު ކުރިމަތިވި ކޮވިޑް-19ގެ އާލަމީ ވަބާގައި ޑޮލަރު ލިބުން ދަތިވުމެވެ. ރާއްޖޭގެ ފަތުރުވެރިކަން ހުއްޓުމަކަށް އައިސް ޑޮލަރުން ލިބުނު އާމްދަނީ ނުލިބުމެވެ. ފަތުރުވެރިކަން ތިޔާގިވެ، ޑޮލަރުން ލިބޭ އާމްދަނީ އަހަރުން އަހަރަށް އިތުރުވި ނަމަވެސް ކޮވިޑާ ގުޅުވައިގެން އަށް ބިލިއަން ރުފިޔާ ޗާަޕުކުރުމުގެ ސަބަބުން ޑޮލަރުގެ އަގު އުފުލިފައި އޮތް އޮތުމަށް ނިމުމެއް ނާދެއެވެ. ފާއިތުވި އެކި ސަރުކާރުތަކުން ނެގި ދަރަނި އަދާކުރުމުގެ ބުރަ ބޮޑުވަމުން އެކަމަށް ޑޮލަރުން ކުރަންޖެހޭ ހޭދަ އިތުރުވަމުންދިޔައިރު، ތެލާއި ކާޑާއި އެހެނިހެން އަސާސީ މުދަލާއި ހިދުމަތް ފޯރުކޮށްދިނުމަށްވެސް ޑޮލަރު ބޭނުންވެއެވެ. މިއާއެކު ބޭންކިން ނިޒާމުގެ ތެރެއިން ޑޮލަރުން ފޯރުކޮށްދެމުން އައި ހުރިހާ ހިދުމަތްތަކެއްވެސް ފޯރުކޮށްދެނީ ދައުލަތަށް ލިބޭ އާމްދަނީގެ ތެރެއިން މަރުކަޒީ ބޭންކަށް ޖަމާކުރާ ޑޮލަރު ބޭންކުތަކަށް ދީގެންނެވެ.
މިދެންނެވުނީ ޑޮލަރުގެ މައްސަލައިގެ ހުލާސާއެކެވެ. މައްސަލަ އުފެދުނު ގޮތެވެ. މައްސަަލަ ހައްލުނުވެ ދިގުލައިގެންދިޔަ ސަބަބެވެ. ޑޮލަރު ބޭންކުތަކަށް ލިބޭނެ ގާނޫނީ އިންތިޒާމެއް ރާއްޖޭގައި ތަރުތީބުވެފައި ނެތެވެ. ނަތީޖާއެއްގެ ގޮތުން ބޭންކުތަކަށް ޑޮލަރު ލިބެނީ މަރުކަޒީ ބޭންކު މެދުވެރިގެންނެވެ. މަރުކަޒީ ބޭންކުގައި ރަސްމީ ރިޒާވްގައި ހުންނަަ ފައިސާއިން ދަރަނި އަދާކުރަަމުން، ބޭންކުތަކަށް ބޭނުންވާ ބޭރު ފައިސާ ދޫކުރަމުން، ތެލާއި ކާޑާއި ބޭސް އެތެރެކުރަން ބޭނުންވާ ޑޮލަރު ދޫކުރަން ޖެހުމުން، ބޭރު ފައިސާގެ ރިޒާވްއަށް ފިއްތުން ބޮޑުވެ، ބޮޑެތި ދަރަނި އަދާކުރަންޖެހޭއިރު އެކަށީގެންވާ މިންވަރަށް ރިޒާވްގައި ފައިސާ ހުރެދާނެ ތޯ ނޫންތޯ ބޭރުގެ މާލީ އިދާރާތަކުން ސުވާލު އުފައްދައި ރާއްޖޭގެ ކްރެޑިޓް ރޭޓިން ދަށްކުރިއެވެ.
