ENGLISH
30 ޖޫން 2025
1400އަށް ވުރެ ގިނަ ދަރިވަރުން ދަނީ ޤުރުއާން ހިތުން ދަސްކުރަމުން
30 ޖޫން 2025
|
ޙާފިޒު ކަމުގެ ސަނަދު ހާސިލުކުރި މީހަކަށް ރައީސް ތާޖު ދެއްވަނީ
މިވަގުތު 1400 އަށް ވުރެ ގިނަ ދަރިވަރުން ޤުރުއާން ހިތުން ދަސްކުރަމުންދާ ކަމަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާ އިން ބުނެފި އެވެ.
އެ ވުޒާރާގެ ވަޒީރު, ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވަނީ މިވަގުތާއި ހަމައަށް ޤުރުއާން ހިތުން ދަސްކުރަމުންދާ ކުދީންގެ ތަފާސް ހިސާބުތައް ޢާންމު ކުރައްވާފަ އެވެ. އެ ގޮތުން މިހާތަނަށް 1434 ކުދީން ދަނީ ޤުރުއާން ހިތުން ދަސް ކުރަމުންނެވެ.
އޭގެ ތެރޭގައި ހިމެނެނީ 783 އަންހެން ކުދީންނާއި 651 ފިރިހެން ކުދީންނެވެ.
އެންމެ ގިނަ ދަރިވަރުން ޤުރުއާން ހިތުން ދަސް ކުރަމުން ދަނީ ކީރިތި ޤުރުޢާނާބެހޭ މަރުކަޒުގަ އެވެ. މާލޭގައި ހިންގާ އެ މަރުކަޒުގެ ސެންޓަރުގައި 424 ކުއްޖަކު ދަނީ ޤުރުއާން ހިތުން ދަސްކުރަމުންނެވެ. މީގެ އިތުރުން ކީރިތި ޤުރުޢާނާބެހޭ މަރުކަޒުގެ ހުޅުމާލެ ގޮފީގައި 155 ދަރިވަރުން އަދި ވިލިމާލެ ގޮފީގައި 45 ދަރިވަރުން ޤުރުއާން ހިތުން ދަސްކުރަމުންދާއިރު ފުވައްމުލަކު ގޮފީގައި 67 ދަރިވަރުން, އަލިފުށީ ގޮފީގައި 34 ދަރިވަރުން, ގއ. ދާންދޫގައި ހިންގާ ގޮފީގައި 42 ދަރިވަަރުން އަދި ރ. ކިނަޅޮހުގައި ހިންގާ ގޮފީގައި 80 ދަރިވަރުން ދަނީ ޤުރުއާން ހިތު ދަސް ކުރަމުންނެވެ.
ޙާފިޒުން އުފެއްދުމަށް ސަރުކާރުން ދަނީ ވަރަށް ބޮޑު އިސްކަމެއް ދެއްވައިގެން މަސައްކަތް ކުރައްވަމުންނެވެ. ނަތީޖާއެއްގެ ގޮތުން މި އަހަރު 24 ފަރާތަކުން ވަނީ ކީރިތި ޤުރުއާން ހިތުންދަސްކޮށް ޙާފިޒު ކަމުގެ ސަނަދު ހާސިލު ކުރައްވާފަ އެވެ. މިއީ އަހަރެއް ތެރޭ އެންމެ ގިނަ ބަޔަކު ޙާފިޒު ކަމުގެ ސަނަދު ހާސިލުކުރި އަހަރެވެ.
މީގެ އިތުރުން ޙާފިޒުން ދަސްވެނިވުމަށް ޚާއްސަ ރަސްމިއްޔާތެއް މި އަހަރުން ފެށިގެން ބާއްވަން ވަނީ ނިންމާފަ އެވެ. މި އަހަރުގެ ރަސްމިއްޔާތު ބޭއްވީ ރަމަޟާން މަހުގެ 27 ވިލޭރެ އެވެ.
އަދި ޙާފިޒުން ދަސްވެނިވާއިރު ލާނެ ޚާއްސަ ތާކިހަލާއި ގައުނެއް ވަނީ ފަރުމާކޮށްފަ އެވެ.
ސަރުކާރުގެ އަމާޒަކީ އަހަރަކު 100 ޙާފިޒުން އުފެއްދޭ މިންވަރަށް އެ މަސައްކަތް ފުޅާ ކުރެއްވުމެވެ. އަދި ފަސް އަހަރު ތެރޭ ހާފިޒުކަމުގެ ސަނަދު ހާސިލްކުރާ ކުދީންގެ އަދަދު 1000 އަށް އެރުވުމަކީ ވެސް އިސްލާމިކް މިނިސްޓްރީގެ އަމާޒެކެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންފައިވާ ވަޢުދުފުޅާ އެއްގޮތަށް ޙާފިޒުންގެ އެލަވަންސް އަންނަ މަހުން ފެށިގެން ދެ ގުނަ ބޮޑުކުރަން ވެސް މިހާރު އޮތީ ނިންމާފަ އެވެ.