ENGLISH
01 ޖުލައި 2025
ސިންގަޕޫރުގައި ބޭއްވި ބިޒްނަސް ފޯރަމްގައި، ތިން ދާއިރާއަކުން އެއްބަސްވުންތަކުގައި ސޮއިކޮށްފި
01 ޖުލައި 2025
|
ސިންގަޕޫރުގައި މިއަދު ބޭއްވި މޯލްޑިވްސް ބިޒްނަސް ފޯރަމްގައި ރައީސް ބައިވެރިވަޑައިގަންނަވަނީ. ފޮޓޯ: ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސިންގަޕޫރަށް ކުރައްވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން، ސިންގަޕޫރުގައި މިއަދު ބޭއްވި މޯލްޑިވްސް ބިޒްނަސް ފޯރަމްގައި ތިން ދާއިރާއަކުން އެއްބަސްވުންތަކުގައި ސޮއިކޮށްފިއެވެ.
ސިންގަޕޫރުގައި މިއަދު އޮތް ބިޒްނަސް ފޯރަމްގައި ތިން އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފައެވެ. އޭގެތެރޭގައި ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ޤާނޫނުގެ ދަށުން ހިންގުމަށް ހަމަޖެހިފައިވާ ފުރަތަމަ ބިޔަ ޕްރޮޖެކްޓް ވެސް ހިމެނެއެވެ.
ރާއްޖޭގައި ފްލޯޓިން ސޯލާ ޕެނަލް ހަރުކުރުމުގެ، ސޯލާ ސިޓީ މަޝްރޫޢު ކުރިއަށްގެންދަން ސަރުކާރުން މިއަހަރުގެ ފެބްރުވަރީ މަހު ހުއްދަދިނީ ކެނެޑާގެ އަބްރަކްސަސް ކުންފުންޏަށެވެ. މިއަދު ބޭއްވި ބިޒްނަސް ފޯރަމްގައި އެ ކުންފުންޏާއެކު އެއްބަސްވުމުގައި ވަނީ ސޮއިކޮށްފައެވެ. ސަރުކާގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ޓޫރިޒަމް އެންޑް އެންވަޔަރަމަންޓް މިނިސްޓަރު ޠާރިޤު އިބްރާހީމް އެވެ. ކެނެޑާ ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޖޭމްސް ކޯލްޑާ އެޑީ އެވެ.
ސަރުކާރުގެ އަމާޒަކީ 2028 ވަނަ އަހަރު ނިމެންވާއިރަށް ރާއްޖޭގައި ބޭނުންކުރާ ހަކަތައިގެ 33 އިންސައްތަ އިޔާދަކުރަނިވި ހަކަތައަށް ބަދަލުކުރުމެވެ. އެ އަމާޒަށް ވާޞިލްވެވިއްޖެނަމަ ކޮންމެ އަހަރަކު ތެލަށްކުރާ ޚަރަދުން 42 މިލިއަން ޑޮލަރު ސަލާމަތްކުރެވޭނެކަމަށް ސަރުކާރުން އަންދާޒާކުރެއެވެ.
މަޝްރޫޢުގެ ދަށުން އިޔާދަކުރަނިވި ހަކަތައިގެ ކޮމްޕޯނެންޓަށް ކުރާ ޚަރަދު 100 މިލިއަން ޑޮލަރަށްވުރެ ބޮޑުވާނެއެވެ. ހުރިހާ މަސައްކަތަކާއެކު މުޅި މަޝްރޫޢުގެ ޖުމްލަ އަގަކީ 187 މިލިއަން ޑޮލަރެވެ.
ބިޒްނަސް ފޯރަމްގައި ވަނީ ސަރވިސް އެގްރީމެންޓް ފޯ އަ ރެސިޑެންސް ބައި އިންވެސްޓްމަންޓް ޕްރޮގްރާމް ކުރިއަށްގެންދިއުމަށް ހެންލޭ އެންޑް ޕާޓްނާސްއާއެކު އެއްބަސްވުމުގައި ސޮއިކޮށްފައެވެ. މި އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ، އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު، މުޙައްމަދު ސަޢީދެވެ. ހެންލޭ ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ ފިލިޕް އާމަރަންޓީއެވެ.
ރާއްޖޭން ވަނީ މިއަދު، ސިންގަޕޯރިއަން ކޯޕަރޭޝަނާއެކުވެސް އެއްބަސްވުމުގައި ސޮއިކޮށްފައެވެ. މިއެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރައްވާފައިވަނީ މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވަޒީރު މޫސާ ޒަމީރެވެ. ސިންގަރޕޯރިއަން ކޯޕަރޭޝަން އެންޓަރޕްރައިސްގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ އެގްޒެކެޓިވް އޮފިސަރ ޓެލިއަން ޗޫއެވެ.
ރާއްޖޭގައި ހުރި އިންވެސްޓްމެންޓް ފުރުޞަތުތަކާއި ގުޅޭ ބިޒްނަސް ފޯރަމްތައް މީގެކުރިން ވެސް އެކި ޤައުމުތަކުގައި ވަނީ ބާއްވާފައެވެ. މިއަދު ސިންގަޕޫރުގައި ކުރިއަށްގެންދިޔައީ އެފަދަ 7 ވަނަ ބިޒްނަސް ފޯރަމްއެވެ.