މިއީ ބޭރު ފައިސާގެ ހާލަތު އޮތް ގޮތެވެ. މި ހާލަތު ބަދަލުނުކުރެވި ދިގުލައިގެން ދިއުމުގެ ބުރައާއި ތަކުލީފު އުފުލަނީ ރައްޔިތުންނެވެ. ސަރުކާރުތައް ބަދަލުވަމުން ތަކުރާރުވަމުންދިޔައިރު، ސަރުކާރުތަކަަށް ދެމެހެއްޓެނެވި ހައްލެއް ހޯދުމަށް އެޅުނު ފިޔަވަޅެއް ފެންނަން ނެތެވެ. ނަތީޖާއަކީ މާލީ ގޮތުން ދަތި ދުވަސްތަކެއް ކުރިމަތިވުމަށްފަހު ބޭންކިން ނިޒާމަށް ޑޮލަރުގެ ތާށިކަމުން އަރައިނުގަނެވުމެވެ. މިއަދު މި ތަޖުރިބާކުރާ ދަތިކަން އެގޮތުގައި ކުރިމަތިވީ ދެމެހެއްޓެނެވި ނިޒާމެއްގެ ތެރެއިން ބޭންކުތަކަަށް ޑޮލަރު ލިބޭނެ ގޮތެއް ނެތުމުންނެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމާއެކު، މި މައްސަލަ ހައްލުކުރެވޭނެ މޮޑެލްތައް ދިރާސާކޮށް ނިޒާމީ ބަދަލުތައް ގެނެވޭނެ ގޮތްތައް ސަރުކާރާއި މަރުކަޒީ ބޭންކު ގުޅިގެން ހޯދަން ފެށިއެވެ. އެގޮތުން ބޭރު ފައިސާއާ ބެހޭ ގަވާއިދު އެކުލަވައިލާ ބޭރު ފައިސާއިން އާމްދަނީ ލިބޭ ވިޔަފާރިތަކުގެ އާމްދަނީ ބޭންކުތަކަށް ޖަމާކުރުން ލާޒިމުކުރިއެވެ. އަދި އެ ފައިސާގެ ތެރެއިން ކޮންމެވެސް މިންވަރެއް ބޭންކުތަކަށް މާރުކުރުން ލާޒިމުކުރިއެވެ.
މި ބަދަލާއެކު ބައެއް ވިޔަފާރިތަކުން ހިތްހަމަނުޖެހުން ފާޅުކުރިއެވެ. ބޭރު ފައިސާއިން ލިބޭ އާމްދަނީގެ ތެރެއިން ނާޖައިޒު މަަންފާ ހޯދަމުން އައި ވިޔަފާރިތަކަށް މިބަދަލާއެކު ލިބިދާނެ ގެއްލުން ބޮޑުކަމުންނެވެ. ނަމަވެސް ސަރުކާރުން ނިންމީ ވިޔަފާރިތަކުގެ ޝަކުވާތަކަށް ހައްލުތަކެއް ހޯދައިދިނުމާއެކު މާލީ ނިޒާމަށް ގެނައި ބަދަލަށް ގާނޫނީ ބާރުވެރިކަން ދިނުމަށެވެ. ބޭރު ފައިސާއާ ބެހޭ ގާނޫނުން ކުރިން އެކުލަވައިލި ގަވާއިދަށްވުރެ ބޭރު ފައިސާ މާރުކުރުން ފުޅާކުރިއެވެ. އަދި ވިޔަފާރިތަކުން އުފުލި ޝަކުވާއަށް ރިއާޔަތްކޮށް ބައެއް ބަދަލުތައްވެސް ގެނައެވެ.
މިއާއެކު މަޑުމަޑުން ބޭންކުތަކަށް ބޭރު ފައިސާ ލިބޭ މިންވަރު އިތުރުވާން ފެށިއެވެ. ފާއިތުވި މާޗު މަހުގެ ނިޔަލަށް 150 މިލިއަން ޑޮލަރަށްވުރެ ގިނަ ފައިސާ ވިޔަފާރިތަކުން ބޭންކުތަކަށް މާރުކުރިއެވެ. މާރުކުރާ މިންވަރު މަހުން މަހަށް އަންނަނީ އިތުރުވަމުންނެވެ. މާރުކުރާ މިންވަރު އިތުރުވުމާއެކު، ބޭންކުތަކަށް މާރުކުރާ ފައިސާގެ 90 އިންސައްތަ މަރުކަޒީ ބޭންކަށް ނެގުމަށްފަހު، ދިވެހިންނަށް ބޭރު ފައިސާގެ ހިދުމަތްތައް ދޭ ބޭންކުތަކަށް އެ ފައިސާއިން ބޮޑު މިންވަރެއް ދޫކުރަން މަރުކަޒީ ބޭންކުން ނިންމިއެވެ.
