ENGLISH
01 ޖުލައި 2025
ތިލަމާލެ ބްރިޖުގެ ޕައިލްތައް ޖަހައި ނިންމާލައި، މުޅި މަޝްރޫޢުގެ 60 އިންސައްތަ ފުރިހަމަކޮށްފި
01 ޖުލައި 2025
|
ސަރުކާރުން ތަރައްގީކުރަމުން އަންނަ ތިލަމާލެ ބްރިޖު. މި ސަރުކާރުން އަންނަނީ ތާރީހާ އެއްގޮތަށް މަސައްކަތް ނިންމަމުން.
ސަރުކާރުން ތަރައްޤީކުރަމުން އަންނަ ތިލަމާލެ ބްރިޖުގެ އެންމެ ގޮންޖެހުން ބޮޑު މަސައްކަތް ކަމަށްވާ، ޕައިލްތައް ޖަހައި އެއްކޮށް ނިންމާލާފައިވާކަމަށާއި، އެ މަސައްކަތާއެކު ބްރިޖުގެ 60.84 އިންސައްތަ މިހާރު ނިމިފައިވާކަމަށް، މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗަރގެ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ.
ވަޒީރު މިފަދައިން ވިދާޅުވީ މާލެ، ވިލިމާލެ، ގުޅީފަޅު ގުޅުވާލާ ތިލަމާލެ ބްރިޖުގެ އަދާހަމަ ހާމަކުރެއްވުމަށް މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.
ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވީ ޕައިލިން މަސައްކަތަކީ ބްރިޖުގެ އެންމެ ގޮންޖެހުން ބޮޑު މަސައްކަތް ކަމަށެވެ. އެ މަސައްކަތުގެ ދަށުން 263 ޕައިލް ކަނޑާއި އެއްގަމުގެ 68 ތަނެއްގައި ޤާއިމުކޮށްފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ. ޕައިލިން މަސައްކަތް ފުރިހަމަކުރުމާއެކު، މުޅި މަޝްރޫޢުގެ 60.84 އިންސައްތަ ނިންމާލާފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.
ތިލަމާގެ ބްރިޖު އެޅުމުގެ މަސައްކަތް ކުރަނީ އިންޑިއާގެ އެހީގައި އެގައުމުގެ އެފްކޮންސް ކުންފުނިންނެވެ. އެ ބްރިޖަކީ 500 މިލިއަން ޑޮލަރު (7.7 ބިލިއަން ރުފިޔާ) ގެ މަޝްރޫއެކެވެ. އެއީ އިންޑިއާގެ އެގްޒިމް ބޭންކުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ދޭ 400 މިލިއަން ޑޮލަރާއި އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ގޮތުގައި ލިބޭ 100 މިލިއަން ޑޮލަރެވެ.
ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިހުގެ ވެރިކަމުގައި ބްރިޖު އެޅުމުގެ މަސައްކަތް ޙަވާލުކުރީ 2021 ސެޕްޓެމްބަރ 16 ވަނަ ދުވަހެވެ. އެ ވެރިކަން ނިމުނުއިރު ބްރިޖުގެ އެއްވެސް މަސައްކަތެއް ފެނުން މައްޗަށް އަރާފައެއްނުވެއެވެ.
މި ސަރުކާރު ވެރިކަމާ ޙަވާލުވިއިރު ބްރިޖުގެ ނިމިފައި އޮތީ 29 އިންސައްތައެވެ. އަދި، އިބްރާހީމް މުޙައްމަދު ޞާލިހުގެ ވެރިކަން ނިމުމުގެ އެއްދުވަސް ކުރިން ބްރިޖުގެ އެއްބަސްވުން އިތުރު ތިން އަހަރަށް ދަންމާލައި އެފްކޮންސްއަށް ފުރުސަތު ދިނެވެ.
ތިލަމާލެ ބްރިޖުގެ އެންމެ އުސް ޕްރީކާސްޓް އަޅައި ސަރުކާރުން ނިންމާލީ މިއަހަރުގެ އޭޕްރީލް 3 ވަނަ ދުވަހެވެ. އެދުވަހު އިންޑިއާގެ ހައިކޮމިޝަނުން ކުރި ޕޯސްޓުގައި ބުނީ، އެ ޕްރީކާސްޓް ނެވިގޭޝަން ސްޕޭން ސެގްމެންޓަކީ މިހާތަނަށް ދުނިޔޭގައިވެސް ޤާއިމުކުރި އެންމެ އުސް ޕްރީކާސްޓް ކަމަށެވެ.
ކުރީ ސަރުކާރުގައި ތާވަލުން ކަހާލި ތިލަމާލެ ބްރިޖުގެ މަސައްކަތް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އަންނަނީ ޝެޑިއުލާ އެއްގޮތަށް ނިންމަމުންނެވެ. ސަރުކާރުގެ އަމާޒަކީ 2026 ވަނަ އަހަރުގެ ފަހުކޮޅަށް ބްރިޖުގެ މަސައްކަތް އެއްކޮށް ނިންމާލުމެވެ.