ENGLISH

01 ޖުލައި 2025

Advertisement

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ މަސައްކަތް ނިމުމަކާ ގާތަށް

01 ޖުލައި 2025

|

ޢަލީ ޝަހީމް

ހަނިމާދޫގައި ތަރައްޤީކުރާ އިންޓަރނޭޝަނަލް އެއާޕޯޓު. އެ މަޝްރޫޢުގެ މައިގަނޑު މަސައްކަތްތަކުގެ ބޮޑުބައި ވަނީ ނިންމާފަ.

ހދ. ހަނިމާދޫގައި ތަރައްޤީކުރަމުން އަންނަ ބައިނަލްއަޤްވާމީ އެއާޕޯޓުގެ މައިގަނޑު މަސައްކަތްތައް ނިމުމަކާ ގާތްވެފައިވާކަމަށް މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗަރގެ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ.

އިންޑިއާގެ ލޯނުގެ އެހީގައި ހަދަމުން އަންނަ ހަނިމާދޫ އެއާޕޯޓު މަޝްރޫޢުގެ އެންމެ ފަހުގެ މަޢުލޫމާތު ވަޒީރު މިއަދު "އެކްސް" ގައި ކުރެއްވި ޕޯސްޓުގައި ވަނީ ހާމަކުރައްވާފައެވެ. 

ވަޒީރު ވިދާޅުވީ މުޅި މަޝްރޫޢުގެ 88.7 އިންސައްތަ މިހާރު ނިމިފައިވާކަމަށެވެ. 

މަޝްރޫޢުގެ ދަށުން ކުރަމުން އަންނަ މުހިއްމު މަސައްކަތްތަކުގެ ތެރެއިން 2.7 ކިލޯމީޓަރުގެ ރަންވޭގެ މަސައްކަތް އެއްކޮށް ނިންމާލާފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި، ފަސިންޖަރުންގެ ޓާމިނަލްގެ 83 އިންސައްތަ މަސައްކަތް ނިމިފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ. މީގެއިތުރުން، އެއާޓްރެފިކް ކޮންޓްރޯލް ޓަވަރާއި ކާގޯ އިމާރާތުގެ އިތުރުން ފިއުލް ފާމް މަސައްކަތުގެ 96 އިންސައްތަ މަސައްކަތް ނިންމާލާފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ. 

ވަޒީރު ވިދާޅުވީ އަމާޒަކީ މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ހަނިމާދޫ އިންޓަރނޭޝަނަލް އެއާޕޯޓުގެ މަސައްކަތް އެއްކޮށް ނިންމާލުން ކަމަށެވެ. 

ހަނިމާދޫ އެއާޕޯޓުގެ މަސައްކަތަކީ ސަރުކާރުން ކުރަމުން އަންނަ ތަރައްޤީގެ ބިޔަ މަޝްރޫޢުތަކުގެ ތެރެއިން އެއް މަޝްރޫއެވެ. އެ މަޝްރޫޢު ކުރިއަށް ގެންދިއުމަށް އިންޑިއާގެ ކަލްފަތަރު ޕްރޮޖެކްޓްސްއާ ހަވާލުކުރީ 2022 ވަނަ އަހަރެވެ. 

ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތް ފެށީ 2023 ވަނަ އަހަރުގެ ޖެނުއަރީ މަހު ދެ އަހަރު ތެރޭގައި ނިންމާ ގޮތަށެވެ.

އިންޑިއާގެ އެގްޒިމް ބޭންކުން ދިން 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން އެ މަޝްރޫއަށް 136 މިލިއަން ޑޮލަރު ހަރަދުކުރުމަށް ވަނީ ހަމަޖެހިފައެވެ. 


ކިޔުންތެރިންގެ ހިޔާލު