ނަތީޖާ މިހާރު މިދަނީ ފެންނަމުންނެވެ. އެންމެ ފުރަތަމަ އެ ސިޔާސަތުގެ ލުއި އިހުސާސްކުރީ ބޭރު ގައުމުތަކުގައި ކިޔަވަން ތިބި ދިވަހި ދަރިވަރުންނެވެ. އެގޮތުން ބޭރުގައި ކިޔަވާ ދަރިވަރުންނަށް ކުރިން މަހަކު 700 ޑޮލަރުގެ ލިމިޓެއް އޮތް އޮތުން ބަދަލުކޮށް އެ ލިމިޓު 1،000 ޑޮލަރަށް ބޮޑުކޮށްދިނުމަށް ބޭންކުން ނިންމިއެވެ. މިއީ ބޭރުގައި ތިބޭ ދަރިވަރުން ޔުނިވަސިޓީ ފީ ދައްކައި، ދިރިއުޅޭ ތަންތަނުގެ ކުލި އަދާކޮށް، ދުވަހުގެ ދިރިއުޅުމުގެ ޒަރޫރަތްތައް ފުއްދުމަށް ލިބުނު ވަރަށް ބޮޑު ލުޔެކެވެ.
ދެން އެ ސިޔާސަތުގެ މަންފާ ލިބުނީ އުމްރާވެރިންނާއި ހައްޖުވެރިންނަށެވެ. ފެބްރުއަރީ މަހު އުމްރާއަށް ދިޔަ އުމްރާވެރިންގެ ތެރެއިން ކޮންމެ އުމްރާވެރިއެއްގެ ޑެބިޓު ކާޑުގެ ލިމިޓު 1،500 ޑޮލަރަށް އިތުރުކޮށްދިނުމަަށް ބޭންކުން ނިންމިއެވެ. އޭގެ އިތުރަށް މި އަހަރުގެ ހައްޖު މޫސުމާ ގުޅުވައި ރައީސް ޑރ.މުޢިއްޒުގެ އެދިވަޑައިގަތުމަށް ހައްޖުވެރިންގެ ކާޑުތަކުގެ ލިމިޓު 250 ޑޮލަރުން 1،750 ޑޮލަރަށް އިތުރުކޮށްދިނުމަށް ބޭންކުން ނިންމިއެވެ. އެއީ ބޭންކުގައި އެ ގާބިލުކަން ހުރުމުންނެވެ.
ދެން އިހަކަަށް ދުވަހު ބޭންކުން އިއުލާނުކުރީ ގިނަ ބައެއްގެ ޝަކުވާއަކަށް ހައްލެއް ހޯދައިދީ ބޭންކުގެ ކަސްޓަމަރުންގެ ޑެބިޓު ކާޑުތަކުގެ ލިމިޓު ބޮޑުކުރަން ނިންމި ކަމެވެ. އެގޮތުން 250 ޑޮލަރުގައި ދެތިން އަހަރު ހިފަހެއްޓިފައި އޮތް ކާޑު ލިމިޓު މިހާރު 500 ޑޮލަރަށް ބޭންކުން އެއޮތީ ބޮޑުކޮށްދީފައެވެ. މިއީ ރާއްޖެއިން ބޭރަށް ދަތުރުކުރާ މީހުންނާއި، އެކި ކަހަލަ ޑިޖިޓަލް ހިދުމަތްތައް ހޯދަންޖެހޭ މީހުންނަށް ލިބޭ ބޮޑު ފަސޭހައެކެވެ.
އެވަރުން ނިމުނީއެއް ނޫނެވެ. ކުދި ވިޔަފާރިތަކަށް ޓީޓީ ހެދުމުގައި ބޭންކުން ދެމުން އައި ޑޮލަރުގެ އެހީތެރިކަން އިތުރުކުރުމަށްވެސް ބޭންކުން ނިންމައިފިއެވެ. ކުރިން 15 އިންސައްތައާ ހަމައަށް ދިން އެހީތެރިކަން 30 އިންސައްތައާ ހަމައަށް ފޯރުކޮށްދޭން ބޭންކުން ނިންމީއެވެ.
