ENGLISH
30 ޖޫން 2025
ހަލާލު ޓޫރިޒަމް؛ ދިވެހި ފަތުރުވެރިކަން އައު އުސްމިންތަކަކަށް ގެންގޮސްދޭނެ
30 ޖޫން 2025
|
ރާއްޖޭގެ ރިސޯޓެއް
ދިވެހި އިގުތިސާދުގެ ވިލުންތެރިކަން އިތުރުކުރުމަށް މުޅި އިގުތިސާދު ސިންދަފާތުކުރުމުގެ މުހިއްމުކަން ނޭނގޭ މީހަކު ނެތެވެ. އިގުތިސާދު ސިންދަފާތުކުރުމަށްޓަކައި ރާއްޖޭގެ އެންމެ ބޮޑު ސިނާއަތް ކަމުގައިވާ ފަތުރުވެރިކަން ސިންދަފާތުކުރުމަކީ ބޭނުންތެރިކަމެއް ކަމުގައި މާހިރުން ދެކެވަޑައިގަންނަވައެވެ. ފަތުރުވެރިކަން ސިންދަފާތުކުރުމަކީ، ރާއްޖެއިން ފަތުރުވެރިންނަށް ތަޖުރިބާކުރަން ލިބޭ ކަންކަން އިތުރުކުރުމެވެ.
ރާއްޖޭގެ އިގުތިސާދުގެ ވިލުންތެރިކަން އިތުރުކުރުމަށް ދިވެހި ފަތުރުވެރިކަން ސިންދަފާތުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ތަސައްވުރުގައި ހިމެނޭ މުހިއްމު އެއް ސިޔާސަތެވެ. އެކަމަށްޓަކައި ދިވެހި ފަތުރުވެރިކަމުގެ ތެރޭގައި އެކި ބާވަތްތަކުގެ ތަޖުރިބާތަކާއި ހިދުމަތްތައް ޝާމިލުކުރެެވޭނެހެން ދިވެހި ފަތުރުވެރިކަން ފުޅާކުރެއްވުމަކީ އެމަނިކުފާނުގެ ވިސްނުންފުޅެކެވެ. ހަލާލު ޓޫރިޒަމް ތައާރަފުކުރެއްވުމަށް އިިންވެސްޓަރުންނަށް ބޮޑެތި ލުއިތަކެއް ލިބޭނެހެން ސަރަހައްދުތަކެއް ކަނޑައެޅުއްވުމަކީ މިދެންނެވި ތަސައްވުރުގެ ބައެކެވެ.
ކްރެސެންޓް ރޭޓިންއިން ބުނެފައިވާ ގޮތުން ހަލާލު ޓޫރިޒަމަކީ މުސްލިމުންްގެ ބޭނުންތަަކަށް، އަދި ދީނީ ގޮތުން މުސްލިމުން ހިފަހައްޓަން ބޭނުންވާ އަހުލާގީ އިޖުތިމާއީ މިންގަނޑުތަކަށް ރިއާޔަތްކުރެވިގެން، ބައްޓަންކުރެވިފައިވާ ފެސިލިޓީތައް މެދުވެރިކޮށް ފަތުރުވެރިންނަށް ހިދުމަތް ފޯރުކޮށްދިނުމެވެ.
ހަލާލު ކާބޯތަކެއްޗާއި، ނަމާދުުކުރެވޭނެ ޖާގަތަަކާއި، ފާހާނާގައި ފެން ހުރުމާއި، އަންހެނުންނާއި ފިރިހެނުންނަށް ވަކިން މުނިފޫހިފިލުވުމާއި ކުޅިވަރު ކުޅުމާއި އެނޫންވެސް ކަންކަމުގައި ބައިވެރިވެއުޅެވޭނެ ވަސީލަތްތައް ގާއިމުކުރެވިފައި ހުރުމާއި، ޖުވާއާއި މަސްތުވުން ފަދަ ހަރާމް ކަންކަން ނުހިމެނޭ ތަޖުރިބާތަކެއް ޝާަމިލުވާ ގޮތަށް ބައްޓަންކުރެވިފައިވާ ފަތުރުވެރިކަމަކީ "ހަލާލު ޓޫރިޒަަމް"އެވެ.
