ENGLISH
30 ޖޫން 2025
ބިދޭސީންގެ ޞިއްޙަތާ ބެހޭ ސިޔާސަތު ރަސްމީކޮށް އިފްތިތާޙުކޮށްފި
30 ޖޫން 2025
|
ދިވެހި ރާއްޖޭގައި ދިރިއުޅޭ ބިދޭސީންގެ ޞިއްޙީ ދުޅަހެޔޮކަން ކަށަވަރުކުރުމަށްޓަކައި އެކުލަވާލި ބިދޭސީންގެ ޞިއްޙަތާ ބެހޭ ޤައުމީ ސިޔާސަތު، ޞިއްޙަތާ ބެހޭ ވަޒީރު، ޢަބްދުﷲ ނާޡިމް އިފްތިތާޙުކޮށްދެއްވައިފި އެވެ.
"ނޭޝަނަލް މައިގްރެންޓް ހެލްތު ޕޮލިސީ" ނުވަތަ ބިދޭސީންގެ ޞިއްޙަތާ ބެހޭ ޤައުމީ ސިޔާސަތަކީ، ދިވެހިރާއްޖޭގައި ދިރިއުޅެމުންދާ ބިދޭސީންގެ ޞިއްޙީ ދުޅަހެޔޮކަން ކަށަވަރުކޮށް، އެމީހުންނަށް ޞިއްޙީ ޚިދުމަތްތައް ހަމަހަމަކަމާއެކު ލިބިދިނުމުގެ ފުރުސަތު ފަހިކުރުމަށްޓަކައި އެކުލަވާލާފައިވާ ސިޔާސަތެކެވެ. މި ސިޔާސަތު އިފްތިތާޙުކޮށްފައި ވަނީ މީރުމާގެ ކާނިމާ މާލަމުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.
މި ސިޔާސަތު އިފްތިތާޙުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ހެލްތު ޕްރޮޓެކްޝަން އޭޖެންސީގެ ޑިރެކްޓަރ ޖެނެރަލް މައިމޫނާ އަބޫބަކުރު ވިދާޅުވީ، ބިދޭސީންގެ ޞިއްޙަތާ ގުޅޭ ޤައުމީ ސިޔާސަތު ބިނާވެފައިވަނީ ދިރާސާތަކާއި، ބައިނަލްއަޤްވާމީ ފަރާތްތަކާ އެކު ބޭއްވި ބައްދަލުވުންތަކުގެ އިތުރުން، ޤައުމީ ފެންވަރުގައި ޞިއްޙީ ދާއިރާއިން އިސްކަންދޭ ކަންތައްތަކުގެ މައްޗަށް ކަމަށެވެ.
"މި ސިޔާސަތު ތަންފީޒުކުރުމަށްޓަކައި، ޞިއްޙީ އިދާރާތައް، ލޭބަރ މެނޭޖްމަންޓް، އިމިގްރޭޝަން އަދި އެހެނިހެން އިދާރާތަކުގެ މެދުގައި ދެމެހެއްޓެނިވި އެއްބާރުލުން ބޭނުންވާނެ. މީގެ ތެރޭގައި އަޅުގަނޑުމެންގެ ޞިއްޙީ ނިޒާމު ހަރުދަނާކުރުމާއި، ޤާބިލުކަން އިތުރުކުރުމާއި، އަދި އަޅުގަނޑުމެންގެ ޞިއްޙީ ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކަށް ސަޤާފީ ގޮތުން އެކަށީގެންވާ ފަރުވާ ދިނުމުގެ ޤާބިލުކަން ލިބިދިނުން ހިމެނޭ،" މައިމޫނާ ވިދާޅުވިއެވެ.
ބިދޭސީންގެ ޞިއްޙަތާ ގުޅޭ ސިޔާސަތު އިފްތިތާޙްކުރެވިގެންދިއުމަކީ ރާއްޖޭގެ ޞިއްޙީ ނިޒާމު ހަރުދަނާކުރުމަށް ދިވެހި ސަރުކާރުން ކުރަމުންދާ މަސައްކަތް ވަރަށް ރަނގަޅަށް ހާމަކޮށްދޭ ކަމެއްކަމަށް، އިންޓަރނޭޝަނަލް އޯގަނައިޒޭޝަން ފޯރ މައިގްރޭޝަން އޭޝިއާގެ ރީޖަނަލް ޑައިރެކްޓަރ ކޭޓޯ ލޮރީ މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ފާހަގަކުރެއްވިއެވެ.
ބިދޭސީންގެ ޞިއްޙަތާ ގުޅޭ ޤައުމީ ސިޔާސަތު އަމާޒުކުރެވިފައި ވަނީ މައިގަނޑު 5 ދާއިރާއަކަށެވެ. އެއީ:
• މުޅި ސަރުކާރާއި މުޅި މުޖުތަމަޢުގެ ނަޒަރިއްޔާތުތައް ބަދަލުކުރުން
• ބިދޭސީންނަށް ފެންވަރު ރަނގަޅު ޞިއްޙީ ޚިދުމަތްތައް ލިބިދިނުން
• ސައްޙަ މަޢުލޫމާތު އެއްކުރުމާއި ބޭނުންކުރުން
• ނާޒުކުކަން ކުޑަކުރުން
• ނިޒާމުތައް ޤާއިމުކުރުން
ބިދޭސީންގެ ޞިއްޙަތާބެހޭ ޤައުމީ ސިޔާސަތު ތަންފީޒުކުރެވިގެންދިއުމާ އެކު، ބިދޭސީންގެ އަސާސީ ޞިއްޙީ ޙައްޤުތައް ފުރިހަމައަށް ޙިމާޔަތްކޮށް ކަށަވަރު ކުރެވިގެންދާނެ ކަމަށާއި، އެއްވެސް ތަފާތުކުރުމެއް ނެތި ހުރިހާ އެންމެނަށް ވެސް ޚިދުމަތް ދެވިގެންދާނެ ކަމަށް ޞިއްޙީ ވުޒާރާއިން ބުންޏެވެ.