ENGLISH
06 ޖުލައި 2025
ފަސް ސަރަޙައްދެއްގައި ޙަލާލު ޓޫރިޒަމް ތަރައްޤީ ކުރަނީ، އިންވެސްޓަރުންނަށް ބޮޑެތި ލުއިތަކެއް
29 ޖޫން 2025
|
ރާޢްޖޭގެ ރިސޯޓެއް
ހަލާލް ޓޫރިޒަމަށް ޚާއްސަކޮށް ރަށްތަކެއް ކަނޑައަޅާ އެ ރަށްރަށަށް އިންވެސްޓް ކުރާ ވިޔަފާރިތަކަށް ޚާއްސަ އިނާޔަތްތަކާއި ލުއިތަކެއް ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމެވުމާއި އެއްގޮތަށް ޓޫރިޒަމް މިނިސްޓްރީން އެކަން ޢިއުލާނުކޮށްފި އެވެ.
އެ މިނިސްޓްރީން މިއަދު ބުނީ ފަތުރުވެރިކަން ތަރައްޤީވެފައިނުވާ އަތޮޅުތަކުގައި ފަތުރުވެރިކަން ފުޅާކުރެއްވުމަށް ރައީސް މުޢިއްޒު ވެވަޑައިގެންފައިވާ ވަޢުދުފުޅުގެ ދަށުން ރާއްޖޭގެ ފަސް ސަރަޙައްދެއްގައި ޙަލާލު ޓޫރިޒަމް ތަރައްޤީ ކުރެއްވުމަށް ނިންމަވާފައިވާ ކަމަށާއި މި ނިންމެވުމާއެކު ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތަށް އާ ދޮރެއް ހުޅުވިގެންދާނެ ކަމަށެވެ.
ޙަލާލު ޓޫރިޒަމަކީ ޚާއްސަކޮށް މުސްލިމުން ފަތުރުވެރީންގެ ބޭނުންތަކަށް ރިޢާޔަތްކޮށް އެހެން ހުރިހާ މެހެމާނުންނަށް ވެސް މެހެމާންދާރީ އަދާކުރެވޭ ގޮތަށް ފަރުމާ ކުރެވިފައިވާ ޚިދުމަތެއް ކަމަށާއި މި ކޮންސެޕްޓް ތަންފީޒު ކުރެވިގެން ދާނީ ރިސޯޓް ތަަރައްޤީ ކުރެވޭ މަރުހަލާގެ ތެރެއިންނާއި ރިސޯޓް އޮޕަރޭޝަންސް މަރުހަލާގައި ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
އެ ގޮތުން ޙަލާލު ޓޫރިޒަމަށް ރާއްޖޭގެ ފަސް ސަރަޙައްދަކުން ކަނޑައެޅޭ ރަށްތަކެއް ފަތުރުވެރިކަމަށް ހުޅުވާލާނެ އެވެ. އަދި ޙަލާލު ޓޫރިޒަމް ކޮންސްޕެޓަށް ތަރައްޤީކޮށް ހިންގުމަށް ޝައުޤުވެރިވާ އިންވެސްޓަރުންނަށް ހިތްވަރު ދިނުމަށް ލުއިތަކެއް ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވާފައިވާތީ، ލުއިތައް ވެސް ވަނީ ޢާންމުކޮށްފަ އެވެ.
* ލީސް އެކުއިޒިޝަން ކޯސްޓް އިތުރު 20 އިންސައްތަ ދަށްކުރުން
* ލީސް އެކުއިޒިޝަން ބަހާލައިގެން ދެއްކޭނެ މަގު ފަހި ކުރުން. މި ގޮތުން ރިސޯޓް ތަރައްޤީ ކުރުމަށް ދެވޭ މުއްދަތުގެ ތެރޭގައި ލީސް އެކުއިޒިޝަން 6 ވަނަ އަދި 6 ވަނަ އަހަރުގެ ފުރަތަމަ ކުއާޓާގައި ދައްކާ ގޮތަށް ހަމަޖެއްސުން
* ރިސޯޓް ތަރައްޤީ ކުރުމަށް ދީފައިވާ މުއްދަތު (ގްރޭސް ޕީރިއަޑް) ގެ ކުރީން ރަށް ނުވަތަ ފަޅު އޮޕަރޭޓް ކުރެވޭ ޙާލަތުގައި އެ ދުވަހުން ފެށިގެން ގްރޭސް ޕީރިއަޑްގެ ބާކީ އޮތް މުއްދަތަށް އަރާ ބިމު ކުލި ފަސްކޮށްދިނުމުގެ ބަދަލުގައި އެއްކޮށް މަޢާފުކޮށް ދިނުން
މީގެ އިތުރުން ރިސޯޓެއް ތަރައްޤީ ކުރުމަށް ގެންނަ ތަކެއްޗަށް 20 އިންސައްތަ އާ ހަމައަށް ޑިއުޓީ މަޢާފުކޮށް ދިނުމާއި އަދި ތަންތަން ތަރައްޤީ ކުރުމަށް ގެންނަ ފަރުނީޗަރާއި ކިޗަން އެޕްލައިސްސް އާއި އިލެކްޓްރޯނިކް އަދި އެހެނިހެން އެމެނިޓީސް ޑިއުޓީ މަޢާފުކޮށް ކެޓަގަރީއަށް އިތުރުކުރާނެ ކަމަށް މިނިސްޓްރީން ބުނެ އެވެ.
މި ލުއިތަކުގެ ސަބަބުން މުސްލިމުންނާ ރައްޓެހި މަންޒިލެއްގެ ގޮތުގައި ރާއްޖެ އިތުރަށް ތަރައްޤީވެ ރާއްޖޭގެ ޓޫރިޒަމް ސިނާޢަތް ސިންދަފާތުކުރުމަށް އިތުރަށް މަގު ފަހިވެގެންދާނެ ކަމަށް ސަރުކާރުން ބުނެ އެވެ. އަދި މިގޮތަށް ތަރައްޤީ ކުރާ ރިސޯޓްތަކުގެ ސަބަބުން މި ސަރަޙައްދުތަކުގައި ވަޒީފާ އުފެދި އިޤްތިސާދީ ދުވެލި ހަލުއިވެގެންދާނެ އެވެ.