ކްރެސެންޓް ރޭޓިންސްއިން 2024 ވނަ އަހަރު އަންދާޒާކުރި ގޮތުގައި ހަލާލު ޓޫރިޒަމަކީ ހަލުއިކޮށް ފުޅާވަމުން ބޮޑުވަމުން އަންނަ ދާއިރާއެކެވެ. 2023 ވަނަ އަހަރު 256.5 ބިލިއަން ޑޮލަރުގެ ސިނާއަތެއްގެ ގޮތުގައި އޮތް ހަލާލު ޓޫރިޒަމްގެ ސިނާއަތް 2032 ގައި 410.9 ބިލިއަން ޑޮލަރުގެ ސިނާއަތަކަށް ފުޅާވާނެ ކަމުގައި އެ އެޖެންސީން ގަބޫލުކުރެއެވެ.
ހަލާލު ޓޫރިޒަމް ބާޒާރަކީ ކުރިއަރާނެ އަދި އެއިން މަންފާ ހާސިލުކުރެވޭނެ ބާޒާރެއްކަން ފަތުރުވެރިކަމުގައި ރާއްޖެއާ ވާދަކުރާ ގައުމުތަކަށްވެސް އަންނަނީ ރޭކާލަމުންނެވެ. އަދި އެގައުމުތަކުން އަންނަނީ މި ބާޒާރުން ނެގެން އޮތް އެންމެ ބޮޑު މަންފާއެއް ނެގުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް މަޑުމަޑުން ކުރަން ތައްޔާރުވަމުންނެވެ.
ފާއިތުވި އަހަރު ތައިލޭންޑުންވަނީ ހަލާލް ޓޫރިޒަމް ތަރައްގީކޮށް ފުޅާކުރުމަށް ހާއްސަ ސްޓްރެޓެޖިކް އެކްޝަން ޕްލޭނެއް އެކުލަވައިލާފައެވެ. ތަައިލެންޑުގެ އުންމީދަކީ އެ ގައުމުގެ ފަތުރުވެރިކަން އައު މަރުހަލާއަކަށް ގެންދިއުމުގައި ހަލާލު ފަތުރުވެރިކަމުގެ ބޭނުން ހިފުމެވެ.
ތައިލެންޑުގެ އިތުރަށް ހޮންކޮންގުގައިވެސް ހަލާލު ޓޫރިޒަމްގެ މުހިއްމުކަމާއި އެއިން ހާސިލުކުރެވިދާނެ މަންފާގެ ބޮޑުކަން ވިސްނިގެން ބައެއް ބަދަލުތައް ގެނައުމުގެ މަސައްކަތް އޮތީ ފެށިފައެވެ. އެގޮތުން މުސްލިމު ދަތުރުވެރިންގެ ތަޖުރިބާގެ ފެންވަރު މަތިކުރުމަށް މުސްލިމުންނަށް ކަމުދާނެ ގޮތަށް ފަތުރުވެރިންނަށް ހިދުމަތްދޭ ތަންތަން ބައްޓަންކުރުމުގެ ޕްރޮގުރާމެއް އެ ސިޓީން ފާއިތުވި އަހަރުގެ ނޮވެންބަރު މަހުގައި ތައާރަފުކޮށްފައިވެއެވެ.
ހަލާލު ޓޫރިޒަމަށް އިސްކަންދީ، މުސްލިމު ފަތުރުވެރިންނަށް ކަމުދާނެ ގޮތަށް ހިދުމަތްތައް ބައްޓަންކުރުމުގައި އެންމެ މަތީ ފަންތީގައި ގުނައިލެވޭ ގައުމުތަކުގެ ތެރޭގައި ކްރެސެންޓް ރޭޓިންސްއިން ހިމަނާފައިވާ ފިލިޕީންސްގެ ޓޫރިޒަމް ސެކްރެޓަރީ ކްރިސްޓީނާ ފްރެސްކޯ ވިދާޅުވެފައިވަނީ އެ ގައުމުގެ ފަތުރުވެރިކަމުގެ ސިނާއަތް ސިންދަފާތުކޮށް ވަރުގަދަކުރުމުގައި ހަލާލު ޓޫރިޒަމަށް އަދާކުރެވިދާނެ ދައުރުގެ މުހިއްމުކަން އެނގިވަޑައިގަންނަވާ ކަމަށެވެ.
