ENGLISH
30 ޖޫން 2025
ރައީސްގެ ދެކަނބަލުންގެ ނަންފުޅުގައި، ސިންގަޕޫރުގެ އޯކިޑް ގަހަކަށް ނަންދީފި
30 ޖޫން 2025
|
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން، އޯކިޑް މާގަހަކަށް ނަންދިނުމުގެ ޚާއްސަ ރަސްމިއްޔާތައް ވަޑައިގަތުން. ފޮޓޯ: ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އާއި އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދުގެ ނަންފުޅަށް ނިސްބަތްކޮށް، ސިންގަޕޫރުގެ ނޭޝަނަލް އޯކިޑް ގާޑަންގައި އޯކިޑް ހައިބްރިޑަކަށް ނަންދީފިއެވެ.
މި އާ އޯކިޑް ބެހެއްޓުމަށް ހަމަޖެހިފައި ވަނީ "ވީ.އައި.ޕީ އޯކިޑްސް" ކަލެކްޝަންގައެވެ.
ސިންގަޕޫރުގެ ބޮޓެނިކް ގާޑަންސްއަށް ރައީސްގެ ދެކަނބަލުން ޒިޔާރަތްކުރެއްވީ މިއަދު ހެނދުނެވެ. ބޮޓެނިކް ގާޑަންސްއަށް ޒިޔާރަތްކުރެއްވުމުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދެކަނބަލުންނަށް ނިސްބަތްކޮށް، އޯކިޑް ގަހަކަށް ވަނީ ނަން ދީފައެވެ. އަދި، އޯކިޑް ގަހަށް ނަން ދެއްވިކަމުގެ ލިޔުން ނޭޝަނަލް އޯކިޑް ގާޑަންގެ އެގްޒެކެޓިވް ޑިރެކްޓަރު ޑރ. ޓެން ޕުޔޭ ވަނީ ރައީސްގެ ދެކަނބަލުންނަށް ޙަވާލުކޮށްދެއްވާފައެވެ.
އެކި ޤައުމުތަކުގެ ރައީސުންނާއި ފަސްޓް ލޭޑީން ސިންގަޕޫރަށް ރަސްމީ ދަތުރުފުޅުތަކުގައި ވަޑައިގެންނެވުމުން، އޯކިޑް ގަހަކަށް ނިސްބަތްކޮށް ނަން ދިނުމަކީ ޝަރަފްއެރުވުމުގެ ގޮތުން އެޤައުމުން ކުރާ ކަމެކެވެ. ސިންގަޕޫރަށް ދަތުރުފުޅު ކުރައްވާ ޤައުމުތަކުގެ ވެރިންނަށް އިޙްތިރާމް އަދާކުރުމުގެ ގޮތުން އެބޭފުޅުންގެ ނަންފުޅަށް ނިސްބަތްކޮށް މިގޮތަށް ނަން ދިނުމަކީ ބައިނަލްއަޤްވާމީ ގުޅުން ބަދަހިކުރުމުގެ ރަމްޒެއްގެ ގޮތުގައި ކުރައްވާ ކަމެކެވެ.
ނޭޝަނަލް ގާޑަންއަށް ކުރެއްވި ޒިޔާރަތުގައި ރައީސްގެ ދެކަނބަލުން ވަނީ މެހެމާނުން ސޮއިކުރައްވާ ފޮތުގައި ސޮއިކުރައްވާފައެވެ. މި ޒިޔާރަތުގައި ގާޑަންގެ ތާރީޚީ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނާ ހިއްސާކުރައްވައި ގާޑަންގެ އެކިތަންތަން ވަނީ ދައްކަވާލައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދެކަނބަލުން، ސިންގަޕޫރަށް ކުރައްވާ ފުރަމާނަ ދަތުރުފުޅުގައި އެގައުމަށް ވަޑައިގެންނެވީ އިއްޔެއެވެ.
ސިންގަޕޫރަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ކުރައްވާ ދަތުރުފުޅުގައި، ސިންގަޕޫރު ސަރުކާރުގެ އިސްވެރިންނާ ބައްދަލުކުރައްވައި، މިހާރަށްވުރެ ގުޅުން ބަދަހިކުރެވިދާނެ އެކި ދާއިރާތަކުން މަޝްވަރާކުރައްވާނެއެވެ. މިގޮތުން ވިޔަފާރި އާއި، ބިނާވެށި ޕްލޭންކުރުމާއި، ޤާބިލުކަން އިތުރުކުރުމާއި، ފަންނީ ހުނަރު ބަދަލުކުރުމާއި، ދޭދޭ ގުޅުންތައް ހަރުދަނާކުރުމާ ގުޅޭގޮތުން އެ މަނިކުފާނު މަޝްވަރާ ކުރައްވާނެއެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި، ދެ ޤައުމުގެ ދެމެދުގައި އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމަށް، ފަހުމުނާމާތަކުގައި ސޮއިކުރައްވާނެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި ބިޒްނަސް ފޯރަމެއްގައިވެސް ބައިވެރިވެވަޑައިގަންނަވާނެއެވެ. މީގެއިތުރުން، އެމަނިކުފާނުގެ މިދަތުރުފުޅުގައި ސިންގަޕޫރުގައި ދިރިއުޅޭ ދިވެހިންނާވެސް ބައްދަލުކުރައްވާނެއެވެ.
މި އަހަރަކީ ދިވެހިރާއްޖެ އާއި ސިންގަޕޫރާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރިތާ 50 އަހަރު ފުރޭ އަހަރެވެ. ދިވެހިރާއްޖެ އާއި ސިންގަޕޫރާ ދެމެދު ސިޔާސީ ގުޅުން ގާއިމުކޮށްފައިވަނީ 1975 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 20 ވަނަ ދުވަހުއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރައްވާ ރަސްމީ ދަތުރުފުޅު ކުރިއަށްދާނީ ޖޫން މަހުގެ 29 އިން އަންނަ ޖުލައި މަހުގެ 2 ވަނަ ދުވަހުގެ ނިޔަލަށެވެ.