ENGLISH

30 ޖޫން 2025

Advertisement

ރައީސްގެ ދެކަނބަލުން ސިންގަޕޫރަށް ވަޑައިގެންފި

29 ޖޫން 2025

|

އަޙުމަދު ޙަމީދު

ރައީސް މުޢިއްްޒުގެ ދެކަނބަލުން ސިންގަޕޫރަށް ވަޑައިގަތުން -- ފޮޓޯ: ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު، ސިންގަޕޫރަށް ކުރައްވާ ފުރަމާނަ ދަތުރުފުޅެއްގައި އެ ޤައުމަށް ވަޑައިގެންފި އެވެ.

މި ދަތުރުފުޅު ކުރިއަށްދާނީ މިހިނގާ ޖޫން މަހުގެ 29 އިން އަންނަ ޖުލައި މަހުގެ 2 ވަނަ ދުވަހުގެ ނިޔަލަށެވެ.

ރައީސްގެ ދެކަނބަލުންނަށް އެ ޤައުމުން މަރުޙަބާ ވިދާޅުވީ މިނިސްޓަރ އިން އެޓެންޑެންސް އަދި މިނިސްޓަރު އޮފް ސްޓޭޓް ފޮރ ހެލްތް އެންޑް ޑިޖިޓަލް ޑިވެލޮޕްމަންޓް އެންޑް އިންފޮމޭޝަން ޓަން ކިއާޓް ހާއުއެވެ.

މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ސިންގަޕޫރު ސަރުކާރުގެ އިސްވެރިންނާ ބައްދަލުކުރައްވައި، މިހާރަށްވުރެ ގުޅުން ބަދަހިކުރެވިދާނެ އެކި ދާއިރާތަކުން މަޝްވަރާކުރައްވާނެއެވެ. މިގޮތުން ވިޔަފާރިއާއި، ބިނާވެށި ޕްލޭންކުރުމާއި، ޤާބިލުކަން އިތުރުކުރުމާއި، ފަންނީ ހުނަރު ބަދަލުކުރުމާއި، ދޭދޭ ގުޅުންތައް ހަރުދަނާކުރުމާ ގުޅޭގޮތުން އެ މަނިކުފާނު މަޝްވަރާ ކުރައްވާނެއެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި، ދެ ޤައުމުގެ ދެމެދުގައި އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމަށް، ފަހުމުނާމާތަކުގައި ސޮއިކުރައްވާނެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި ބިޒްނަސް ފޯރަމެއްގައިވެސް ބައިވެރިވެވަޑައިގަންނަވާނެއެވެ. މީގެއިތުރުން، އެމަނިކުފާނުގެ މިދަތުރުފުޅުގައި ސިންގަޕޫރުގައި ދިރިއުޅޭ ދިވެހިންނާވެސް ބައްދަލުކުރައްވާނެއެވެ.

މި އަހަރަކީ ދިވެހިރާއްޖެއާއި ސިންގަޕޫރާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރިތާ 50 އަހަރު ފުރޭ އަހަރެވެ. ދިވެހިރާއްޖެއާއި ސިންގަޕޫރާ ދެމެދު ސިޔާސީ ގުޅުން ގާއިމުކޮށްފައިވަނީ 1975 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 20 ވަނަ ދުވަހުއެވެ.

ކިޔުންތެރިންގެ ހިޔާލު