ހަލާލު ޓޫރިޒަމް އަމާޒުކުރަނީ މެދުއިރުމަތީގެ ފަތުރުވެރިންނަށް އެކަނިކަމަށް ހީވާނަމަ އެއީ ގޯހެކެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ މުސްލިމުންގެ އާބާދީ އަންނަނީ އިތުރުވަމުންނެވެ. ދުނިޔޭގެ މުސްލިމު އާބާދީއަކީ ޒުވާން އާބާދީއެކެވެ. އެ އާބާދީގެ ތަނަވަސްކަން އަަހަރަކަށްވުރެ އަހަރެއް އިތުރުވެ، ޑިސްޕޯޒަބަލް އިންކަމް ނުވަތަ އަަސާސީ ކަންކަން ހަރަދުކުރުމަށްފަހު އިތުރު ހޭދަތަކަށް ބޭނުންކުރަން އޮންނަ އާމްދަނީ ދަނީ އިތުރުވަމުންނެވެ.
އެންމެ ގިނައިން ދަތުރުކުރާ އުމުރުފުރާތައް ކަމުގައިވާ 21 އަހަރާއި 31 އަހަރާ ދެމެދުގެ އުމުރުފުރައާއި 31 އަހަރާއި 41 އަހަރާ ދެމެދުގެ އުމުރުފުރާގެ މުސްލިމުންގެ އަދަދު ކުރިއަށް އޮތް އަހަރުތަކުގައި ވަރަށް ބޮޑަށް އިތުރުވާނެ ކަމުގައި ކްރެސެންޓް ރޭޓިންސްގެ ރިޕޯޓުތަކުގައި އަންދާޒާކުރެއެވެ.
އަދި މުސްލިމުންގެ އާބާދީ ބޮޑު ގައުމުތައް ކަމުގައިވާ ބަންގުލަދޭޝް، އިންޑިޔާ، އިންޑޮނޭޝިޔާ ފަދަ ގައުމުތަކުގެ މެދު ފަންތި ފުޅާވަމުންދާއިރު އެ ގައުމުތަކުގެ މުސްލިމުން ދަތުރުކުރާ މިންވަރުވެސް އިތުރުވާނެ ކަމުގައި އެ ރިޕޯޓުގައި ފާހަގަކުރިއެވެ.
މިކަންކަމަށް ރިއާޔަތްކުރާއިރު ފަތުރުވެރިކަން ސިންދަފާތުކުރުމުގެ މަސައްކަތް ފަށައިގަތުމަށް ހަލާލު ޓޫރިޒަމަކީ އެކަށޭނެ މުނާސަބު "ޕްރޮޑަކްޓެ"ކެވެ. ރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމު ގައުމަކަަށްވުމަކީ މި ހިދުމަތް ރާއްޖޭގައި ފުޅާކުރެވޭނެ އެއް ސަބަބެވެ. ހަލާލު ޓޫރިޒަމް މާކެޓަށް ބޭނުންވާ ހިދުމަތްތައް އަޅުގަނޑުމެންނަށް އެނގެއެވެ. އެ ހިދުމަތްތައް ފޯރުކޮށްދޭންވެސް އަޅުގަނޑުމެންނަށް ފަސޭހަވާނެއެވެ. އެހެންކަމުން ސިންދަފާތު ޓޫރިޒަމް ސިނާއަތެއް ބިނާކުރުމުގެ ދަތުރުގެ ފުރަތަމަަ މަގުފާހަގައަކަށް ހަލާލު ޓޫރިޒަމް ހެއްދެވުމަށް ރައީސް ނިންމެވި ނިންމެވުމަކީ ބައިނަލްއަގުވާމީ ފަތުރުވެރިކަމުގެ ޓްރެންޑުތަކާއި އޮއިވަރަށް ބައްލަވާފައި ނިންމެވި، ހަރުދަނާ ނިންމެވުމެކެވެ.