ބޭންކަކީ ވިޔަފާރި އުސޫލުން ހިންގާ ތަނެކެވެ. މާލީ ޒިންމާތަކާއި ދަރަނިވެސް އޮންނަ ތަނެކެވެ. އެއީ ޗެރިޓީއެއް ނޫނެވެ. ނުލިބޭ ފައިސާއިން ހިދުމަތެއް ފޯރުކޮށްދޭނަމަ ބޭންކު އޮންނާނީ މާލީ ނުރައްކަލުގެ ތެރޭގައެވެ. އެހެންކަމުން ބޭންކު އެފަދަ ނުރައްކަލަކަށް ނުވެއްޓި ދެމެހެއްޓެނެވި ގޮތެއްގައި މާލީ ހިދުމަތްތައް ދެވޭނެ އިންތިޒާމެއް ހަމަޖައްސައިދިނުމަކީ ސަރުކާރާއި މަރުކަޒީ ބޭންކުގެ ޒިންމާއެކެވެ. އެ ނިޒާމު މިހާރު އެއޮތީ ހަމަޖެހިފައެވެ. މަޑުމަަޑުން ބޭރު ފައިސާ ތިޔާގިވެ، ބޭންކުން ބޭރު ފައިސާއިން ފޯރުކޮށްދޭ ހިދުމަތްތައް އިތުރުވާ މަންޒަރު މި އަންނަނީ ފެންނަމުންނެވެ.
ބޭންކު ލިމިޓާ ގުޅިގެން ގިނަ ބަޔަކު މިހާރު އުފުލާ ޝަކުވާއަކީ ބައެއް މަންސަތަކުގައި ވިޔަފާރިކުރާއިރު ބޭންކުން ފައިސާއެއް ނަގަން ނިންމާފައި އޮތުމެވެ. މި ވިޔަފާރިތަކަށް ބޭނުންކުރާ ޑޮލަރަކީ ބޭންކުގެ ޑޮލަރެވެ. ޑޮލަރުގެ ތާށިކަން އޮތް ގައުމެއްގައި ވިޔަފާރީގެ ބޭނުމަށް އެއްވެސް އަގެއް ނުނަގައި ޑޮލަރު ދޫކުރުމަކީ ދެކޮޅުޖެހޭ ދެމެހެއްޓެނެވި ކަމެއް ނޫންކަމާއި، ބޭންކަށް ވިޔަފާރީގެ ބޭނުންތަކަށް ޑޮލަރު ދޫކުރެވޭނީ ވިޔަފާރި އުސޫލުންކަން ހަމަބުއްދިން ކަންކަމާ ވިސްނާ މީހުން ގަބޫލުކުރާނެއެވެ.
ޑޮލަރުގެ ތާށިކަން އުފަންވީ ފާއިތުވި ސަރުކާރުތަކުގެ ދޯހަޅި ސިޔާސަތުތަކުގެ ރަހިމުންނެވެ. އެ ތާށިކަން ފިލުވައިލުމަށް ބޭނުންވާ ހައްލު އުފަންވަނީ މި ސަރުކާރުގެ ސިޔާސަތުތަކުގެ ރަހިމުންނެވެ. ދުވަސްވީ މައްސަލަތައް ހައްލުވާން ވަގުތު ނަގާނެއެވެ. ނަމަވެސް ބޭންކުން ދޭ ހިދުމަތްތައް އިތުރުކޮށް ފުޅާކުރަމުންދާ ދިއުމުން، މައްސަލަ ހައްލުވަމުންދާކަން ވަރަށް ސާފުކޮށް ފެނެއެވެ. މައްސަލަ ހައްލުވެ ނިމޭއިރު، ބޭންކިން ނިޒާމުގެ ތެރެއިން ހެޔޮ އަގުގައި ފަސޭހައިން ޑޮލަރު ލިބޭނެކަން ކަށަވަރުކުރެވޭނެ، ދެމެހެއްޓެނެވި ނިޒާމެއް ވުޖޫދުގައި އޮންނާނެއެވެ. އެއީ ރައީސްގެ އިސްނެންގުވުމާއި އެމަނިކުފާނުގެ ނިންމެވުމުގެ މަތީ ސާބިތުކަންމަތީ ހުންނެވުމުގެ ނަތީޖާއެވެ.