ENGLISH

30 ޖޫން 2025

Advertisement

ސިންގަޕޫރުގެ ރައީސް އަދި ބޮޑުވަޒީރާ ރައީސް ބައްދަލުކުރައްވައިފި

30 ޖޫން 2025

|

އިސްމާއީލް ރާތިއު

ރައީސް، ސިންގަޕޫރުގެ ބޮޑުވަޒީރާއި ބައްދަލުކުރެއްވުމުގެ ތެރެއިން-- ފޮޓޯ: ރައީސްގެ އެކްސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު، ސިންގަޕޫރަށް މިހާރު ކުރައްވަމުން ގެންދަވާ ފުރަނާމަ ދަތުރުފުޅުގެ ތެރެއިން، އެ ޤައުމުގެ ރައީސް އަދި ބޮޑުވަޒީރާއި ބައްދަލުކުރައްވައިފިއެވެ. 

ރައީސްގެ ރަސްމީ އެކްސް އެކައުންޓުން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ސިންގަޕޫރުގެ ރައީސް އިޒް އެކްސެލެންސީ ތަރްމަން ޝަންމުގަރަތްނަމް އަދި ބޮޑުވަޒީރު ހިޒް އެކްސެލަންސީ ލޮރެންސް ވޮންގް އާއި ބައްދަލުކުރައްވާ، ދެ ޤައުމުގެ ދެމެދުގައި ގާއިމްކޮށްފައިވާ ގުުޅުންތައް އިތުރަށް ބަދަހިކޮށް، އާ ދައިރާތަކުން ގުޅުން އުފެއްދުމާ ގުޅޭގޮތުން މަޝްވަރާ ކުރެވުނު ކަމަށެވެ. 

މީގެ އިތުރަށް، ދެ ޤައުމުގެ މެދުގައި ތަފާތު ގިނަ ދާއިރާތަކަކުން މުހިންމު އެމްއޯޔޫތަކެއްގައި ސޮއިކުރެވުނުކަން ފާހަގަކުރައްވާ، ރައީސް ވިދާޅުވީ މި އެމްއޯޔޫތަކުގެ ސަބަބުން ސްޓަޑީ ވިޒިޓްތަކާއި، ހަޔަރ އެޑިއުކޭޝަންގެ ފުރުސަތުތަކާއި ވޮކޭޝަނަލް ޓްރެއިނިންގެ އިތުރުން އެންވަޔަރަމެންޓް ސަސްޓެއިނަބިލިޓީގެ ތެރެއިން ދެ ޤައުމުގެ ޓެކްނިކަލް ކެޕޭސިޓީ ބިލްޑިންގ އިތުރުވެގެންދާނެ ކަމަށެވެ. އަދި މި އެމްއޯޔޫތަކުގެ ސަބަބުން ދެ ޤައުމުގެ މެދުގައި އޮތް އެކުވެރިކަން އިތުރަށް ހަރުދަނާވެ، ދެ ޤައުމުގެ ރައްޔިތުންނަށް ވެސް ފައިދާވާނެ ކަމަށް، ރައީސް ވިދާޅުވިއެވެ.

ރައީސްގެ މި ދަތުރުފުޅު ކުރިއަށްދާނީ މިހިނގާ ޖޫން މަހުގެ 29 އިން އަންނަ ޖުލައި މަހުގެ 2 ވަނަ ދުވަހުގެ ނިޔަލަށެވެ. މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ސިންގަޕޫރު ސަރުކާރުގެ އިސްވެރިންނާ ބައްދަލުކުރައްވައި، ވިޔަފާރި އާއި، ބިނާވެށި ޕްލޭންކުރުމާއި، ޤާބިލުކަން އިތުރުކުރުމާއި، ފަންނީ ހުނަރު ބަދަލުކުރުމާއި، ދޭދޭ ގުޅުންތައް ހަރުދަނާކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާނެއެވެ. އަދި  ދެ ޤައުމުގެ މެދުގައި އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމަށް، ފަހުމުނާމާތަކުގައި ސޮއިކުރައްވާނެއެވެ.

މީގެ އިތުރަށް، ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި ބިޒްނަސް ފޯރަމެއްގައިވެސް ބައިވެރިވެވަޑައިގަތުމުގެ އިތުރުން، އެ ޤައުމުގައި ދިރިއުޅޭ ދިވެހި ރައްޔިތުންނާ ބައްދަލުކުރައްވާގޮތަށް ވެސް ހަމަޖެހިފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު